ފުލުހުންގެ މަސައްކަތުގެ އަގުވަޒަން ކުރަން ޖެހޭ: ރައީސް

ފުލުހުންގެ މަސައްކަތްތަކުގެ އަގު ވަޒަން ކުރަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ. ފުލުހުންގެ 87 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތާބުގައި ވިދާ...

29 Mar 2020 | 08:48

ފުލުހުންގެ މަސައްކަތްތަކުގެ އަގު ވަޒަން ކުރަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ 87 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ ފުލުހުންގެ މަސައްކަތްތަކުގެ އަގު ވަޒަން ކުރަން ޖެހޭ ކަމަށާއި، އަގު ވަޒަން ކުރުމުގެ ގޮތުން އެންމެން ވެސް ގޭގައި ތިބުމާއި މީހުން އެއްވެއުޅުން މުޅިން ހުއްޓުމަކަށް ގެނައުން މުހިންމު ކަމަށެވެ.

ރައީސްގެ ހިތާބުގައި ކޯވިޑް-19 އިން އަރައިގަތުމަށް ރާއްޖޭން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ފުލުހުން ކުރަމުން އަންނަނީ ވަރަށް މުހިންމު އެކަމަކު ނުރައްކާތެރި މަސައްކަތްތަކެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ މި ނުރައްކަލުން އަރައިގަތުމަށް ކުރާ މަސައްކަތުން ފުލުހުންގެ އެއްބާރުލުން ލިބޭތީ އެކަމުން އެނގިގެންދަނީ ގައުމަށް ދިމާވާ ކޮންމެ ކަމެއްގައި ފުލުހުންނަކީ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާނެ ބައެއްކަމަށެވެ.

މި ބައްޔަށް ޕޮޒިޓިވްވާ މީހުން ކަރަންޓީން ކުރާ ތަންތަނާއި ބައްޔަށް ޝައްކު ކުރެވޭ މީހުން އެކަހެރިކޮށް ބައިތިއްބާ ތަންތަނުގެ އިތުރުން ރިސޯޓްތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓަނީ ފުލުހުންކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެއީ ވަރަށް ނާޒުކު އަދި ވަރަށް ނުރައްކާތެރި މަސައްކަތެއް ކަމަށެވެ.

މި ނާޒުކުކަމުގެ ނާޖާއިޒު ފައިދާ ނަގައި އެކި ބާވަތުގެ ކުށްތަކަށް އަރައިގަންނަން މަސައްކަތް ކުރާ ބަޔަކު ވެސް އުޅޭ ކަމަށާއި، އެފަދަ ކަންކަމަށް ސަމާލުވެ އެކަންކަން ހުއްޓުވުމަށް ފުލުހުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް