އަންނަ އަހަރު ކޮންމެ ހައްޖުވެރިއަކަށް ހާއްސަ ސްމާޓް ކާޑެއް!

ހައްޖުވެރިންނަށް ހާއްސަކޮށްގެން ސައުދީ އަރަބިއްޔާގައި އާ ހައްޖު ޕޯޓަލް އަކާއި ސްމާޓް ކާޑެއް ތައާރަފުކޮށްފި އެވެ. މި ކާޑު ތައާރަފު ކޮށްފައިވަނީ މައްކާ ސިޓީގައި ބޭއްވި ސަގާފީ ފޯރަމެއްގައި އެވެ. މި ސްމާޓ...

28 Dec 2020 | 07:48

ހައްޖުވެރިންނަށް ހާއްސަކޮށްގެން ސައުދީ އަރަބިއްޔާގައި އާ ހައްޖު ޕޯޓަލް އަކާއި ސްމާޓް ކާޑެއް ތައާރަފުކޮށްފި އެވެ.

މި ކާޑު ތައާރަފު ކޮށްފައިވަނީ މައްކާ ސިޓީގައި ބޭއްވި ސަގާފީ ފޯރަމެއްގައި އެވެ. މި ސްމާޓް ކާޑު ތައާރަފު ކުރުމުން ސައުދީގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާ ވެގެން ގޮސްފައިވަނީ 2030 ވަނަ އަހަރަށް ޓެކްނޮލޮޖީ ދާއިރާގައި އެ ގައުމުން ހާސިލް ކުރުމަށް ކަނޑައަޅާފައިވާ އަމާޒު ކާމިޔާބު ކުރަން ފެށި ފުރަތަމަ މިނިސްޓްރީގެ ގޮތުގައި އެވެ.

ސައުދީގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މި ސްމާޓް ކާޑު ހައްޖަށް ދާ ހުރިހާ އެންމެންނަށް ދޫކުރާނެ އެވެ. ކޮންމެ ހައްޖުވެރިއަކަށް ދޫކުރާ ކާޑުގައި ބާ ކޯޑެއް ޖަހާފައިވާނެ އެވެ.

ހައްޖުގެ އަޅުކަން އަދާ ކުރުމަށް ހައްޖުވެރިން ދާ ހުރިހާ ސަރަހައްދުތަކެއްގައި މަސއްކަތް ކުރާ އޮފިޝަލުން ގެންގުޅޭ ޑިވައިސްތައް މެދުވެރިކޮށް ހައްޖުވެރިންގެ ސްމާޓް ކާޑުތަކުގައިވާ މައުލޫމާތު ދެނެގަނެވޭނެ އެވެ. މިފަދަ ސްމާޓް ކާޑެއް އުފެއްދުމުގެ މަގުސަދަކީ ހައްޖުވެރިންނަށް މަގު އޮޅި ގެއްލުމުގެ މައްސަލަތައް ކުޑަ ކުރުމާއި ހުއްދަ ނެތް މީހުން ހައްޖަށް ދިއުން ހުއްޓުވުމެވެ.

ސައުދީ ހައްޖު މިނިސްޓްރީން ބުނީ މި ކާޑުގެ ބާ ކޯޑު އޮފިޝަލުން ބޭނުން ކުރާ ޑިވައިސްތަކުގައި ޖެއްސުމުން އެ ހައްޖުވެރިޔާގެ މައުލޫމާތާއި ދިރިއުޅޭ ހޮޓަލުގެ މައުލޫމާތު އަދި އެމީހާގެ ސިއްހީ ހާލަތާއި ފަރުވާ ހޯދާފައިވާ ނަމަ އެ މައުލޫމާތު އެނގޭނެ އެވެ.

މި ކާޑު ރަސްމީކޮށް އަންނަ އަހަރުގެ ހައްޖު މޫސުމުގައި ހުރިހާ ހައްޖުވެރިން ބޭނުން ކުރާނެ އެވެ. މި ކާޑު 2019 ވަނަ އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވި 50،000 މީހުންނަށް ދޫކޮށްގެން ޓެސްޓުކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް