ކައުންސިލް އިންތިހާބުގެ ކެމްޕެއިން ފެށުމުން ރޭ ޕީޕީއެމްއިން ބޭއްވި "މީ މަގޭ ރާއްޖެ" ޖަލްސާއަށް ގިނަ ބަޔަކު ދިޔައީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސަތު ތަކާއި މެދު ރައްޔިތުން ހިތްހަމަ ނުޖެހިފައި ތިބުމުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ނަޝީދުގެ ސިޔާސަތުތަކަށް ރައްޔިތުން ތާއީދު ނުކުރާކަމަށެވެ. އަދި އިސްލާމް ދީނާއި މިނިވަން ކަމަށް ގޮން ޖެހުމާއި ސަރުކާރުގެ ތެރޭގައި އާންމުވަމުން އަންނަ ކޮރަޕްޝަންގެ އަމަލުތަކާއި މެދު ރައްޔިތުން ހިތްހަމަ ނުޖެހިފައި ތިބުމަކީ ރޭގެ ޖަލްސާއަށް ގިނަ ބަޔަކު ދިޔަ މައިގަނޑު ސަބަބުތައް ކަމަށެވެ.
އޭނާ ވިދާޅުވީ ގިނަ ބަޔަކު އެ ޖަލްސާއަށް ދިއުމުން އެނގިގެންދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމްގެ ވެރިކަމުގައި ކޮށްދީފައިވާ މަސައްކަތްތައް އިހުލާސްތެރިކަމާއި އެކު ރައްޔިތުން ބަލައިގެންފަވާ ކަން ކަމަށެވެ.
https://twitter.com/MJameelAhmed/status/1233632218108456960
ޖަމީލްގެ އިތުރުން އަމިއްލަގޮތުން މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވީ ރޭގެ ޖަލްސާއަކީ މި ސަރުކާރުގެ މޫނުމަތީގައި ޖެހި ތަފާލެއް ކަމަށެވެ. އަދި އެހާ ގިނަ ބަޔަކު ޖަލްސާއަށް ދިޔައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ނަޝީދު ކުރައްވާ ދުއްތުރާ އާއި މެދު ހިތްހަމަ ނުޖެހިގެން ކަމަށެވެ.
https://twitter.com/AlhanFahmy/status/1233421849746259968
ރޭގެ ޖަލްސާއަށް ދިޔަ މީހުން ގިނަ ކަމުން ޕީޕީއެމްގެ އިސްވެރިންވެސް ތިއްބެވީ ހައިރާންވެވަޑައިގެންފަ އެވެ. އެކަމަކު މިކަމަށް ފާޑު ކިޔާމީހުން ބުނަމުންދަނީ މީހުން ގިނަކަން އެނިގެން ދާނީ އޭޕްރިލް ހަތަރު ވަނަ ދުވަހު ބާއްވާ އިންތިހާބުގެ ނަތީޖާއިން ކަމަށެވެ.
އެއީ މި ވެރިކަން ފެށިގެން މިހާތަނަށް އައި އިރު ޕީޕީއެމްއަށް މިހާ ގިނަ ސަޕޯޓަރުންނާއި އެކު ޖަލްސާއެއް ބޭއްވިފައެއް ނުވެ އެވެ. ރޭގެ ޖަލްސާއަށްވެސް އަތޮޅު ތެރެއިން ގިނަ ބަޔަކު އައިސްފަވެ އެވެ. އަދި އަތޮޅު ތެރޭގެ ބައެއް ދާއިރާތަކަށް ކުރިމަތިލާ ކެންޑިޑޭޓުން ވާހަކަ ދެއްކެވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް