މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމުގައި އެކަށީގެންވާ ނަތީޖާ ނުނެރެވޭނަމަ ސިސްޓަމަށް ބަދަލު ގެނެސްގެން އެ މައްސަލަ ހައްލު ކުރަން ޖެހިފައިވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ގއ. ވިލިނގިލީގައި ހެދި ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު "ދަގެނާ" ހުޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ނައިބު ރައީސް ވިދާޅުވީ އެތައް އަހަރުތަކެއް ވީއިރު މަސްތުވާތަކެތީގެ މައްސަލަ އަށް އެކަށީގެންވާ ހައްލެއް ލިބިފައިނުވާ ކަމަށެވެ. އެހެންވެ، ބަދަލު ގެނެސް، ކޮންމެ ކަމެއް ކޮށްގެން ވެސް އެކަން ކާމިޔާބު ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ މަސްތުވާތަކެތީގެ މައްސަލަ ހައްލުނުވެގެން އުޅޭ ސަބަބާއި ބެހޭގޮތުން އެތައް ސުވާލެއް އުފައްދަވާފައި އެވެ. އެގޮތުން ވޭތުވެދިޔަ ދުވަސްތަކުގައި އެތައް ސަތޭކަ ޒުވާނުންނަށް މި މައްސަލަ ދިމާވެ ގައުމުގެ ތަރައްގީގައި އެ ޒުވާނުންނަށް ފުރުސަތު ލިބިފައި ނެތީ ކީއްވެތޯ އާއި ރަނގަޅު ނުކުރެވުނީ ކީއްވެގެންތޯ ސުވާލު ކުރެއްވި އެވެ.
އިތުރަށް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަކީ މިއަދު އެންޑީއޭ ބޭފުޅުން ހާއްސަ ސަމާލުކަމެއް ދީގެން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެއީ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެއްކަން އެންޑީއޭ ހިންގުމުގައި ތިއްބެވި ބޭފުޅުންނާއި ޖެންޑާ މިނިސްޓްރީ އާއި މިކަމާ ގުޅުން ހުރި ފަރާތްތަކުން ގަބޫލު ކުރަންޖެހޭ ކަމަށާއި އެހެން ނޫނީ ރަނގަޅު ފިޔަވަޅެއް ނޭޅޭނެ ކަމަށް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވިގޮތުގައި، އެކި ރަށްރަށުގައި މަސްތުވާތަކެތީގެ މައްސަލަތައް ވަރަށް ބޮޑެވެ. އިޖުތިމާއީ މައްސަލަތަކަށް ވުރެ ބޮޑަށް ބޭނުންވެފައި މި އޮންނަނީ އިމާރާތްކުރުމާއި މަގުތާރު އެޅުން ފަދަ ލޮލަށް ފެންނަން ހުރި ކަންތައްތަކަށް ކަންތަކަށް އިސްކަންދީގެން މަސައްކަތް ކުރުން ކަމަށާއި އިޖުތިމާއީ ކަންތައްތަކަށް ދެވޭ ސަމާލުކަން އޮންނަނީ ކުޑަވެފައި ކަމަށް ވިދާޅުވި އެވެ. މީގެ ކުރިން އެގޮތަށް ދިމާވެފައި ހުރި ނަމަވެސް މި ސަރުކާރުން ކަންތައް ކުރާގޮތް މުޅިން ތަފާތުވާނެ ކަމަށް ވިދާޅުވި އެވެ.
ނައިބު ރައީސް ވިދާޅުވީ މޮޅު ރީތި އިމާރާތެއް ހުރެގެން ނުފުދޭ ކަމަށެވެ. މުހިއްމު ވަނީ އިހުލާސްތެރިކަމާއެކު ހެޔޮ ނިޔަތުގައި ކުރާ މަސައްކަތް ކަމަށާއި ވިލިނގިލީގައި ހުޅުވި ރިހެބިލިޓޭޝަން ސެންޓަރުގައި ވެސް ރަނގަޅު މަސައްކަތްތަކެއް ކޮށްފި ނަމަ ނަތީޖާ ހާސިލްކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ބޭނުންވަނީ ނަތީޖާ ހޯދަން ކަމަށާއި އެކަން ހާސިލްކުރެވޭނީ އަމަލު ރަނގަޅުކުރެވެގެން ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް