ކޯވިޑް-19 އާއި ގުޅިގެން އެކި ގައުމުތަކުގައި ތިބި ދިވެހިން މިވަގުތު އެ ގައުމުތަކުގައި ތިބުމަކީ އެންމެ ރައްކާތެރިގޮތް ކަމަށް ސަރުކާރުން ބުނުމުން އެކަމާ ހިތްހަމަ ނުޖެހުނު މީހުން ވަރަށް ގިނަ އެވެ.
މިގޮތަށް ސަރުކާރުން އިރުޝާދު ދިނީ ކޯވިޑް-19 އަކީ ގިނަ މީހުން އެއްތަނަކަށް އެއްވުމާއި ވަރަށް ބޮޑަށް ގުޅިފައިވާ ބައްޔެއް ކަމަށް ސިއްހީ މާހިރުން ލަފާ ދެއްވުމުންނެވެ.
މިއަދު ރާއްޖޭގެ އިތުރުން އެހެން ގައުމުތަކުންވެސް ގައުމުން ބޭރުގައި ތިބި ރައްޔިތުންގެ ކިބައިން ގައުމަށް މި ދަނޑިވަޅު ނުދިއުމަށް ދަނީ އެދެމުންނެވެ. އޭގެ ތެރޭގައި ޗައިނާ އާއި އަވައްޓެރި ސްރީލަންކާ ހިމެނެ އެވެ.
ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ ވިދާޅުވެފައިވަނީ ލަންކާ ސަރުކާރުގެ އެދުމަކީ ގައުމުން ބޭރުގައި ތިބި ލަންކާ ރައްޔިތުން އެނބުރި ގައުމަށް ނައިސް އެ ތިބި ގައުމެއްގެ ގޭގައި އައިސޮލޭޓްވެގެން ތިބުން ކަމަށެވެ. އޭނާ ވިދާޅުވެފައިވަނީ ގައުމަށް ދިއުމަށް ބޭރަށް ނުކުންނަން ޖެހުމާއި އެއާޕޯޓު ފަދަ ތަންތަނަށް ދިއުމުން ބަލި ޖެހުމުގެ ފުރުސަތު ބޮޑުވަނީ ކަމަށެވެ.
އޭގެ ބަދަލުގައި އެ ގައުމުތަކުގައި ތިބެ ކުޑަވެސް އެހީއެއް ބޭނުންވާނަމަ އަވަހަށް ލަންކާ ސަރުކާރަށް އެންގުމަށް އެދޭ ކަމަށާއި އޭރުން ވިހާވެސް އަވަކަށް އެބޭނުންވާ ކަމެއް ހަމަޖައްސައިދެވޭތޯ މަސައްކަތް ކުރާނެ ކަމަށް ގޮތަބަޔާ ވިދާޅުވެފައިވެ އެވެ.
މިބަލި ފުރަތަމަ ފެނުނު ޗައިނާއިން ބަލި ކޮންޓްރޯލް ކޮށްފައިވާއިރު އެ ގައުމުން ވަނީ ބިދޭސީންނަށް ޗައިނާއަށް ދިއުން މަނާ ކުރުމުގެ އިތުރުން ގައުމުން ބޭރުގައި ތިބި އެ ގައުމުގެ މީހުން ގޭގައި އައިސޮލޭޓް ވެގެން ތިބުމަށް އިލްތިމާސް ކޮށްފައި އެވެ.
ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒިޒުވެސް ވިދާޅުވީ މިހާރު އެމީހަކު ހުރި ގައުމެއްގައި ގޭގައި އައިސޮލޭޓް ވެގެން ތިބުމަކީ މިވަގުތު އެންމެ ރައްކާތެރި ގޮތް ކަމަށެވެ. ފުރަން އެއާޕޯޓަށް ދިއުމާއި ބޭރަށް ނުކުމެ އުޅެން ޖެހުމުން ގިނަ މީހުންނާއި ބައްދަލުވެ ގައިގޯޅިވެ އުޅެން ޖެހުމުން ބަލި ޖެހުމުގެ ފުރުސަތު ބޮޑުވާނީ ކަމަށް ވިދާޅުވި އެވެ.
ދިވެހިން ސަރުކާރުން ބުނީ ގައުމުން ބޭރުގައި ތިބި ހުރިހާ ދިވެހިންގެ ހާލު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ބޭރުގައި ތިބި ދިވެހިންގެ ތެރެއިން ސަރުކާރު ހަރަދުގައި ރާއްޖެ ގެނައުމުގައި އިސްކަން ދޭނީ ސިއްހީ ނިޒާމު ރަނގަޅު ނޫން އަދި ބަލީގެ ނުރައްކާތެރިކަން ބޮޑެތި ގައުމުތަކުގައި ތިބި މީހުންނަށެވެ.
މިހާތަނަށް ރާއްޖޭގައި ތިބި ދިވެހިންގެ ތެރެއިން ކޮރޯނާ ވައިރަސް ޖެހިފައިވަނީ އިނގިރޭސިވިލާތުން ރާއްޖެ އައި ދެމީހުންނަށެވެ. އެމީހުން ރާއްޖެ އައި ދުވަހުން ފެށިގެން ތިބީ ރިސޯޓަކުގައި ގާއިމް ކޮށްފައިވާ ކަރަންޓީން ފެސިލިޓީތަކުގައި އެވެ.
އެހެންވެ ހެލްތް މިނިސްތްރީން ބުނީ އަދިވެސް ރާއްޖޭގައި ބަލި ފެތުރެން ފެށުމުގެ ފުރުސަތު ކުޑަކުރެވޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް