ލާދީނީ މައުލޫމާތު ފެތުރިކަމަށް ބުނާ ވޯކްޝޮޕްތަކުގެ ދިފާއުގަ އެމްޑީޕީން ބަޔާނެއް!

އިސްލާމް ދީނާއި ހިލާފު ވާހަކަތަކެއް ދައްކައި ދީނުގެ އަސްލު އޮޅޭ ފަދަ މައުލޫމާތު ތަކެއް ދިން ވޯކްޝޮޕްތަކެއް އަތޮޅު ތެރޭގައި ބޭއްވި ކަމަށް ބުނާ މައްސަލައިގަ އެމްޑީޕީން ބަޔާނެއް ނެރެފި އެވެ. އެ ބަޔާނުގައ...

29 Feb 2020 | 06:43

އިސްލާމް ދީނާއި ހިލާފު ވާހަކަތަކެއް ދައްކައި ދީނުގެ އަސްލު އޮޅޭ ފަދަ މައުލޫމާތު ތަކެއް ދިން ވޯކްޝޮޕްތަކެއް އަތޮޅު ތެރޭގައި ބޭއްވި ކަމަށް ބުނާ މައްސަލައިގަ އެމްޑީޕީން ބަޔާނެއް ނެރެފި އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށް ގެންދިޔަ ވޯކްޝޮޕްތަކާ ގުޅޭ ގޮތުން ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އެ ބަޔާނުގައި ބުނީ ދީނީ ގޮތުން ހިޔާލުތަފާތުވާ ވަގުތުތަކުގައި ވަކި ބަޔަކީ އިސްލާމް ދީނުގެ އަދުއްވުންގެ ގޮތުގައި ސިފަކޮށް އެފަރާތްތަކާމެދު ރައްޔިތުންގެ ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށް ވާހަކަދައްކަމުންދާ ކަމަށެވެ.

އެމްޑީޕީން ބުނީ ދީނީގޮތުން ހިލާފު އުފެދޭ ކަންކަމާއި، މައްސަލަތަކުގައި ތިމާ ގަބޫލުކުރާ ގޮތް ނޫން އެހެން ރައުޔަކަށް ބުރަވާ މީހުންނީ "ލާދީނީ" މީހުންކަމުގައި ލޭބަލްކުރަމުންދާ ކަމަށެވެ. އަދި އެމީސްމީހުނާމެދު ނަފްރަތާއި ރުޅިވެރިކަން އުފައްދަން ދޮގު ވާހަކަ ދައްކައި މުޖްތަމައު ފިތުނަ ކުރުމަކީ އެ ޕާޓީއަށް ގަބޫލުކުރެވޭނޭ ކަމެއް ނޫންކަމަށެވެ.

މިފަހަކުން އެފަދަ ކަންކަން ހިނގާފައިވާކަން ފާހަގަކޮށް އެ ބަޔާނުގައި ބުނެފައިވަނީ އޭގެެ އެއް ހާދިސާ އަކީ ހއ. ހަނިމާދޫގައި ބޭރުގެ ޖަމިއްޔާއަކުން ހިންގި ވޯކްޝޮޕާއި ގުޅޭގޮތުން ދައްކަމުންދާ ވާހަކަތައް ކަމަށެވެ.

"ފަރުދުންގެ މެދުގައި ދީނީ ގޮތުން ހިޔާލުތަފާތުވާ ވަގުތުތަކުގައި އެފަރާތްތަކާ ހިޔާލު ތަފާތުވާ މީހުންނަކީ އިސްލާމް ދީނުގެ އަދުއްވުންގެ ގޮތުގައި ސިފަކޮށް އެފަރާތްތަކާމެދު ރައްޔިތުންގެ ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށް ދައްކާ ވާހަކަތަކެވެ. އަދި، އެކަންކުރުމުގައި އެއްވެސް ހަގީގަތެއް ނެތް ބުހުތާނު ދޮގު ހަދަމުންދާ ދިޔުމެވެ. އޭގެ އެއް މިސާލަކީ، މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވޯކްޝޮޕެއް ބޭއްވުމަށް ރާއްޖެ އައި ފައުންޑޭޝަނެއްގެ މީހަކު ހދ. ހަނިމާދޫގައި ދެއްކި ވާހަކައާ ގުޅުވައިގެން ފަތުރަމުން ދިޔަ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެވެ،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްޑީޕީން ބުނީ އޭގެ ސަބަބުން، ރައްޔިތުންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ނުހަނު ބޮޑެތި ގެއްލުންވެ، ފުރާނައަށް ނުރައްކާވާ ދަރަޖައަށް ކަންކަން ގޮސްފައިވާ ކަމަށެވެ. އަދި ބުނީ ދީނީ ހަރުކަށި ފިކުރުގެ މީހުންނާއި، ހަނގުރާމަވެރި ޖަމާޢަތްތަކާ ގުޅިފައިވާ ދިވެހީންނާއި އެމީސް މީހުންގެ އާއިލާތައް އަނބުރާ މުޖުތަމައުއަށް ގެނައުމުގައި އެމީސްމީހުން ރީހެބިލިޓޭޓް ކުރުމަކީ ސަރުކާރުން ހިންގާންޖެހިފައިވާ މުހިއްމު އަދި އެހާމެ ބޮޑު މަސައްކަތެއް ކަމަށެވެ.

ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށާއި މުޖްތަމައުގެ އަމަންއަމާންކަން ނަގާލާ މޭރުމުން ވާހަކަދައްކާ ފަރުދުންނާއި، ސޯޝަލް މީޑިޔާގައި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަތައް ސީރިއަސް އަދި އަވަސް މައްސަލަތަކެއްގެ ގޮތުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބެލުމަށް އެމްޑީޕީން ގޮވާލާ ކަމަށެވެ.

އިނގިރޭސިވިލާތުގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުއިލިއަމް ފައުންޑޭޝަން ކިޔާ ޖަމިއްޔާއަކުން މި ވޯކްޝޮޕްތައް ހިންގާފައިވަނީ ހދ. ހަނިމާދޫ އާއި އައްޑޫ ސިޓީ ހިތަދޫގައި އެވެ. އެ ދެ ރަށުގެ ސްކޫލް ކުދިންނާއި ބެލެނިވެރިން މި ވޯކްޝޮޕްތަކުގައި ބައިވެރިކޮށްފައިވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ވޯކްޝޮޕްތަކުގައި ޝިރުކު ކުރުމާއި އިސްލާމް ދީނާއި ޓެރަރިޒަމް ގުޅުވައިގެން ވާހަކަދެއްކި ކަމަށް ވެ އެވެ. އަދި މަރުގެ އަދަބު ދިނުމަކީ ހަރުކަށި ފިކުރަށް ތާއީދު ކުރުން ކަމަށް ވޯކްޝޮޕުގެ ބައިވެރިންނަށް ވިސްނައިދޭން މަސައްކަތް ކުރި ކަމަށްވެ އެވެ.

މި މައްސަލައިގަ އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާ ހިލާފަށް ވޯކްޝޮޕުތަކެއް ބޭއްވި ކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ހުށަހަޅާފައިވާތީ އެކަން ބަލަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް