ވ. ރަކީދޫގައި 2015 ވަނަ އަހަރު އަނިޔާކޮށް މަރާލި އިބްރާހިމް އިބްތިހާލްގެ މަރުގެ މައްސަލައިގަ ހުކުމް އިއްވުން މާދަމާއަށް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފި އެވެ.
މި މައްސަލައިގަ ދައުލަތުން ދައުވާ އުފުލާފައިވަނީ އިމްތިހާލްގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށެވެ. އުމުރުން ތިން އަހަރުގެ އިބްތިހާލް މަރުވީ ލިބުނު ބޮޑެތި އަނިޔާތަކެއްގެ ސަބަބުންނެވެ.
މި މައްސަލައިގެ ޝަރިއަތުގެ އަޑުއެހުންތަން ކްރިމިނަލް ކޯޓުން ނިންމާލީ މިދިޔަ ފެބްރުއަރީ މަހު އެވެ. މި މައްސަލައިގެ ހުކުމް އިއްވުން ތާވަލުކޮށްފައިވަނީ މާދަމާ މެންދުރު ފަހު 2:00 އަށެވެ.
އާފިޔާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ގަސްދުގައި ކުޑަކުއްޖަކު މެރުމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ. އެ ދައުވާތަކަށް އާފިޔާ ކުރިން ކޯޓުގައި އެއްބަސް ވިނަމަވެސް ފަހުން ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.
ދައުވާތަކަށް ފަހުން އިންކާރު ކުރަމުން އާފިޔާ ބުނެފައިވަނީ އޭނާ ކުރިން އެއްބަސްވީ ބަޔަކު ބިރު ދެއްކުމުން ކަމަށެވެ. އަދި އިބްތިހާލަށް އަނިޔާ ކޮށްފައި ނުވާނެ ކަމަށްވެސް ޝަރީއަތުގައި ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް