ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ގާނޫނުގައި ބުނާ މުއްދަތުގައި ބޭއްވުމަށް އިންތިހާބާއި ބެހޭ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމަށް ދައުރުން ބޭރުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ހުރަހެއް ނެތް ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުން ދަނީ އަންނަ އަހަރުގެ މާޗް ހަ ވަނަ ދުވަހު ކައުންސިލް އިންތިހާބު ބާއްވާށެވެ. އެކަމަކުު ރާއްޖޭގައި ކޯވިޑް-19 އާއި ގުޅިގެން އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލާ ނަމަ އެ ތާރީހުގައި އިންތިހާބެއް ނުބޭއްވޭނެ އެވެ.
އެ މުއްދަތުގައި އިންތިހާބު ބާއްވަން އެންމެ ލަސްވެގެން އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން ޖެހެ އެވެ. އެ ނޫން ގޮތަކަށް އެ ތާރީހުގައި އިންތިހާބު ބޭއްވޭނީ މިއަހަރުގެ މެއި މަހު މަޖިލީހުން ފާސް ކުރި އިންތިހާބާ ބެހޭ ހާއްސަ ގާނޫނަށް އިސްލާހު ގެނެސްގެންނެވެ.
އާދަމް ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކައުންސިލް އިންތިހާބު ބޭއްވުމުގެ ގޮތުން ގާނޫނަށް އިސްލާހު ގެނައުމަށް ޓަކައި ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވިދާނެ ކަމަށެވެ. އެގޮތުން މަޖިލީހުގެ ގަވައިދުގެ 45 ވަނަ މާއްދާގެ ރ. ގައި ވާގޮތުން ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުމަށް ހުރަހެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އާދަމް ޝަރީފުގެ ޓުވީޓުގައި ވަނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ސުޕާ މެޖޯރިޓީ މަޖިލީހުގައި އޮންނަ އިރު ސަރުކާރުން އެދެފި ނަމަ ކައުންސިލް އިންތިހާބުުގެ މަރުތަޅު މަޖިލީހަށް ނައްޓުވައި ނުލެވޭނެތޯ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ސުވާލު ކުރައްވާފައި އެވެ.
https://twitter.com/Adamshareefz/status/1343442825640202240
އެޗްއީއޯސީން ވަނީ ރައްކާތެރިކަމާއި އެކު އިންތިހާބު ބޭއްވުމާއި ގުޅޭ މަޝްވަރާތައް އިލެކްޝަންސް ކޮމިޝަނާއި އެކު ކުރަމުން އަންނަ ކަމަށް ބުނެފައި އެވެ. އެކަމަކު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި ނަމަ ވައިރަސް ކޮންޓްރޯލް ކުރަން އުނދަގޫވާނެ ކަމަށް އެ ސެންޓަރުން ބުނެ އެވެ.
މިކަމާއި ގުޅިގެން އިއްޔެ އިލެކްޝަންސް ކޮމިޝަނުން ވަނީ ހާލަތު އުވާލެވެން ނެތް ނަމަ ކަނޑައެޅިފައިވާ މުއްދަތުގައި އިންތިހާބު ބޭއްވުމަށް އިންތިހާބާއި ބެހޭ ހާއްސަ ގާނޫނަށް އިސްލާހު ގެނެސް ދިނުމަށް ގޮވާލާފައި އެވެ.
ކައުންސިލް އިންތިހާބު ކަނޑައެޅިފައިވާ ތާރީހަށް ބޭއްވޭނެ ކަމާއި މެދު ސުވާލު އުފެދެމުން ދާއިރު އިދިކޮޅުން ދަނީ ސަރުކާރުން ގަސްދުގައި އިންތިހާބު ފަސް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތު ކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް