ދިވެހި ރާއްޖޭގެ ދާހިލީ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށް ފުރިހަމަ އަމާން ވެއްޓެއް ގާއިމުކުރަމަށް ޓަކާ ރެއާ ދުވާލު ގޮންޖެހުންތަކާ ނުރައްކަލުގެ ކުރިމަތީގަ ދިވެހި ފުލުހުން ކުރަމުންދާ ބުރަމަސައްކަތް ފަހަގަ ކޮށް ޝުކުރުއަދާ ކުރައްވާކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަ ކުރަމުންދާ ފުލުހުންގެ 87 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ކިޔުއްވަމުން އާންމު ކުރެއްވި ކުރު ހިތޯބެއް މެދުވެރިކޮށް އިމްރާން ވިދާޅުވީ ކޯވިޑް-19 ގެ ސަބަބުން މިވަގުތު ދުނިޔެއަށް ކުރިމަތި ވެފައިވާ ސިއްހީ ނުރައްކަލުގެ ހާލަތުން ދިވެހި ރައްޔިތުން އަރައިގަތުމަށް ކުރާ ބުރަ މަސައްކަތުގެ ކުރީ ސަފުގައި ދިވެހި ފުލުހުން މަސައްކަތް ކުރަމުން ގެންދާތީވެ ޝުކުރު އަދާކުރައްވާކަމަށެވެ. އަދި އިމްރާން ވަނީ ފުލުހުން ގެ މި މަސައްކަތް އާއިލާތަކުގެ ބޮޑު އެހީތެރިކަމަކާއެކު މެނުވީ ނުކުރެވޭނެކަން ފާހަގަކޮށް ފުލުހުންގެ އާއިލާތަކަށް ވެސް ޝުކުރުއަދާ ކުރައްވާފައެވެ.
ރާއްޖޭގެ ދާހިލީ ސަލާމަތް ރާއްކާތެތެރިކޮށް އަމާން ވެއްޓެއް ގާއިމް ކުރަން ފުލުހުން ގޮންޖެހުންތަކާއެކު މަސައްކަތް ކުރާ ކަމަށާއި، ވޭތުވެދިޔަ އަހަރަކީ ފުލުހުންގެ މަސައްކަތުގައި ވަރަށް ކާމިޔާބު އަހަރެއް ކަމަށް އިމްރާންގެ ހިތޯބްގައި ވިދާޅުވިއެވެ. އިތުރަށް މުޅި ރާއްޖޭގެ ކުށުގެ ވެއްޓަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާއި ދާހިލީ ސަލާމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކު ފުލުހުންގެ ހިދުމަތަށް ގެންނަން ޖެހޭ މުހިންމު ބަދަލުތައް ގެނެވުނު ކަން އުފަލާއެކު ފާހަގަކުރާކަމަށް އިމްރާން ވިދާޅުވި އެވެ.
ކޯވިޑް-19 ގެ ސަބަބުން މިވަގުތު މިޅި ދުނިޔެއަށް ކުރިމަތިވެފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުން ދިވެހި ރައްޔިތުން އަރައިގަތުމަށް ކުރަމުންދާ ބުރަ މަސައްކަތުގެ އެންމެ ކުރީ ސަފުގައިވެސް ދިވެހި ފުލުހުން ދަނީ މަސައްކަތް ކުރަމުން އަންކަން އިމްރާން ވިދާޅުވިއެވެ. އަދި ފުލުހުންގެ ހުރިހާ ވަސީލަތެއް އެކަމަށް ބޭނުން ކުރާއިރު ކޮންމެ ފުލުހެއްގެ ހަކަތަވެސް އެކަމުގައި ބޭނުން ކުރާ ކަމަށާއި އެކަން ބަލައިގަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް