މިއަދު ގައުމަށް ކުރިމަތިވެފައިވާ އިގްތިސޯދީ އަދި އިޖްތިމާއީ ބޮޑެތި މައްސަލަތަކުން ސަލާމަތްވުމަށް އެކުވެރިކަމާއި އެއްބައިވަންތަކަން އިސްކޮށް، އެކުގައި މަސައްކަތްކުރުމަށް އަޒުމް ކަނޑައަޅަން ޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ގައުމީ އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަ ކުރުމަށް ގއ. ވިލިނގިލީގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނައިބު ރައީސް ވިދާޅުވީ މީގެ 15 އަހަރުކުރިން ކުރިމަތިވި ހިތާމަވެރި ސުނާމީ ކާރިސާގެ ހަނދާންތައް އާކޮށް އެ ކާރިސާއާއި ގުޅިގެން ދިވެހިން ދައްކުވައިދިން އެއްބައިވަންތަކަމާއި، އެކުވެރިކަމުގެ ރިވެތި ނަމޫނާއަށް ތައުރީފު ހައްގު ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހިން މިއަދު އިސްކުރަންވީ މާތްވެގެންވާ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް، އެކުގައި މަސައްކަތްކުރުމުގެ ރޫޙު ކަމުގައެވެ. އަދި، އެކުވެރިކަމަކީ ގަދަފަދަ ބާރެއްކަން ފާހަގަކުރައްވާ ނައިބު ރައީސް ފައިސަލް ވިދާޅުވީ، ސުލޫކު ހެޔޮ ދަރިންތަކެއް ބިނާކޮށް ތަރައްގީ ހާސިލުކޮށް އަމާން ގައުމެއް ކަށަވަރު ކުރެވޭނީ އެކުވެރިކަމާއި އެއްބައިވަންތަކަށް އިސްކޮށްގެން ކަމުގައެވެ.
ހިޔާލު ތަފާތުވުމުގެ ބޭނުމަކީ ރަނގަޅު، ބިނާކުރަނިވި އަދި ފައިދާކުރަނިވި ގޮތްތަކެއް ހޯދުމަށް މަސައްކަތްކުރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެކަމަކު ހިޔާލު ތަފާތުވުމަކީ އަނިޔާވެރިކަމާއި ދެކޮޅުވެރިކަމަށް ދެވޭ ފުރުސަތަކަށް ނުހެދުމަށާއި، އިންސާފުވެރިކަމާއި، އޯގާތެރިކަމާއި، އެކަކު އަނެކާއަށް އިޙްތިރާމް ކުރުމުގެ ރިވެތި އާދަތައް އިސްކުރުމަށް މަސައްކަތް ކުރުމަށް ވެސް އެ މަނިކުފާނު ދިވެހިރައްޔިތުންނަށް ގޮވައިލެއްވިއެވެ.
މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ގައުމުގެ އިގްތިސޯދާއި އަދި އިޖްތިމާޢީ ގޮތުން ކުރިމަތިވެފައިވާ ހާލަތުގެ މައްޗަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. އެ މަނިކުފާނު ވިދާޅުވީ، ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގެ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރައްވާ އެންމެހައި ބޭފުޅުންނާއި، ދިވެހި ހުރިހައި ފަރުދުން ވެސް މިއަދު ކުރައްވަމުން ގެންދަވަނީ ނަމޫނާ މަސައްކަތްތަކެއް ކަމުގައެވެ. އަދި، އަހުވަންތަކަށް އިސްކޮށްގެން ނޫނީ، މިހާރު ކުރިމަތިވެފައި އޮތް ހާލަތުން އަރައި ނުގަނެވޭނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ގައުމީ ތަރައްގީގެ ދާއިރާއިން ސަރުކާރުން ހޯދަމުންދާ ކުރިއެރުންތަކާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ދިވެހި ހުރިހާ ރައްޔިތުންގެ އަޑު އަހާ، އެންމެންގެ ބައިވެރިވުމާއި، އެހީތެރިކަމާއެކު ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ. އަދި، އެ ކަން އެ ގޮތަށް ކުރުމަކީ ސަރުކާރުގެ މައި ސިޔާސަތެއްކަން ފާހަގަކުރައްވައި އެ މަނިކުފާނު ވަނީ، ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ތަރައްގީއާ ތަމަންދުން ހޯދައިދިނުމަށް ސަރުކާރުން ކޮށްފައިވާ، އަދި މިހާރު ވެސް ކުރަމުންދާ، މަސައްކަތްތަކަށް އަލިއަޅުއްވައިލައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް