ރާއްޖޭގައި ކަރަންޓީން ކުރާ އެންމެން ކޯވިޑް-19 އަށް ޓެސްޓު ކުރަން ނިންމައިފި އެވެ.
މިހާރު ރާއްޖެއިން ބޭރުން އަންނާނީ ހަމަ އެކަނި ދިވެހިންނެވެ. ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގުމަކުން ވަނީ ރާއްޖެ އަންނަ އެންމެން ކަރަންޓީން ކުރަން ނިންމާފައި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު އަލީ ލަތީފު ވިދާޅުވީ މާދަމާއިން ފެށިގެން ކަރަންޓިން ކުރެވިފައިވާ އެންމެން ކަރަންޓީން މުއްދަތު ހަމަކޮށް ދޫކޮށްލުމުގެ ކުރިން ދެ މަރުހަލާއެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ. މިހާރު ހަމައެކަނި ސިއްހީ ހާލަތު ދެނެގަންނަން ތައްޔާރުކޮށްފައިވާ ފޯމެއްގައިވާ މައުލޫމާތު ފުރިހަމަ ކުރަނީ ކަމަށާއި އޭގެ ބަދަލުގައި ދެން އެ މަރުހަލާގެ އިތުރުން ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ވައިރަހަށް ޓެސްޓު ކުރާނެ ކަމަށެވެ.
ޑރ. އަލީ ލަތީފް ވިދާޅުވީ ވައިރަހަށް ޓެސްޓު ކުރުމާއި ގުޅޭގޮތުން ރާއްޖޭގައި އަމަލު ކުރަމުންދަނީ ކުއިކް ރިފަރެންސް ގައިޑްލައިނަކަށް ކަމަށެވެ. އެއީ ހާލަތަށް އަންނަ ބަދަލާއި އެއްގޮތަށް ބަދަލު ގެންނަ ގައިޑްލައިނެއް ކަމަށާއި އެގޮތުން މާދަމާއިން ފެށިގެން އަމަލު ކުރަން ފަށާނީ އެ ގައިޑްލައިނަށް ގެންނަ ނުވަ ވަނަ ބަދަލާއި އެއްގޮތަށް ކަމަށެވެ.
އެ ގައިޑްލައިންގައި ކުރިން ވައިރަހަށް ޓެސްޓު ކުރާގޮތަށް އޮންނަނީ ވަރަށް ކުޑަކޮށްް ހުން އަންނަ މީހުންނާއި، ބަލީގެ އަލާމާތްތައް ހުންނަ މީހުން އަދި ޕޮސިޓިވްވާ ފަރާތަކާއި ވަރަށް ގާތް ގުޅުމެއް އޮންނަ މީހެކެވެ. އެފަދަ ފަރާތްތަކަކީ ޑރ. ލަފީފް ވިދާޅުވި ގޮތުގައި ޕޮސިޓިވްވާ ފަރާތުގެ އަނބިމީހާ/ ފިރިމީހާ ނުވަތަ އެއް ކޮޓަރިއެއްގައި އުޅެފައިވާ މީހުންނެވެ.
އޭނާ ވިދާޅުވީ މިހާތަނަށް އަމަލު ކުރި އެ ގައިޑްލައިންގެ އެއްވެސް ބަދަލެއްގައި ޕޮސިޓިވް ކޭސް އަކާއި ގުޅުން ހުރި ހުރިހާ އެންމެން ޓެސްޓު ކުރަން ލިޔެފައި ނޯންނާނެ ކަމަށެވެ. އަލަށް އެ ގައިޑްލައިނަށް ގެނައި ބަދަލަކީ ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހާލަތަށް އަންނަމުންދާ ބަދަލާ ގުޅިގެން ގެނައި ބަދަލެއް ކަމަށް ވިދާޅުވި އެވެ.
ކަރަންޓީން ކުރެވިފައިވާ ހުރިހާ އެންމެން ދޫކޮށްލުމުގެ ކުރިން ވައިރަހަށް ޓެސްޓު ކުރަން ނިންމާފައި މިވަނީ ޕޮސިޓިވްވި ދެމީހަކާއި ގުޅުން ހުރި ދެ ޓޫރިސްޓަކު ފުރައިގެން ދިޔަ ފަހުން އެމީހުން ވައިރަހަށް ޕޮސިޓިވްކަން އެނގުނު ހިސާބުންނެވެ. އެ ދެމީހުން ފުރުމުގެ ހުއްދަ ދީ، ކަރަންޓީނުން ދޫކޮށްލީ ބަލީގެ އެއްވެސް އަލާމާތެއް ފެންނަން ނެތުމުން ކަމަށް އެޗްޕީއޭއިން ކުރިން ބުނެފައިވެ އެވެ.
އެ ދެމީހުންނަކީ އައިލެންޑް ސަފާރީ 1 ން ޕޮސިޓިވްވި ދެމީހުންނާއި ގުޅުން ހުރި ދެމީހުންނެވެ. އެޗްޕީއޭއިން އެ ސަފާރީން ކަރަންޓީން ކުރި އެންމެންގެ ސާމްޕަލް ނަގާ ޓެސްޓު ކުރީ ބައްޔާއި ގުޅޭގޮތުން ހަދަމުންދާ ދިރާސާއަކަށް މައުލޫމާތު އެއްކުރުމަށެވެ.
މިހާރު ރާއްޖޭގެ އެކި ކަރަންޓީން ފެސިލިޓީތަކުގައި ޖުމްލަ860 މީހަކު އެބަ ތިއްބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް