ކެނެޑާއަށް ދިރިއުޅުން ބަދަލު ކޮށްގެން އުޅޭ އިނގިރޭސިވިލާތުގެ ޕްރިންސް ހެރީގެ ދެމަފިރިކަނބަލުންނަށް އެ ގައުމުގެ ސަރުކާރުން ދެމުންދިޔަ ސެކިއުރިޓި ދިނުން ހުއްޓާލަން ނިންމައިފި އެވެ.
ހެރީ އާއި އަނބިކަނބަލުން މޭގަން އަދި ދަރިފުޅު އާޗީ ކެނޑާއަށް ދިރިއުޅުން ބަދަލު ކުރީ މިދިޔަ ނޮވެމްބަރު މަހު އެވެ. އޭރުން ފެށިގެން ކެނެޑާ ސަރުކާރުން ދަނީ އެ އާއިލާއަށް ސެކިއުރިޓީ ފޯރުކޮށްދެމުންނެވެ.
މިކަމާ ގުޅިގެން އެގައުމުގައި ނެގި ހިޔާލު ހޯދުމުގެ ވޯޓުތަކުން ވަނީ އެ އާއިލާއަށް ދައުލަތުގެ ސެކިއުރިޓީ ފޯރުކޮށްދިނުމާއި ރައްޔިތުން ދެކޮޅުކަން ހާމަވެފަ އެވެ. ގިނަ އާންމު ރައްޔިތުން ބުނެފައިވަނީ ކެނެޑާގެ ރާނީ އަކީ ކުއީން އެލިޒަބަތު ދޭއް ކަމަށް ދައުލަތުން ގަބޫލު ކުރިޔަސް އެމީހުން ކެނެޑާއަށް ދިރިއުޅުން ބަދަލު ކުރަނީ ޝާހީ އާއިލާ ތަމްސީލު ކުރަން ނޫން ކަމަށްވާތީ ރައްޔިތުންގެ ޓެކްސް ފައިސާއިން އެމީހުންނަށް ސެކިއުރިޓީ ފޯރުކޮށްދޭން ނުޖެހޭނެ ކަމަށެވެ.
ކެނެޑާގެ ޕަބްލިކް ސޭފްޓީ މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހެރީ އާއި މޭގަންއަށް އެ ގައުމުގެ ސަރުކާރުން ސެކިއުރިޓީ މިހާތަނަށް ފޯރުކޮށްދެމުން ދިޔައީ ޝަހީ އާއިލާގެ ޒިންމާތަކުން އެކަހެރި ނުވާތީ ކަމަށެވެ. އެކަމަކު އޭޕްރިލް އެއް ވަނަ ދުވަހުން ފެށިގެން އެމީހުންނަށް ކެނެޑާ ސަރުކާރުގެ ސެކިއުރިޓީ ދިނުން ހުއްޓާލާނެ ކަމަށެވެ.
ޝާހީ އާއިލާގެ ޒިންމާތަކުން ހެރީގެ ދެކަނބަލުން ރަސްމީކޮށް ވަކިވާނީ މާޗްމަހުގެ31 ވަނަ ދުވަހު އެވެ.
ހެރީ އާއި މޭގަން ޝަހީ ޒިންމާތަކުން ވަކިވެ އަމިއްލަ ވަކި ދިރިއުޅުމެއް އުޅެން ބޭނުންވާކަން ހާމަ ކުރުމުން ޝާހީ އާއިލާގެ ތެރޭގައި ވަނީ ވަަރަށް ބޮޑު ނުތަނަވަސް ކަމެއް އުފެދިފަ އެވެ. އެކަމަކު ހެރީ އެ ނިންމުން ބަދަލު ކުރަން ބޭނުން ނުވުމުން މާމާފުޅު ކުއީން އެލިޒަބަތު ވަނީ ވަނީ އެކަން ގަބޫލު ކުރައްވާފަ އެވެ.
ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވަނީ ހެރީ ޝާހީ ޒިންމާތަކުން ރަސްމީކޮށް ވަކިވާ ދުވަހަކީ ޒަމާންވީ އިނގިރޭސި ރަސްކަން ނިމުމަކަށް އައުމުގެ ސިއްކަ ޖެހެން ފަށާނެ ދުވަސް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް