ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން އެވޯޑަކީ ޓޫރިޒަމް ދާއިރާގެ ބުރަ މަސައްކަތުގެ ނަތީޖާ: ރައީސް

ވޯލްޑް ޓްރެވަލް އެވޯޑްސްއިން ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ “ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން” އެވޯޑް ރާއްޖެއަށް ލިބުމަކީ މުޅި ޓޫރިޒަމް ދާއިރާގައި ހަރަކާްތެރިވާ ފަރާތްތަކުގެ ބުރަ މަސައްކަތުގެ ނަތީޖާ...

28 Nov 2020 | 05:23

ވޯލްޑް ޓްރެވަލް އެވޯޑްސްއިން ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ “ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން” އެވޯޑް ރާއްޖެއަށް ލިބުމަކީ މުޅި ޓޫރިޒަމް ދާއިރާގައި ހަރަކާްތެރިވާ ފަރާތްތަކުގެ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް ދާއިރާގައި ދުނިޔޭގައި ޝަރަފުވެރި އެވޯޑުތައް ދެނީ ވޯލްޑް ޓްރެވަލް އެވޯޑްސް އިން ނެވެ. އެ ޖަމިއްޔާއިން ކޮންމެ އަހަރު ބާއްވާ އެވޯޑު ހަފްލާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށް ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން އެވޯޑު ރާއްޖެއަށް ލިބުނު މިއީ ފުރަތަމަ ފަހަރެވެ.

މި އެވޯޑު ރާއްޖެއަށް ލިބުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ރައީސް ސޯލިހު ވިދާޅުވީ އެވޯޑު ރާއްޖެއަށް ލިބުމުން އުފާ ކުރައްވާ ކަމަށެވެ. ރައީސް ވިދާޅުވީ މިއީ ކޯވިޑް-19 ގެ މި ހާލަތުގައިވެސް ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ދަނީ މެހުމާނުންނަށް މަރުހަބާ ކިޔުމަށް ރާއްޖެއަކީ ރައްކާތެރި ތަނަކަށް ހެދުމަށް ބުރަ މަސައްކަތް ކުރަމުން ކަމަށެވެ. ރައީސް އެ ފަރާތްތަކުގެ ބުރަ މަސައްކަތުގެ ނަތީޖާއަށް މަރުހަބާ ވިދާޅުވެފައި އެވެ.

https://twitter.com/ibusolih/status/1332496128042967042

ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން އެވޯޑު ރާއްޖެއަށް ލިބުނީ22 ގައުމަކާއި ވާދަކޮށްގެންނެވެ. މި އެ ވޯޑުގެ އިތުރުން އެކި ކެޓަގަރީތަކުން ރާއްޖޭގެ ޓޫރިޒަމް ހިދުމަތްދޭ އެކި ތަންތަނުން އެވޯޑު ހާސިލްކޮށްފައިވެ އެވެ. އޭގެ ތެރޭގައި

  • ވޯލްޑްސް ލީޑިން ނިއު ރިސޯޓް 2020: އެމަރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ
  • ވޯލްޑްސް ލީޑިން ލަގްޒަރީ އައިލެންޑް ރިސޯޓް 2020: ދަ ސެެއިންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓް
  • ވޯލްޑް ލީޑިން ލަގްޒަރީ އައިލެންޑް ވިލާސް 2020: ބަރޮސް މޯލްޑިވްސް
  • ވޯލްޑްސް ލީޑިން ހަނީމޫން ރިސޯޓް 2020: ޖޭއޭ މަނަފަރު
  • ވޯލްޑްސް ލީޑިން ވޯޓާ ވިލާ ރިސޯޓް 2020: ފޯ ސީޒަންސް ރިސޯޓް މޯލްޑިވްސް އެޓް ކުޑަ ހުރާ
  • ވޯލްޑްސް ލީޑިން ސީޕްލޭން އޮޕަރޭޓާ 2020: ޓްރާންސް މޯލްޑިވިއަން އެއާވޭސް
  • ވޯލްޑްސް ލީޑިން އެއާޕޯޓް ރިސޯޓް 2020: ހުޅުލެ އައިލެންޑް ހޮޓެލް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ 40 ކެޓަގަރީއަކުން ރާއްޖެ ނޮމިނޭޓްވެފަ ވެއެވެ. އަދި ގްރޭންޑް ފިނާލޭގައި ވަނީ ޑެސްޓިނޭޝަން ކެޓަގަރީގެ އަށް ކެޓަގަރީއަކުން ނޮމިނޭޓްވެފަ އެވެ. މީގެއިތުރުން 30 ކެޓަގަރީއަކުން ރާއްޖޭގެ 50 ރިސޯޓަކާއި ހޮޓާތައް ނޮމިނޭޓްވެފައިވާއިރު ވޯލްޑް ކެޓަގަރީގެ ތިން ކެޓަގަރީއެއްގައި ރާއްޖޭގެ ތިން ރިސޯޓެއް ދުނިޔޭގެ އެންމެ މަތީ ފަންތީގެ ހިދުމަތްދޭ ތަންތަނާ ވަނީ ވާދަކޮށްފަ އެވެ.

1993 ވަނަ އަހަރު ދޭންފެށި ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދޭ އެންމެ ޝަރަފުވެރި، މަޝްހޫރު އަދި އެންމެ އިތުބާރު ބޮޑު އެވޯޑެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް