ކައިވެނި ޕާޓީން ޕޮސިޓިވްވި މީހުންގެ އަދަދު 41 އަށް

މާލޭ ޝީ ބިލްޑިންގައި އޮތް ކައިވެނި ހަފްލާއަށް ދިޔަ މީހުންގެ ތެރެއިން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު 41 އަށް އަރައިފި އެވެ. އެ ހަފްލާ ބާއްވާފައިވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ. މިދިޔަ ހޮނި...

28 Dec 2020 | 02:26

މާލޭ ޝީ ބިލްޑިންގައި އޮތް ކައިވެނި ހަފްލާއަށް ދިޔަ މީހުންގެ ތެރެއިން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު 41 އަށް އަރައިފި އެވެ.

އެ ހަފްލާ ބާއްވާފައިވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް އެ ޕާޓީއަށް ދިޔަ 35 މީހަކު ޕޮސިޓިވްވެފައިވެ އެވެ.

ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އެ ހަފްލާގައި ބައިވެރިވި އިތުރު ހަ މީހަކު އިއްޔެ ކޯވިޑަށް ޕޮސިޓިވްވެފައިވާ ކަމަށެވެ. އަދި މިހާތަނަށް ޕޮސިޓިވްވި މީހުންގެ ތެރެއިން ހަތަރު މީހުންނަކީ ހައިރިސް ކެޓަގަރީގައި ހިމެނޭ މީހުން ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ޕޮސިޓިވްވި މީހުންނާއި ގުޅުން ހުރި މީހުންގެ ގޮތުގައި 116 މީހަކު ދެނެގަނެވިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ޕާޓީއަށް ދައުވަތު ދިން 120 މީހުންނާއި ކޭޓަރިން ކަންތަކާއި އެހެނިހެން އިންތިޒާމްތައް ހަމަޖެއްސުމުގައި އުޅުނު އެންމެން ކޯވިޑަށް ޓެސްޓުކޮށް ކަރަންޓީން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެޗްޕީއޭއިން ދަނީ އެ ޕާޓީގައި ބައިވެރިވި އެންމެންނަށް ގުޅައި ކަރަންޓީން ވުމަށް އަންގަމުންނެވެ. ޑރ.ނަޒްލާ ވިދާޅުވީ ކައިވެނި ޕާޓީއަށް ދިޔަ އެއްވެސް މީހަކަށް އެޗްޕީއޭ އިން މިހާތަނަށް ގުޅާފައި ނުވާނަމަ އެޗްޕީއޭގެ ހޮޓްލައިން 1676 ނަމްބަރު ފޯނަށް ގުޅައި މައުލޫމާތު ހިއްސާކުރުން އެދޭކަމަށެވެ.

މިފަދަ ހަފްލާތައް ބާއްވާއިރު އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް ސަމާލުކަން ދޭން އެ އިދާރާ އިން ވަނީ އެދިފަ އެވެ. އެގޮތުން، ބަލީގެ އަލާމާތްތައް ހުރި މީހުން މިފަދަ ހަފްލާތަކަށް ނުދިއުމަށާއި ޕާޓީ އަށް ދާއިރު މާސްކްއެޅުމަށާއި ގައިދުރުކަން ބެހެއްޓުމަށާއި ހަފްލާ އޮންނަ ތަނުގައި ރަނގަޅަށް ވައި ދައުރުވާ ގޮތަށް ބެހެއްޓުމަށާއި، ކާތަކެތި ސާވް ކުރުމާއި ކެއުމުގައި ވެސް ގައިޑްލައިންގައިވާ ގޮތަށް އިންތިޒާމު ހަމަޖައްސަން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް