އައްޑޫ ސިޓީ ހިތަދޫގައި ކޯވިޑް-19 ގެ އަލާމާތްތަކާއި އެކު އިކުއެޓޯރިއަލް ހޮސްޕިޓަލް ޑޮކްޓަރަށް ދައްކަން ދިޔަ މީހަކަށް ފަރުވާ ދިން ޑޮކްޓަރާއި ނަރުހުން އައިސޮލޭޓް ވާން ޖެހިއްޖެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ވައިރަހުގެ އަލާމާތްތައް ފެންނާތީ ޑޮކްޓަރަށް ދައްކަން ދިޔައީ ދާދި ފަހުން އިންޑިއާގެ ކޮޗިންއަށް ދަތުރު ކޮށްފައިވާ މީހެއް ކަމަށެވެ. އައިސޮލޭޓްވާން އެންގީ ފަރުވާ ދިން ޑޮކްޓަރަށާއި ދެ ނަރުހުންނަށެވެ.
އެމީހުން ތިބީ ހޯމް އައިސޮލޭޝަންގައި އެވެ. މަބްރޫކް ވިދާޅުވީ އެމީހާ ހޮސްޕިޓަލަށް ދިޔައީ އެކަން ހޮސްޕިޓަލަށް ގުޅައި ނާންގާ ކަމަށެވެ. ޑޮކްޓަރާއި ދެ ނަރުހުން އައިސޮޅޭޓްވާން އެންހީ ރައްކާތެރިކަމުގެ ހެދުން ނާޅާ ފަރުވާ ދީފައިވާތީ އެވެ.
އެ ތިން މީހުން ގޭގައި އައިސޮލޭޓްވާން އެންގީ އެމީހާ ކޯވިޑް-19 އަށް ޓެސްޓުކޮށް ނަތީޖާ ލިބެންދެންނެވެ.
މިމަހު ކުރީކޮޅު އިންޑިއާގެ ކޮޗިންނަށް ދަތުރު ކުރި އައްޑޫ ސިޓީއަށް ނިސްބަތްވާ ކުޑަކުއްޖެއްގެ ގައިން އަލާމާތް ފެންނާތީ ވައިރަހަށް ޓެސްޓުކޮށްފައިވެ އެވެ. އެ ކުއްޖާގެ ނަތީޖާ ވަނީ ނެގެޓިވް ވެފައި އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް17 މީހަކު ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން11 މީހަކު ރަނގަޅުވެފައިވާއިރު ފަރުވާދެމުން ދަނީ ހަތަރު މީހުންނަށެވެ.
ފަރުވާ ދެމުންދާ މީހުންގެ ތެރޭގައި ދެ ދިވެހިން ހިމެނެ އެވެ. ދެން ޕޮސިޓިވްވި އީޓަލީގެ ދެ ޓޫރިސްޓުން ޕޮސިޓިވްކަން އެނގުނީ އެމީހުން ރާއްޖެއިން ފުރި ފަހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް