ކޯވިޑް-19: ބަލި މީހުންނަށް ފަރުވާ ދޭން ލަންކާގައި ރޮބޮޓް ބޭނުން ކުރަން ފަށަނީ

އަވައްޓެރި ސްރީލަންކާގައި ކޮރޯނާ ވައިރަސް ޖެހިފައިވާ ބަލި މީހުންނަށް ފަރުވާ ދިނުމަށް ރޮބޮޓް ބޭނުން ކުރަން ތައްޔާރުވެއްޖެ އެވެ. ލަންކާގެ ކުންފުންޏެއްކަމަށްވާ އަޓްލަސް އަޒިލިއާ އިން އުފެއްދި މި ރޮބޮޓް މ...

29 Mar 2020 | 08:13

އަވައްޓެރި ސްރީލަންކާގައި ކޮރޯނާ ވައިރަސް ޖެހިފައިވާ ބަލި މީހުންނަށް ފަރުވާ ދިނުމަށް ރޮބޮޓް ބޭނުން ކުރަން ތައްޔާރުވެއްޖެ އެވެ.

ލަންކާގެ ކުންފުންޏެއްކަމަށްވާ އަޓްލަސް އަޒިލިއާ އިން އުފެއްދި މި ރޮބޮޓް މިހާރު އެ ގައުމުގައި ކޯވިޑް-19 ޖެހިފަ ތިބި މީހުންނަށް ފަރުވާ ދެމުންދާ ހޮމަގަމާ ހޮސްޕިޓަލްގައި ދަނީ ޓެސްޓު ކުރަމުންނެވެ.

މި ރޮބޮޓް އުފެއްދުމުގެ މަގުސަދަކީ ސިއްހީ ހިދުމަތްތެރިން ވައިރަސްގެ ނުރައްކަލުން ސަލާމަތް ކުރުމުގެ މަގު ފަހިކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

"އޭޖީވީ" ގެ ނަން ދީފައިވާ މި ރޮބޮޓަކީ ވަޔާލެސްކޮށް ބޭނުން ކުރެވޭ ރޮބޮޓެކެވެ. މި ރޮބޮޓްގެ އެހީގައި ކާއެއްޗިއްސާއި ބޭސް ބަލިމީހާއަށް ގެންގޮސްދެވެ އެވެ. އާދައިގެ ފަރުވާތައް ކަމަށްވާ ޓެމްޕަރޭޗާ ބެލުން ފަދަ ކަންކަން ކުރެވެ އެވެ.

ބަަލި މީހާ ކައިރިއަށް ޑޮކްޓަރު ދިއުމުގެ ބަދަލުގައި އޭގައި އިންނަ ކެމެރާއެއް މެދުވެރިކޮށް ޑޮކްޓަރާއި ނުވަތަ ނަރުހާއި ބަލި މީހާ އާއި ދެމެދު މުއާމަލާތް ކުރެވެ އެވެ. އަދި އެމީހާގެ ސިއްހީ ހާލަތު އެ ރޮބޮޓް މެދުވެރިކޮށް ޑޮކްޓަރަށް ބެލެ އެވެ.

މި ރޮބޮޓަކީ އެ ކުންފުނިން ލަންކާ ސަރުކާރަށް ހަދިޔާ ކުރާ އެއްޗެކެވެ. އަދި އަޖުމަ ބެލުމަށް ފަހު އިތުރު ހޮސްޕިޓަލްތަކުގައި ބޭނުން ކުރަން މިފަދަ ރޮބޮޓްތައް ތައްޔާރު ކުރާނެ ކަމަށް ބުނެފައިވެ އެވެ.

މިހާތަނަށް ސްރީލަންކާއިން115 މީހަކަށް ކޯވިޑް-19 ޖެހިފައިވެ އެވެ. އަދި އެކަކު ވަނީ އިއްޔެ މަރުވެފައި އެވެ.

ވައިރަސް ކޮންޓްރޯލް ކުރުމަށް އެ ގައުމުގައި ވަނީ މުއްދަތެއް ނެތް ގޮތަށް ކާފިއު އިއުލާނުކޮށް މުޅި ގައުމު ބަންދުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް