ނ. ލަންދޫ ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް ރަސްމީކޮށް ދޭން ފަށައިފި އެވެ.
މި ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ހެތްލް މިނިސްޓަރު އަބްދުﷲ އަމީން އެވެ. ކޮންމެ ރަށެއްގައި ލެބޯޓަރީގެ ހިދުމަތް ތައާރަފު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ.
ހެލްތް މިނިސްޓްރީން ބުނީ ލަންދޫގެ ރައްޔިތުން މިހާނަތަށް ލެބޯޓަރީގެ ހިދުމަތް ހޯދަނީ މަނަދޫގައި ހުންނަ ނ. އަތޮޅު ހޮސްޕިޓަލުން ކަމަށެވެ. އެހެން ކަމުން މި ހިދުމަތް ރަށުން ލިބޭގޮތްވުމުން ސިއްހީ ހިދުމަތް ހޯދުމަށް ލަންދޫ ރައްޔިތުންނަށް ލުއި ކަމެއް ލިބިގެންދާނެ ކަމަށެވެ.
ލަންދޫގައި ތެލަސީމިޔާ ބަލި ހުންނަ ލޭ އަޅާ ހަތަރު ކުދިން އުޅެ އެވެ. އަދި އެ ރަށް ކައިރީގައި އޮންނަ މާޅެންދޫގައި ލޭ އަޅާ ތިންު ކުދިން އަދި މާފަރުގައި ހަތަރު ކުދިން އުޅެ އެވެ. ހެލްތް މިނިސްޓްރީން ބުނީ ލަންދޫގައި ލެބޯޓަރީގެ ހިދުމަތް ފެށިގެން ދިއުމާއެކު މީގެކުރިން މިކުދިން ފަރުވާ ހޯދުމަށް އަތޮޅު ހޮސްޕިޓަލަށް ކުރަންޖެހޭ ދަތުރުތަކާއި ހޭދައަށް ވަރަށް ބޮޑުލުޔެއް ލިބިގެންދާނެކަމަށެވެ.
ނ. ލަންދޫއަކީ ގާތްގަނޑަކަށް 1100 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.
އެ އަތޮޅުގައި މިހާރު ލެބޯޓަރީގެ ހިދުމަތް ލިބެން ހުރީ މަނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލް، ވެލިދޫ ސިއްހީ މަރުކަޒު، ކެނދިކުޅުދޫ ސިއްހީ މަރުކަޒު އަދި ހޮޅުދޫ ސިއްހީ މަރުކަޒުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް