ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން އެވޯޑު ފުރަތަމަ ފަހަރަށް ރާއްޖެއަށް ލިބިއްޖެ

ވޯލްޑް ޓްރެވަލް އެވޯޑްސްއިން ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ފުރަތަމަ ފަހަރަށް ރާއްޖެއަށް ލިބިއްޖެ އެވެ. މިއަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑު ހަފްލާ ބާއްވާފައިވ...

28 Nov 2020 | 05:00

ވޯލްޑް ޓްރެވަލް އެވޯޑްސްއިން ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ފުރަތަމަ ފަހަރަށް ރާއްޖެއަށް ލިބިއްޖެ އެވެ.

މިއަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑު ހަފްލާ ބާއްވާފައިވަނީ ވާޗުއަލް ކޮށެވެ. މި އެވޯޑު ދޭން ފެށީ 1993 ވަނަ އަހަރު އެވެ.

ރޭ ބޭއްވި މިއަހަރުގެ އެވޯޑު ހަފްލާގައި ރާއްޖެއަށް މި ފަހުރުވެރި މަގާމު ލިބުނީ 22 ގައުމަކާއި ވާދަކޮށްގެންނެވެ. ރާއްޖެ އާއި ވާދަ ކުރި މަޝްހުރު ބައެއް ޓޫރިސްޓު މަންޒިލްތަކުގެ ތެރޭގައި، ސްރީލަންކާ، ދުބާއީ، މެލޭޝިޔާ، ސްޕެއިން އަދި މޮރިޝިއަސް ހިމެނެ އެވެ.

މި އެވޯޑުގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ތަފާތު ކެޓަގަރީތަކުން އެވޯޑު ލިބިފައިވެ އެވެ. އޭގެ ތެރޭގައި

  • ވޯލްޑްސް ލީޑިން ނިއު ރިސޯޓް 2020: އެމަރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ
  • ވޯލްޑްސް ލީޑިން ލަގްޒަރީ އައިލެންޑް ރިސޯޓް 2020: ދަ ސެެއިންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓް
  • ވޯލްޑް ލީޑިން ލަގްޒަރީ އައިލެންޑް ވިލާސް 2020: ބަރޮސް މޯލްޑިވްސް
  • ވޯލްޑްސް ލީޑިން ހަނީމޫން ރިސޯޓް 2020: ޖޭއޭ މަނަފަރު
  • ވޯލްޑްސް ލީޑިން ވޯޓާ ވިލާ ރިސޯޓް 2020: ފޯ ސީޒަންސް ރިސޯޓް މޯލްޑިވްސް އެޓް ކުޑަ ހުރާ
  • ވޯލްޑްސް ލީޑިން ސީޕްލޭން އޮޕަރޭޓާ 2020: ޓްރާންސް މޯލްޑިވިއަން އެއާވޭސް
  • ވޯލްޑްސް ލީޑިން އެއާޕޯޓް ރިސޯޓް 2020: ހުޅުލެ އައިލެންޑް ހޮޓެލް

މި އެވޯޑް ލިބުމާ ގުޅިގެން އެމްއެމްޕީއާރުސީއިން ނެރުނު ބަޔާނެއްގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، ވޯލްޑްސް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑު ލިބުމުން ހާމަވެގެންދަނީ ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮންނަ މަގުބޫލުކަން ބޮޑުވެފައިވާ މިންވަރު ކަމަށެވެ. އަދި ބަލިމަޑުކަމުގެ މި ދަނޑިވަޅުގައި ވެސް ރާއްޖެއަށް ޒިޔާރަތް ކުރަން މީހުން ކެތްމަދުވެފައި ތިބި މިންވަރު މި އެވޯޑުގެ ސަބަބުން އިތުރަށް ހާމަވެގެން ގޮސްފައިވާކަން ވެސް މިނިސްޓަރު މައުސޫމް ވިދާޅުވި އެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގެ 40 ކެޓަގަރީއަކުން ރާއްޖެ ނޮމިނޭޓްވެފަ ވެއެވެ. އަދި ގްރޭންޑް ފިނާލޭގައި ވަނީ ޑެސްޓިނޭޝަން ކެޓަގަރީގެ އަށް ކެޓަގަރީއަކުން ނޮމިނޭޓްވެފަ އެވެ. މީގެއިތުރުން 30 ކެޓަގަރީއަކުން ރާއްޖޭގެ 50 ރިސޯޓަކާއި ހޮޓާތައް ނޮމިނޭޓްވެފައިވާއިރު ވޯލްޑް ކެޓަގަރީގެ ތިން ކެޓަގަރީއެއްގައި ރާއްޖޭގެ ތިން ރިސޯޓެއް ދުނިޔޭގެ އެންމެ މަތީ ފަންތީގެ ހިދުމަތްދޭ ތަންތަނާ ވަނީ ވާދަކޮށްފަ އެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ދޭ އެންމެ ޝަރަފުވެރި، މަޝްހޫރު އަދި އެންމެ އިތުބާރު ބޮޑު އެވޯޑެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް