އިންޑިއާއިން ރާއްޖެއަށް ގެންނަން ޖެހޭ ބޭހުގެ ބާވަތްތައް ކޯވިޑް-19 އާ ގުޅިގެން އިންޑިއާއިން އެޅި ފިޔަވަޅުތަކުގެ ސަބަބުން ނުގެނެވި ލަސްވުމާ ގުޅިގެން އެތަކެތި ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.
އިންޑިއާގެ ފަސް ސިޓީއަކުން ރާއްޖެ ގެނައުމަށް ތައްޔާރުކޮށްފައިވާ ބޭހުގެ ބާވަތްތައް ތައްޔާރަށް ހުރިނަމަވެސް އެތަކެތި ރާއްޖެއަށް ގެނައުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. ދަތިތައް ދިމާވެފައިވަނީ ކޯވިޑް-19އާ ގުޅިގެން މުޅި އިންޑިއާ ލޮކްޑައުން ކުރެވިފައިވުމާ ގުޅިގެން، އެގައުމުގެ ދަތުރުފަތުރުގެ ނިޒާމަށް މަޑުޖެހުމެއް އައިސްފައިވާތީއެވެ.
މި ބޭސްތަކަކީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އިން އޯޑަރުކޮށްފައިވާ ބޭސްތަކެކެވެ.
މިކަމާ ގުޅޭގޮތުން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ ސުބްރަމާނިއަމް ޖައިޝަންކަރާ ފޯނުން ގުޅުއްވައި މަޝްވަރާކުރައްވާފައެވެ. އަދި ބޭހުގެ ބާވަތްތައް މެދުކެނޑުމެއް ނެތި ރާއްޖެއަށް ފޯރުކޮށްދިނުމާ ބެހޭ ގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
މިމަހުގެ 14 ވަނަ ދުވަހު އިންޑިއާއިން ވަނީ ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބޭހުގެ ތިން މަސްދުވަހުގެ ސްޓޮކް ހިލޭ ދީފައެވެ.
ލޮކްޑައުން ހާލަތާ ގުޅިގެން ކާޑުގެ ބައެއް ބާވަތްތައް އިންޑިއާގެ ބަނދަރުތަކުން ބަރުކުރުމުގައި ދިމާވި ދަތިތައް ފިލުވައި، މިހާރު ބައެއް ޝިޕްމަންޓްތައް ވަނީ ރާއްޖެއަށް ގެނެވިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް