ރ. ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 11 ޕަސެންޓް ނިމިއްޖެ އެވެ.
މި މަސައްކަތް ކުރާ އެމްޓީސީސީ އިން ބުނީ މި މަޝްރޫޢުގެ ދަށުން، ބަނދަރު ތަރައްޤީ ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ޝިޕްމަންޓް 28 ޑިސެމްބަރ 2020 ގައި ޕްރޮޖެކްޓް ސައިޓަށް އަންލޯޑު ކޮށްފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން 7،500 ކިއުބިކް މީޓަރުގެ އައު ބަނދަރު ފުންކުރުމާއި، 1000 ކިއުބިކް މީޓަރުގެ މިހާރު ހަދާފައިވާ ބަނދަރު ފުންކުރުމާއި، 500 ކިއުބިކް މީޓަރުގެ ނެރަށް ވަންނަ ސަރަޙައްދު ފުންކުރުން ހިމެނޭ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަދި 377 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 600 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށް ބުންޏެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 18.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 26 ޖުލައި 2020 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް