ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 80 އަށްވުރެ ގިނަ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ހިނގަމުންދާ ކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ ލޮނުޒިޔާރަތްކޮޅުގައި ރޭ ފުޓްސަލް ދަނޑު ހުޅުވުމަށް ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި، ވާހަކަ ދައްކަވަމުން ނެވެ.
ފޮރިން މިނިސްޓަރ ވިދާޅުވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އެ ކުރައްވަމުން ގެންދަވާ މަސައްކަތާ ދޭތެރޭ ވިސްނާލަން ޖެހޭ ކަމަށެވެ.
" އެމަނިކުފާނުގެ ވަޒީރު ކަމުގެ ހޭދަވި 25 މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި މަހަކު ދޮޅު ދަނޑު ގާއިމްކޮށްފައިވޭ. ސަރުކާރުން ޒުވާނުންނަށްޓަކައި ކުރައްވާ މަސައްކަތްތަކުގެ ހަލުވި މިން، މިކަމުންވެސް ދޭހަވޭ." މިނިސްޓަރ ޝާހިދު ވިދާޅުވި އެވެ.
މިނިސްޓަރ ޝާހިދު ވިދާޅުވީ ކޮވިޑުގައި މުޅި ރާއްޖެ ބަންދު ވެ، އެންމެން ގެދޮރުގައި ބަންދުވެފައި ކަންކުރެވޭނެ އެއްވެސް ގޮތެއް ނެތި މުޅި އަހަރުގެ ބޮޑުބައި ދިޔަ ނަމަވެސް މިނިސްޓަރު މަހުލޫފު އަވަދިނެތި އުޅުއްވީ ދަނޑުތައް ގާއިމްކުރައްވައި ރާއްޖޭގެ ޒުވާނުންނަށް ބޭނުންވާ ކުޅިވަރުގެ ވަސީލަތްތައް ފަތުރުއްވުމަށް ކަމަށެވެ.
މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 80 އަށްވުރެ ގިނަ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ހިނގަމުންދާ ކަމަށާއި މިއީ މަދު އަދަދެއް ނޫން ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
މި ރަސްމިއްޔާތަށްފަހު ޔޫތު މިނިސްޓްރީގެ ޓީމާއި، ކްލަބް ޕީކޭ އާއި ދެމެދު ވަނީ އެކުވެރިކަމުގެ ފުޓްސަލް މެޗެއް ކުޅެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް