ސްރީލަންކާގެ ބޮޑުވަޒީރު މަހިންދްރަ ރާޖަޕަކްސާ އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލުވުން ކުރިޔަށް ގެންދިޔައީ ސްރީލަންކާގައި އެވެ. މިނިސްޓަރު މާރިޔާ ލަންކާއަށް ވަޑައިގެން އުޅުއްވަނީ ލަންކާ، އިންޑިއާ އަދި ރާއްޖެއިން ބައިވެރިވާ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.
ރާޖަޕަކްސަގެ އިތުރުން އިިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ދޮވާލްއާ ވެސް މާރިިޔާ އިއްޔެ ވަނީ ބައްދަލު ކުރައްވައިފަ އެވެ. މި ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވަނީ ދެ ގައުމު ގުޅިގެން ސަލާމަތީ ކަންކަން ބެލެހެއްޓިދާނެ ދާއިރާތަކާއި ގުޅޭގޮތުންނެވެ.
ތިން ގައުމު ގުޅިގެން ކުރިޔަށް ގެންދާ މަޝްވަރާތައް އަލުން ފަށާފައި މިވަނީ ހަ އަހަރު ފަހުންނެވެ. އެންމެ ފަހުން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ބައްދަލުވުން ބާއްވާފައިވަނީ 2014 ވަނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް