ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ނުވަތަ ކޯވިޑް-19 އަށް ދުނިޔޭން ޕޮޒިޓިވް ވި އަދަދު ހަތް ލައްކަށްވުރެ ގިނަ ވެއްޖެއެވެ.
އެގޮތުން މި ވައިރަހުގެ ތަފާސްހިސާބު ގެނެސްދޭ އެއް މަސްދަރު ކަމުގައިވާ ވޯލްޑޯމީޓާސްގެ ތަފާސްހިސާބު ސަފްހާގައި ބުނެފައިވާގޮތުގައި އެ އަދަދު މިހާރުވަނީ 710،950 އަށް އަރާފައެވެ. މިއީ އިއްޔެ އާއި އަޅާބަލާއިރު 66،761 ގެ އިތުރުވުމެކެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު މަރުވި އަދަދު މިހާރު ވަނީ 33،553 އަށް އަރާފައެވެ. ބަލިން ރަނގަޅުވި އަދަދު ވަނީ 150،734 އަށް އަރާފައެވެ.
ވަކިވަކި ގައުމުތަކަށް ބަލާލާއިރު ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު އެންމެ ގިނައީ އެމެރިކާގައެވެ. އެމެރިކާގައި އެކަނި މި ވައިރަހަށް ޕޮޒިޓިވް ވެފައި 135،627 މީހުން އެބަތިއްބެވެ. އިޓަލީގައި 97،689 މީހުން އެބަތިއްބެވެ. އަދި ސްޕެއިންގައި 78،799 މީހުން އެބަތިއްބެވެ.
ރާއްޖެއިންވެސް މި ވައިރަސް ފެނިފައިވާއިރު ޖުމްލަ 17 މީހަކު މި ވައިރަހަށް ޕޮޒިޓިވް ވެފައިވެއެވެ. އޭގެ ތެރޭގައި ދެ ދިވެއްސަކު ހިމެނޭއިރު ދެ ދިވެހިން ފިޔަވައި އަނެއް 15 މީހުން މިހާރުވަނީ ބަލިން ރަނގަޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް