އިނގިރޭސވިލާތުން ރާއްޖެ އައި ދިވެއްސަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
އެމީހާ އަކީ މިމަހުގެ 20 ވަނަ ދުވަހު ޝީ ބިލްޑިންގައި ބޭއްވި ކައިވެނި ހަފްލާތެރެއިން ވައިރަހަށް ޕޮސިޓިވްވި ބައެއްގެ އާއިލާ މީހެކެވެ. އެ ކައިވެނި ހަފްލާގައި 120 އަށްވުރެ ގިނަ މީހުން ބައިވެރިވި އިރު މިހާތަނަށް 41 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮސިޓިވްވެފައި އެވެ.
ސޯޝަލް މީޑިއާގައި މައުލޫމާތު ފެތުރެމުންދާ ގޮތުގައި އިނގިރޭސިވިލާތުން އައި މީހަކު ކައިވެނި ހަފްލާގައި ބައިވެރިވެފައިވެ އެވެ. އަދި އެމީހާގެ ބަލީގެ އަލާމާތްތައް ހުރި ކަމަށްވެސް ބުނެފައިވެ އެވެ.
މިކަމާއި ގުޅިގެން އެޗްއީއޯސީން ބުނީ އިނގިރޭސިވިލާތުން އައި ފަހުން ކޯވިޑަށް ޕޮސިޓިވްވި މީހާ އަކީ ޕާޓީތެރެއިން ޕޮސިޓިވްވި ބައެއްގެ އާއިލާ މީހަކަށް ވިޔަސް އެމީހާ ރާއްޖެ އައިސްފައިވަނީ ކައިވެނި ހަފްލާ ބޭއްވި ފަހުން ކަމަށެވެ. އެ ކައިވެނި ހަފްލާ ބާއްވާފައިވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ.
އެޗްއީއޯސީން ބުނީ އޭނާ އިނގިރޭސިވިލާތުން އައި ފަހުން ކޯވިޑަށް ޕޮސިޓިވްވި ވިޔަސް ކަރަންޓީން ވާން ނުޖެހޭނެ ކަމަށެވެ. އެއީ އެމީހާ ރާއްޖެ އައިސްފައިވަނީ އެ ގައުމުން އަންނަ މީހުން ކަރަންޓީން ވާންޖެހޭނެ ކަމަށް އެޗްޕީއޭއިން ކަނޑައެޅި ތާރީހުގެ ކުރިން ކަމަށްވެފައި އަދި އެމީހާ ކައިވެނި ހަފްލާގައިވެސް ބައިވެރިވެފައި ނުވާތީ އެވެ.
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާޓިމަތު ނަޒްލާ ވިދާޅުވީ އެމީހާ ކަރަންޓީން ވާން ނުޖެހު ނަމަވެސް އެމީހާ އިނގިރޭސިވިލާތަށް ދަތުރުކޮށްފައިވާތީ އޭނާގެ ސާމްޕަލް ރާއްޖެއިން ބޭރަށް ފޮނުވައި މިހާރު ދުނިޔޭގެ ގައުމުތަކުގައި ފެތުރެމުންދާ ކޯވިޑް-19 ގެ އާ ވޭރިއަންޓްގެ އަލާމާތްތައް ހުރިތޯ ދެނެގަތުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ސާމްޕަލް ފޮނުވުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް ވިދާޅުވި އެވެ.
އެމީހާ ކޯވިޑަށް ޓެސްޓު ކުރީ މާލެ އައި ފަހުން ކޯވިޑްގެ އަލާމާތްތައް ފެންނަން ފެށުމުންނެވެ. އެހެން ކަމުން އޭނާއަށް ބަލި ޖެހުނީ އިނގިރޭސިވިލާތުން ކަމެއް އަދި އެ ކޭސް އަކީ ފެތުރެމުން ދާ އާ ވޭރިއަންޓާއި ގުޅުން ހުރި ކޭސް އެއް ކަމެއް އަދި ނޭނގެ އެވެ.
އެޗްއީއޯސީން ވަނީ ޝީ ބިލްޑިން ކައިވެނި ހަފްލާގައި ބައިވެރިވި އެންމެން ކަރަންޓީން ކުރަން ނިންމާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް