މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮރޮނާ ވައިރަސް ނާންނާނެ ކަމަށް އެއްވެސް ގައުމަކުން ހީކޮށްގެން ތިބުމަކީ ކުށް ހީއެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ބުނެފި އެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޖަމިއްޔާގެ ޑިރެކްޓަރު ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ވިދާޅުވީ ފެންނަމުންދާ މަންޒަރުތަކުން ދުނިޔޭގެ ކުރި އަރާފައިވާ ބައެއް މުއްސަނދި ގައުމުތަކުން ކޮރޯނާ ވައިރަސް އެ ގައުމުތަކުގައި ފެތުރިދާނެ ކަމުގެ ކަންބޮޑުވުމެއް ނެތް ކަމަށެވެ. އެކަމަކު އެއީ ކުށް ހީއެއް ކަމަށާއި މިހާރުު ވައިރަސް ފެތުރެމުންދާ މިންވަރަށް ބަލާއިރު ކޮރޯނާ ވައިރަސް ނާންނާނެ ކަމަށް އެއްވެސް ގައުމަކުން އުންމީދު ކޮށްގެން ނުވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އިޓަލީ ފަދަ ގައުމުތަކުގައި ވައިރަސް ފެތުރެމުންދަނީ އިންތިހާއަށް ކަންބޮޑުވާން ޖެހޭ ފަދަ މިންވަރަކަށެވެ. އަދި ޗައިނާ ފިޔަވާ އެންމެ ގިނަ މީހުން މަރުވެފައިވާ އީރާންގެ ބަލި ފެތުރެމުންދާ ހާލަތާއި މެދުވެސް ކަނބޮޑުވާ ކަމަށް ޑރ. ޓެޑްރޮސް ވިދާޅުވި އެވެ.
މިހާތަނަށް ދުނިޔޭގެ50 ގައުމަކުން ކޮރޯނާ ވައިރަސް ފެނިފައިވާއިރު އެއް ދުވަހުން އަނެއް ދުވަހަށް މަރުވާ މީހުންގެ އަދަދުވެސް ދަނީ އިތުރު ވަމުންނެވެ. ޑަބްލިއު އެޗްއޯއިން ބުނީ ކުރިޔަށް އޮތް ދުވަސްތަކުގައި މި އަދަދު ހައިރާން ކުރުވާ ވަރަށް އިތުރުވެގެންދާނެ ކަމަށެވެ.
ޗައިނާގެ ވޫހާ ސިޓީއަށް އުފަންވި މި ބަލީގައި ޗައިނާއިން އެކަނިވެސް3،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު ބައްޔަށް އަދި ވެކްސިނެއް ނެތެވެ. އެކަމަކު މި ބައްޔަށް އެމެރިކާގެ ކުންފުންޏަކުން ވަނީ ފުރަތަމަ ފަހަރަށް ވެކްސިނެއް ތައްޔާރުކޮށްފައި އެވެ.
އެ ވެކްސިން ޓެސްޓު ކުރުމަށް އިންސާނުން ގަޔަށް ޖަހަން ފަށާނީ އަންނަ އޭޕްރިލް ފަހު ކޮޅު އެވެ..
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް