ދަމަނަ ވެށިން ދެމުން އަންނަ ވެކްސިން ދިނުމުގެ ޚިދުމަތަށް ބަދަލު ގެނެސްފިއެވެ.
ދަމަނަ ވެށިން ނެރިފައިވާ އިއުލާނެއްގައި ބުނެފައިވަނީ މާޗް 12 އިން ފެށިގެން ޢިއުލާނު ކޮށްފައިވާ ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެން 29 މާޗުން ދޭއް އެޕްރީލްއަށް އަށް ދަމަނަވެށިން ވެކްސިންދޭ ގަޑިތަކަށް ބަދަލުގެނެސްފައިވާ ކަމަށެވެ.
އެގޮތުން 18 އަހަރުން ދަށުގެ ކުދިންނަށް ވެކްސިން ތާވަލުގައި ހިމެނޭ ވެކްސިންތައް އަދި ޑޮކްޓަރުން ލިޔެދެއްވައިގެން ޖަހާ ވެކްސިން ދޭނީ ހެނދުނު 09:00 އިން މެންދުރު 12:00 އަށެވެ. އެއީ ހުކުރު، ހޮނިހިރު ފިޔަވާ ކޮންމެ ދުވަހަކު އެވެ.
ފްލޫ ވެކްސިން ޖެހުމަށް ބޭސް ސިޓީ ހައްދައި ދިނުމާއި، ފްލޫ ވެކްސިން ޖަހައިދޭނީ މެންދުރު 1:00 އިން މެންދުރުފަހު 3:00 އަށް އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހު އެވެ. މި ދެ ހިދުމަތްތައް ފިޔަވާ އިތުރު ހިދުމަތްތައް މިވަގުތު ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށް ދަމަނަވެށިން ބުނެއެވެ
އަދި ޚިދުމަތްތަކަށް ގެނެވޭ ބަދަލުތައް އަންގަމުން ދާނެ ކަމަށާއި، ޚިދުމަތް ހޯދަން އަންނައިރު އައިޑީ ކާޑު، އަދި ކުޑަކުދިންގެ ވެކްސިން ޖަހަން ވެކްސިން ފޮތް ގެނައުމަށް ސަމާލުކަން ދިނުމަށް ދަމަނަ ވެށިން ވަނީ އެދިފައެވެ. އަދި ފްލޫ ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ ޑޮކްޓަރު ސިޓިއާއި އެކު ވެކްސިން ގަނެގެން އައުމުން ކަމަށާއި، ވެކްސިން ޖެހުމުގެ ފީއަށް ދިވެހިންނަށް 10 ރުފިޔާ އަދި ބިދޭސީންނަށް 20 ރުފިޔާ ނަގާނެ ކަމަށް ދަމަނަ ވެށިން ބުނެއެވެ.
އެ ސެންޓަރުން ވަނީ މިދަނޑިވަޅުގައި ޚާއްސަކޮށް ރޯގާޖެހި ހުންއައިސް ކެއްސާނަމަ، އެފަރާތްތަކުން ފްލޫ ކްލިނިކަށް ދެއްކުމަށް އިލްތިމާސް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް