ވާހަކަ: އެދެވޭތީ އަދު ބުނަމޭ – ހަތަރުވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... " ބައްޕަމެން ނިންމައިފިން ކުރިއަށް މިއޮތް ހަފްތާ ތެރޭ އާކިން އަދި.... ރޫބީގެ ކައިވެނި ކުރުވަން..." އައްބާސްގެ އެޖުމްލައިން ހީވީ އާކިންގެ ކަންފަތްކައިރީގައި ބޮމެއް ގޮއްވައިލިހެނ...

28 Oct 2021 | 07:21

ކުރީގެ އަދަދާއި ގުޅޭ...

" ބައްޕަމެން ނިންމައިފިން ކުރިއަށް މިއޮތް ހަފްތާ ތެރޭ އާކިން އަދި.... ރޫބީގެ ކައިވެނި ކުރުވަން..." އައްބާސްގެ އެޖުމްލައިން ހީވީ އާކިންގެ ކަންފަތްކައިރީގައި ބޮމެއް ގޮއްވައިލިހެންނެވެ. ރޫބީގެ ތުންފަތްމަތިން ހިނިތުންވުން ގެއްލި ދެބުމަ ގޮށް ޖަހައިލެވުނެވެ. އޭނާއަށް ބަލައިލެވުނީ ފަހަތުގައި ހުރި ނަޖުވާއަށެވެ. ނަޖުވާގެ މޫނުމަތި ހުދުކަފަކޮޅެކޭ އެއްގޮތެވެ. ހިތަށް ކުރި ފުންއަސަރު ކަރުނައިގެ ސިފައިގާ ލޮލުން ފާޅުވާން އުޅުމުން އޭނާ މަޑު މަޑުން ފަހަތަށް ޖެހެމުން ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލިއެވެ. ރޫބީ ނަޖުވާގެ ފަހަތުން ދާން އުޅުނު ހިނދު ރީނާ ރޫބީ މަޑުކުރުވިއެވެ.

އަރީކާއި ޒޫނީވެގެން އާކިން އާ ދިމާކުރަމުން ދިޔައިރު އަމްރާ އޭނާގެ ކޮއްކޮއަށް މަރުހަބާ ކިއެވެ. އާކިން އިނީ ހަރަކާތެއްވެސް ކޮށްލަން ނޭނގިފައެވެ. އައްބާސްގެ އެޖުމްލަ އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ.

" ރޫބީ.. އާދެބަލަ މިތާ އިށީންނަން..." އޭނާ އާ އައްބާސްއާ ދޭތެރެއިން ތަންކޮޅެއް ދައްކަމުން ހުރާޝާ ބުންޏެވެ. ރޫބީގެ ސިކުނޑި މަސައްކަތް ނުކުރާ ފަދައެވެ. ހުރިގޮތަށް ހުރެވުނީއެވެ. މިވަގުތު އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ނަޖުވާގެ ހިޔާލުތަކެވެ. ބޭނުންވީ ވީހާވެސް އަވަހަކަށް ނަޖުވާ ކައިރިއަށް ދާށެވެ.

" ރޫބީ... ނުކެރިފަތަ ތިހުންނަނީ.." ދެންވެސް ވާހަކަ ދެއްކީ ހުރާޝާއެވެ. އާކިން ފިޔަވައި އެންމެންގެ ނަޒަރު ހުއްޓިފައިހުރީ ރޫބީއަށެވެ. ރީނާ ގަދަކަމުން ކަހަލަ ގޮތަކަށް ރޫބީ ގެންގޮސް އައްބާސްއާއި ހުރާޝާގެ ދެމެދުގައި ބޭންދިއެވެ. އެވަގުތު ރޫބީގެ ނަޒަރު ހުއްޓުނީ އޭނާއާ ދިމާލަށް އިން އާކިން އަށެވެ. ރޫބީއާ ހަތަރުކަޅި ހަމަކުރަން ނުކެރި އާކިން އިސްޖަހައިލިއެވެ.

ރީނާ ރޫބީގެ ދޫކޮށްލެވިފައިވާ ފަން އިސްތަށިގަނޑުގައި ފިރުމައިލިއެވެ.

" މާޝާﷲ.. ވަރަށް ކިއުޓް ފަހަރިއެއް...." ރޫބީ ކައިރިއަށް ހުއްޓުނު އަމްރާގެ ރޫބީގެ ދެކޮލުގައި ހިފައިލަމުން ބުންޏެވެ.

" އަސްލުވެސް... އާކީ ވަރަށް ނަސީބުގަދަ އިނގޭ!" ޒޫނީވެސް ބުނެލިއެވެ. މުއީން އާއި ރީނާ ހިނިތުންވެލާފައި އެކަކު އަނެކަކަށް ބަލައިލިއެވެ.

"އެހެންވީމަ މާދަމާ ކޮންމެވެސް ވަގުތެއްގައި ހެކިވެރިން ފޮނުވާނަން..." އައްބާސް ބުންޏެވެ. އާކިން ހިންދިރުވައިލެވުނެވެ. އެވަރުގެ ބޮޑު ނިންމުމެއް އޭނާ ކައިރީގައި ނުވެސް ބުނެލާ ނިންމީތީ ވަރަށް ދެރަވިއެވެ.

" އެކަމަކު ތަންކޮޅެއް އަވަސްހެން ހިޔެއް ނުވޭތަ؟.." އަރީކް އަހައިލިއެވެ. އެވަގުތު އައްބާސާއި މުއީން އެކަކު އަނެކަކަށް ބަލައިލިއެވެ. ލޮލުން އެމީހުން ކޮންމެވެސް ވާހަކައެއް ދައްކައިލި ފަދައެވެ. އެސުވާލަށް ދޭނެ ޖަވާބެއް އައްބާސަކަށް ނުވިސްނުނެވެ. ހުރާޝާއަށް އެކަން ފާހަގަވެ އޭނާ މައުޝޫ ބަދަލުކޮށްލިއެވެ.

" ރީނާ ނެތްތަ މީރު ތެލުލި ބަނބުކެޔޮ ކޮޅެއް... " ހުރާޝާ އަހައިލިއެވެ.

" މިއަންނަނީ ހިފައިގެން.." އެތަނުން ހިނގައިގަންނަމުން ރީނާ ބުންޏެވެ.

*****************************

އެތައް އިރަކު ވާހަކަ ދައްކަން ތިބުމަށްފަހު އައްބާސާއި އޭނާގެ އާއިލާ ދިއުމަށް ހިނގައިގަތެވެ. އާކިން ނިކުތުމުގެ ކުރިން ނަޖުވާގެ ކޮޓަރިއާ ދިމާލަށް ބަލައިލިއެވެ. މިވަގުތު ނަޖުވާ ދެރަވާނެ ވަރު އޭނާއަށް އިހުސާސް ކުރެވެއެވެ. ބޭނުންވީ ނަޖުވާ ކައިރިއަށް ގޮސް އޭނާ އާ ވާހަކަ ދެއްކުމަށެވެ. ނަޖުވާ ނޫން އެހެން މީހަކާ ނީންނާނެކަމުގެ ޔަގީންކަން ދިނުމަށެވެ. ނަމަވެސް އެޔަގީންކަން އޭނާގެ އަމިއްލަ ހިތަށް ދޭން އުނދަގޫވީ ކީއްވެކަމެއް ނޭނގުނެވެ.

ރޫބީ އިނީ އައްބާސްމެން އެގެއިން ދިއުން ލަސްވެފައެވެ. ކޮޓަރިއަށް ވަންއިރު ފެނުނު މަންޒަރުން ރޫބީގެ ހިތްކުދިކުދިވިއެވެ. އެނދުގައި ލެގިލައިގެން ތަށިމުށިގަނޑުމަތީގައި އިން ނަޖުވާ ގިސްލަގިސްލާފައި ރޮނީއެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް ރޫބީ ނަޖުވާ ކައިރީގައ އިށީނެވެ.

" ނަޖޫ ޕްލީޒް... ހުއްޓާލާ.." ނަޖުވާގެ ދެލޯ ފޮހެދެމުން ރޫބީ ބުނިއިރު އޭނާއަށްވެސް އިނީ ރޮވެން ކައިރިވެފައެވެ.

" އަހަރެން އާކި ދެކެ ވަރަށް ލޯބިވޭ ރޫބީ.. ޕްލީޒް އާކި އާ ކައިވެނި ނުކުރާތި.." ގިސްލަމުން ނަޖުވާ ބުންޏެވެ.

" އޮފްކޯޒް ނަޖޫ... އަހަރެންވެސް ލޯބިވަނީ ހަމައެކަނި ސައިފް ދެކެ.. ސައިފް ނޫން އެހެންމީހަކާ ކައިވެނި ކުރުމަކީ ހުވަފެނެއްގައިވެސް އަހަރެން ދެކޭ ކަމެއް ނޫން.. އިހަށް ނަޖޫ ހަމަޖެހިބަލަ.. އަހަރެން މިހާރު މިދަނީ ގޮސް މަންމަ އާއި ބައްޕައާ ވާހަކަ ދައްކަން..." އަނެއްކާވެސް ނަޖުވާގެ ލޮލުން ފޭބި ކަރުނަތައް ފޮހެދެމުން ރޫބީ ބުންޏެވެ. ނަޖުވާ ބޯޖަހައިލުމުން ރޫބީ އިންތަނުން ތެދުވެގެން ހިނގައިގަތެވެ. ކޮޓަރިން ނިކުމެގެން ރޫބީ އެންމެ ފުރަތަމަ ގޮސް ބެލީ ރީނާއާއި މުއީންގެ ކޮޓަރިއެވެ. ކޮޓަރީގައި ނެތުމުން ގޮސް ބަދިގެ ބެލިއިރު އެތަނަކުވެސް ނެތެވެ. ގޯތި ތެރެއަށް ނިކުތްއިރު ހިކިމިރުސް ތަކެއް އަވީލަން ރީނާ ހުއްޓެވެ.

" މަންމާ...." ރޫބީ ރީނާ ކައިރިއަށް ހުއްޓެމުން ގޮވައިލިއެވެ. ރީނާ ހަމައެކަނި ހޫމް އަކުން ފުއްދައިލިއެވެ.

" ކޮބާތަ ބައްޕަ.." ގޯތި ތެރެ ހޯދައިލަމުން ރޫބީ އަހައިލިއެވެ.

" ބައްޕަ ވެއްޖެ މޫސަބެ ގެއަށް ވަޅޯމަސް ކޮޅެއް ގަންނަން ގޮއްސަ.. ކިހިނެއްވީތަ ބައްޕަ ތިހޯދަނީ.." ރޫބީއާ ދިމާލަށް އެނބުރެމުން ރީނާ އަހައިލިއެވެ. ރޫބީގެ މޫނުމަތިން ފެންނަމުން ދިޔަ ހިތްހަމަނުޖެހުން ސާފުކޮށް ރީނާއަށް ފެނުނެވެ.

" މަންމަމެން އަހަރެންގެ ކައިވެނި ހަމަޖެއްސުމުގެ ކުރިން އަހަރެން ކައިރީގައި އަހާލަން އެންމެ ރަނގަޅު ދޯ.. މީ މަންމަމެންގެ ޒަމާނެއް ނޫނޭ މަންމާ.. އެރޭންޖް މެރިޖް ކުރާކަށް.." ރޫބީ ހިތްހަމަނުޖެހިފައި ބުންޏެވެ.

" ދަރިންނަށްވުރެ ބޮޑަށް އެމީހުންނަށް ރަނގަޅުގޮތް އެނގޭނީ މައިންބަފައިންނަށް.. މަންމަމެންގެ ޒަމާނޭ ތިބުނަނީ ކީއްވެ.. ރޫބި ބޭނުންވަނީ މިހާރުގެ ކުދިން އުޅޭގޮތެއް ރައްޓެހިވެގެން ހުރިހާ ކަމެއް ކޮށް ނިންމާފަ ކައިވެނި ކުރަންތަ؟ މީހުންނާ ރައްޓެހިވެގެން ގިނަ ދުވަހު އުޅުމަކީ އަހަރެން އެހާ ރުހޭ ކަމެއް ނޫން.. އިސްލާމީ ރިވެތި އުސޫލުން ރޫބީގެ ކައިވެނި ކުރުވަން އަހަރުމެން ބޭނުންވަނީ.. " ރީނާ އެހެން ބުނިއިރު އޭނާގެ އަޑުގައި ރުންކުރު ކަމެއް ހުއްޓެވެ.

" ދެން ކޮބާ އަހަރެންގެ އުފަލާ ހިތްހަމަޖެހުން.. އަބަދު ތިގޮތަށް ދަރިން ފިއްތައިގެން ގެންގުޅުނީމަ އެންމެފަހުން ދެރަލިބޭނީ ހަމަ މަންމަމެންނަށް.. ދަރިން ކުރާ ކޮންމެ ކަމަކާ މައިންބަފައިން ބެހެންވެއްޖެ ނަމަ ކޮބާ ސަލާމަތެއް.." އައި ރުޅީގައި ކިޔޭ ނުކިޔޭއެއްވެސް ރޫބީއަކަށް ނޭނގެއެވެ. ރޫބީގެ ދުލުން ބޭރުވި ބަސްތައް ރީނާ ހުރި ޤަބޫލުކުރަން ދަތިވެފައެވެ. ބަލާކަށް ނުހުރެ ރޫބީގެ ކޯތާފަތްމަތީގައި ވިހެލީ އޭނާ ހަމަބިމަށް ތިރިކުރުމުގެ ނިޔަތުގައެވެ. ވީތަދާއެކު ރޫބީގެ ދެލޮލުން ކަރުނަތައް އޮހިގަތެވެ. ކޮލުގައި ހިފަހައްޓައިލެގެން ހުރެ ރޫބީ ރީނާއާ ދިމާލަށް ބަލައިލަމުން ތުންފިއްތާލިއެވެ.

" ހަބަރުދާރު ދެން ފަހަރަކުން ތިމޭރުމުން ވާހަކަ ދައްކައިގެން ނުވާނެ... ނުރުހުމުގެ ގޮތުން މައިންބަފައިންނާ ދިމާލަށް އުއްފުއޭވެސް ބުނުން ހުއްދަވެގެން ނުވާއިރު ތިމޭރުމުން އަހަރުމެންނާ ވާހަކަ ދެއްކުމުން ލިބޭނެ އަޒާބާ ދޭތެރޭގައި ވިސްނާލިންތަ؟ އަހަރެމެން ބުރަ މަސައްކަތްކޮށްގެން ރޫބީ ބަލާބޮޑުކުރީ މިއަދު ރޫބީ އަހަރެންނާ ދިމާލަށް ތިފަދަ ބަސްތައް ބުނަންތަ؟ ދެން ތިކިޔަނީ ކައިވެނީގެ ވާހަކަ... ހަޤީޤީ ލޯތްބަކީ ކައިވެނީގެ ފަހުން ވެވޭ މާތް އެއްޗެއް... ރައްޓެހިވެގެން ހުރެ ޖަހާ ސަކަރާތް އެއީ ލޯތްބެއް ނޫން އެއީ ޝައިޠާނީ ވަސްވާސް.." ރީނާގެ އަޑު ބާރެވެ. ރީނާ އާ ވާހަކަ ދެއްކުނު މޭރުމުން ރޫބީ ދެރަވިއެވެ. އެފަދަ ގޮތަކަށް ވާހަކަ ދެއްކުނީ އައިސްފައިވާ ރުޅިއެއްގެ ސަބަބުންނެވެ.

" އެކަމަކު މަންމާ އަހަރެން ބޭނުމެއްނޫން.." ކުރެހިފައިވާ އަޑަކުން ރޫބީއަށް ބުނެވުނެވެ.

" ކީއްވެ ބޭނުންނުވަނީ.. އާކިން އަށް ވުރެ ރަނގަޅު ކުއްޖެއް ވަކި ރޫބިއަށް ލިބިދާނެތަ؟" ރީނާ އަހައިލިއެވެ.

" އެކަމަކު ނަޖޫވެސް އެހުރީނު.. އާކިން އާ ނަޖޫ އާ ކައިވެނިކުރުވަންވީއެއްނު.." އިސްޖަހައިލަމުން ރޫބީ ބުންޏެވެ. ރީނާ ވިސްނައިލިއެވެ. ރޫބީ އެންމެ ފަސޭހައިން ޤަބޫލުވާނީ ހަޤީގަތް ރޫބީއަށް ކިޔައިދިނުމުންނެވެ. ރީނާ ރޫބީގެ އަތުގައި ހިފައިގެން ގެނެގޮސް އޭނާގެ ކޮޓަރިއަށް ވައްދާ ދޮރުލެއްޕިއެވެ.

*******************

މެންދުރުގެ ކެއުމަށް އިންސާފުކުރަމުން ދިޔަ ވަގުތެވެ. މައިގަނޑު މައުލޫއަކަށް އޮތީ އާކިންގެ ކައިވެނީގެ ވާހަކައެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އުފަލާއި ހިތްހަމަޖެހުމެވެ. މޫނުމަތީގެ ކުލަ އޮއްސިފައި އިން އާކިން އިނީ އޭނާގެ މައިންބަފައިންނާ ވާހަކަ ދައްކަން ބޭނުންވެފައި ނަމަވެސް ނުކެރިފައެވެ. އޭނާ ކައިރީގައި އަހާލުމެއް ނެތި އޭނާގެ މައިންބަފައިން އެވަރުގެ ބޮޑު ނިންމުމެއް ނިންމާނީ އޭނާއަށް ވަރަށް ބޮޑަށް އިތުބާރު ކުރާތީކަން އާކިން އަށް އެނގެއެވެ.  އެހެންނަމަވެސް އޭނާގެ ހިތް އޮތް ގޮތް މައިންބަފައިންނަށް ކޮންމެހެން އަންގަން ޖެހޭނެއެވެ. އެހެންނޫނީ މުޅި އުމުރަށް ނަޖުވާ އޭނާއަށް ގެއްލިދާނެއެވެ. އައްބާސާއި ހުރާޝާއަށް އާކިން ވަކިވަކިން ބަލައިލިއެވެ. އެދެމީހުންގެ ތުންފަތްމަތީގައިވަނީ ހިނިތުންވުމެކެވެ. އޭނާއަށް ބުނެވޭ އެންމެ ޖުމުލައެއްގެ ސަބަބުން އެމީހުންގެ ތުންފަތްމަތިން ފެންނަމުން ދިޔަ ހިނިތުންވުން ގެއްލޭނެކަން ކަށަވަރެވެ. އޭނާއާ މެދު އެމީހުން ކުރަމުން އައި ފޮނި އުއްމީދު ފުނޑުފުނޑުވާހިނދު ހިތްދަތިވާނެކަން ޔަގީނެވެ. އެމީހުން އޭނާއަށް ކުރަމުން އައި ފުރިހަމަ އިތުބާރުވެސް ގެއްލިދާނެއެވެ. މިފަދަ ހިޔާލުތަކަކަށް ގެއްލިފައިން އިން އާކިން ސިހުނީ ޖީބުގައި އޮތް ފޯނު ވައިބްރޭޓް ވާން ފެށުމުންނެވެ. ތަށިތެރެއަށް ސަމްސާ ދޫކޮށްލުމަށްފަހު އާކިން ފޯނު ނެގިއެވެ. ސްކްރީނަށް އަރާފައި އޮތް ނަޖުވާގެ ނަން ފެނުމުން ކުރިއަށްވުރެ ބޮޑަށް އާކިންގެ މޫނުމަތީގެ ކުލަ އޮއްސިގެން ދިޔައެވެ. ނަޖުވާ އާ ވާހަކަ ދައްކާނީ ކޮންމޫނަކައިގެން ހެއްޔެވެ؟ ވައިބްރޭޓް ވަމުން ދިޔަ ފޯނު ކެނޑުނުއިރުވެސް އާކިން އަށް ފޯނަށް ބަލަހައްޓައިގެން އިނދެވުނީއެވެ. ފޯނު އަލުން ޖީބަށް ލާން އުޅެނިކޮށް އައީ ނަޖުވާގެ މެސެޖެކެވެ. އެމީހުން އަބަދުވެސް ބައްދަލުކުރާ ޕާކުން ބައްދަލުކުރުމަށް އެދިފައެވެ.  ފޯނު ޖީބަށްލުމަށްފަހު އާކިން އިންތަނުން ތެދުވަން އުޅުނެވެ. ނަމަވެސް އެވަގުތު ހުރާޝާ ގޮވައިލުމުން މަޑުޖެހުނެވެ.

" އާކީ ކީއްވެ ބަތްތަށީ ހުސްނުކުރީ.. އެންމެ އެތިކޮޅެއްވެސް ކައިފަ ހުރިހެން ހިޔެއްނުވޭ.." އާކިންގެ ތައްޓަށް ބަލައިލަމުން ހުރާޝާ ބުންޏެވެ.

" މަމްއަށް ހީވާގޮތް ކަންނޭނގެ... މިރޭ ތަންކޮޅެއް ގިނައިން އެޅުނީމަ ކަމަށްވެދާނެ.." އާކިންއަށް ދޮގެއް ހަދަން މަޖުބޫރުވިއެވެ.

" އޯވްހޯ... ބައެއް ކުދިން އުފަލުން ގޮސް މިރޭ މާގިނައިން ކާހިތުން..." ދިމާކުރާ ރާގަކަށް ޒޫނީ ބުންޏެވެ. އަރީކް ޒޫނީގެ ފައިގައި ޖަހައިލީ އައްބާސް އާއި ހުރާޝާ ތިއްބާ އެފަދަ ސަމާސާއެއް ކުރުމުންނެވެ. ޒޫނީ އަމްރާ ކައިރިއަށް ހިނިއައެއް ކަމަކު ހިނިގަނޑު އެތެރެއަށް ހިންދާލެވޭތޯ މަސައްކަތްކުރިއެވެ.

" އާކީ.. ބައްޕަ ވާހަކައެއް އަހާލަންތަ؟" ވަރަށް ފުންކޮށް އާކިންގެ މޫނަށް ބަލައިލަމުން އައްބާސް އަހައިލިއެވެ. އާކިން ވަކި ޖަވާބެއް ނުދީ ބޯޖަހައިލިއެވެ.

" ބައްޕަމެން އާކި ކައިރީ ނާހާ އެފަދަ ނިންމުމެއް ނިންމީމަ އެކަމާ ހިތްހަމަނުޖެހިފަތަ ތިއިންނަނީ؟" އައްބާސް އަހައިލިއެވެ. އެވަގުތު އޭނާގެ ހިތް އައްބާސް ކުރިމަތީގައި ބަންޑުންކޮށްލަން ބޭނުންވިއެވެ. އެހެންނަމަވެސް އެހިތްވަރެއް އޭނާއަށް ނުލިބުނީ ކީއްވެކަމެއް ނޭނގުނެވެ. މަޑުމަޑުން ދެފަރާތަށް ބޯހޫރާލެވުނީ ބޭއިޙްތިޔާރުގައެވެ. އާއިލާ މީހުން އެހާ އުފަލުން ތިއްބާ މަސްލަހަތު ގެއްލުވާލަން ބޭނުންނުވީއެވެ. އާކިންގެ ޖަވާބު އެނގުމުން އައްބާސްގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ.

" ވީ އާރ ސޯ ޕްރައުޑް އޮފް ޔޫ ސަން... ތިފަދަ ދަރިއެއް ދެއްވި ކަމަށްޓަކާ ﷲއަށް ޝުކުރުވެރިވަން.." އައްބާސް ބުންޏެވެ. އާކިން ތުންފަތަށް ހިނިތުންވުމެއް ވެރިކުރިވީ ގަދަކަމުންނެވެ.

" އެބައަންނަން ފްރެންޑަކާ ބައްދަލުކޮށްލާފަ.. " އިންތަނުން ތެދުވަމުން އާކިން ބުންޏެވެ.

*****************

ގޯތިތެރޭގައި އިންދާފައި ހުރި މާގަސްތަކުގެ ތެރޭގައި ހިނގާލަ ހިނގާލާ ރޫބީ ހުއްޓެވެ. ފަހަރަކު މަލެއްގައި އަތްތިލައިން ބީހެމުން ދިޔައިރު އޭނާގެ ނަޒަރުވަނީ ބިންމައްޗަށް ހުއްޓިފައެވެ. ރީނާ ދެއްކި ވާހަކަތަކަށްފަހު އޭނާ އެހުންނަނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ރަތްވެފައިވާ އޭނާގެ ދެލޮލުން ކަރުނަ ނުހިކެއެވެ. ލިބުނު ހަބަރުން އޭނާގެ ހިތްކުދިކުދިވެއްޖެއެވެ. އެސްފިޔަޖަހައިލާ ކުޑަހިނދުކޮޅެއްގެ ތެރޭގައިވެސް މުޅި ހަޔާތް ބަދަލުވާކަން އެއީ މީގެ ކުރިން އޭނާއަށް އިވިފައިވާ ވާހަކައެކެވެ. ނަމަވެސް މިއަދު އޭނާ މިވަނީ އެކަން ތަޖުރިބާކުރަން ޖެހިފައެވެ. މުއީނަށް ލޭގެ ކެންސަރު ޖެހިފައިވާ ވާހަކަ ރީނާ އޭނާ ކައިރީގައި ބުނި ހިނދު ހީވީ ހިނދުކޮޅަކަށް ދުނިޔެ އެއްކޮށް ހުއްޓުނު ހެންނެވެ. ކެންސަރުގެ އެންމެ ފަހު ސްޓޭޖްގައިވާ މުއީން ބޭނުންވީ ކީމޯ ތެރަޕީ ހަދަން ފުރުމުގެ ކުރިން އޭނާގެ ހުރި ހަމައެކަނީ ދަރިފުޅުގެ ކައިވެނި ކުރެވޭތަން ދެކޭށެވެ. އެއެދުމަކީ މުއީންގެ އެންމެ ފަހުގެ އެދުމަށްވެސް ވެދާނެއެވެ. އަނެއްކޮޅުން ފަރުވާއަށްޓަކާ ވިހާވެސް އަވަހަކަށް ފުރުން މަޖުބޫރެވެ. ދަރިއެއްގެ ހައިސިއްޔަތުން ބައްޕައެއްގެ އެންމެ ފަހުގެ އެދުން ފުރިހަމަ ކޮށްދިނުމަކީ އެދަރިއެއްގެ ވާޖިބެކެވެ. ނަމަވެސް މުއީންގެ އެދުން ފުރިހަމަކޮށްދިނުމަށްޓަކައި ރޫބީ ކަޑައްތު ކުރަން ޖެހިފައިވަނީ އުނދަގޫ ރާސްތާއެކެވެ. ހިތާ ދެކޮޅަށް ނަމަވެސް ދާންޖެހޭ މަންޒިލަށް ވާސިލުވުމަށްޓަކައި ލޯބިވާ އެތައް ބައެއްގެ ހިތްހަލާކު ކޮށްލަން އެބަޖެހެއެވެ. އޭނާގެ އެންމެ ނިންމުމެއްގެ ސަބަބުން އެންމެ ލޯބިވާ މީހުންގެ މުޅި ޒިންދަގީ ބަރުބާދުވެގެން ދާނެއެވެ. ނަމަވެސް އޭނާގެ ލޯބިވާ ބައްޕަގެ ހައްޤުގައި އެކަން ކުރަން ރޫބީއަށް މަޖުބޫރުވެއްޖެއެވެ. ހިތްމަތީގައި ހިލގަނޑެއް ބާއްވާފައިނަމަވެސް ބައްޕައަށް ޓަކައި އެހެން ހުރިހާ ގުޅުމެއް ޤުރުބާންކުރަން ރޫބީ ތައްޔާރެވެ.

" ދަރިފުޅާ ރޫބީ..." އެތަނަށް އައިސް ހުއްޓުނު ރީނާ ރޫބީގެ ކޮނޑުމަތީގައި އަތް ބާއްވައިލަމުން ބުންޏެވެ. ރޫބީދެކެ އައި ރުޅީގައި އޭނާއަށް ހަޤީގަތް ހާމަކުރެވުމުން ރީނާ ހުރީ އެކަމާ ދެރަވެފައެވެ. މުއީން ބޭނުންވީ އެކަން ރޫބީއާއި ނަޖުވާއަށް ސިއްރުކުރާށެވެ. އޭނާ ރޫބީއަށް ހުރިހާ އެއްޗެއް ކިޔައިދިންކަން އެނގިއްޖެނަމަ މުއީން ހިތްހަމަނުޖެހޭނެއެވެ.

ރޮއެ ރޮއެ ދުޅަވެފައިވާ ދެލޮލުން ރޫބީ ރީނާ އާ ދިމާލަށް ބަލައިލިއެވެ. ރޫބީގެ އެހާލާތު ފެނުމުން ރީނާއަށް ކެތެއް ނުކުރެވުނެވެ. ދަރިފުޅު ކައިރިއަށް ގެނެސް މެޔާލާ ބޮނޑިކޮށްލެވިއްޖެއެވެ.

" މަންމައަށް މާފު ކުރޭ ރޫބީ.. ރޫބީ ތިގޮތަށް ރޮންޏާ މަންމައަށް ވާނި ކިހިނެއް.. ވޭތުވެ ދިޔަ ދުވަސްތަކުގައި މަންމަ ހިތަށް ކުރި އަސަރު ﷲ ދެނެވޮޑިގެންވާނެ.. އެކަމަކު ދަރިފުޅުމެންގެ ހައްޤުގައި ފަސޭހަ ކަމެއް ނޫނަސް މަންމަ ކެތްތެރިވިން.. އެކަމަކު ރޫބީ ތިގޮތަށް ރޯތަން ދެކޭކަން މަންމައަކަށް ކެތެއް ނުވާނެ.." ރޫބީ ގައިގައި ބައްދާލައިގެން ހުރެ ކުރެހިފައިވާ އަޑަކުން ރީނާ ބުންޏެވެ. ރޫބީގެ ކެތްތެރިކަން ކޮޅުންލީ އެހިސާބުންނެވެ. ރީނާ ގައިގައި ބާރަށް ބައްދާލަމުން ރޮއެ ގަނެވިއްޖެއެވެ. ދެމައިން އެކަކު އަނެކަކު ގައިގައި ބައްދައިގެން ހުރެ ރޮމުން ދިޔައިރު ފެންނަ މީހެއްގެ ހިތަށް އިންތިހާއަށް އަސަރު ކުރާނެކަން ޔަގީނެވެ.

" މަންމާ ކީއްވެ ބައްޕަ..." ރުއިމުގެ ތެރެއިން ރޫބީއަށް ބުނެވުނެވެ.

" ނޫން ދަރިފުޅާ.. މީ ތަޤްދިރުގެ ނިޔާ.. މިކަމާ ޝަކުވާ ކުރުމަށްވުރެ ކެތްތެރިވުން މޮޅު.. މަންމަވެސް މިހުންނަނީއެއްނު... ﷲގެ ރަޙުމަތުން އުއްމީދު ކަނޑާލާކަށް ނުވާނެ... އިރާދަކުރެއްވިއްޔާ ﷲ ޝިފާ ދެއްވަވާނެ..." ރޫބީ ގަޔާ ދުރުކޮށްލުމަށްފަހު އޭނާގެ ދެލޯ ފޮހެދެމުން ރީނާ ބުންޏެވެ.

" ދެން ހުއްޓާލާ ރޫބީ.. މިހާރު ބައްޕަ އަންނަން އުޅޭނެ.. ރޫބީއަށް އެނގޭކަން ބައްޕައަށް އެނގުނަދީގެން ނުވާނެ.. އެހެންނޫނީ ބައްޕަގެ ހިތްވަރު މުޅިން އެލޭނެ..." ރޫބީއަށް ވިސްނައިދެމުން ރީނާ ބުންޏެވެ.

" ދެން ދޭ އަވަހަށް ކޮޓަރިއަށް ގޮސް ފެންވަރާ ތާޒާ ވެލައިގެން އަންނަން.. އަދި މެންދުރު ނުވެސް ކައެއްނު ތިހިރީ..." ރޫބީގެ މޫނު ފޮހެދެމުން ރީނާ ބުންޏެވެ.

" މަންމާ... ކުރިއަށް މިއޮތް ހަފްތާ ތެރޭ އަހަރެން ބޭނުންވަނީ މަންމައާއި ބައްޕަ ކައިރީގައި ތިކޮޓަރީގައި އުޅެން.. ނިދަންވެސް ބޭނުންވަނީ ތިކޮޓަރީގަ.. އެންމެ ރަނގަޅުތަ؟" ރޫބީ އަހައިލިއެވެ. ނަޖުވާގެ ހިތްހަލާކުކޮށްލުމަށްފަހު އޭނާއާ އެއްކޮޓަރީގައި އުޅެން ރޫބީއަށް ފަސޭހައެއް ނޫނެވެ.

" އޭރުން ނަޖޫ ކީކޭ ބުނާނީ؟" ރީނާ އަހައިލިއެވެ.

" ނަޖޫ..ނަ..ޖޫ ކައިރީ ބުނާނީ މިގޭގަ ހުރެވޭ ދުވަސްތަކުގަ މަންމަމެން ކޮޓަރީގަ އުޅެލަން ބޭނުންވާ ވާހަކަ.. އޭރުން ނަޖޫ އަންޑަސްޓޭންޑް ވާނެ..." ރޫބީ ބުންޏެވެ. ރީނާ ބޯޖަހައިލުމުން ރޫބީ އޭނާގެ ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ.

********************

ޕާކަށް ވަދެގެން އައި އާކިން ފެނުމުން ނަޖުވާއަށް ތުންފިއްތައިލެވުނެވެ. ބޭނުންވީ ދުވެލާފައި ގޮސް އާކިންގެ މޭތެރޭގައި ބޮނޑިވެލުމަށެވެ. އާކިން އައިސް ނަޖުވާ ކައިރިއަށް ހުއްޓެމުން ފުންނޭވައެއް ދޫކޮށްލިއެވެ. ކަންތައްވީގޮތުން ނަޖުވާ އާ ހަތަރުކަޅި ހަމަކުރާކަށް އާކިންއަކަށް ނުކެރުނެވެ.

" ސޮރީ ނަޖޫ.. މަންމައާއި ބައްޕަ އެވަރުގެ ބޮޑު ނިންމުމެއް ނިންމީ އަހަރެންނަށް އެނގިގެނެއް ނޫން.. " އިސްޖަހައިލަމުން އާކިން ބުންޏެވެ.

" އެނގޭ އަހަރެންނަށް އާކި އަށް އެނގިގެން ނޫންކަން.. އެކަމަކު އާކިގެ މަންމަމެން ކައިރީގައި އަހަރެންގެ ވާހަކަ ކުރިން ބުނިނަމަ މިއަދު ރޫބީގެ ނަމުގެ ބަދަލުގައި ބުނާނީ އަހަރެންގެ ނަން ކަންނޭނގެ..." ކުރަކިވެފައިވާ އަޑަކުން ނަޖުވާއަށް ޝަކުވާ ކޮށްލެވުނެވެ. އެކަމަށް ވަކި އެއްޗެއް އާކިންއަށް ނުބުނެވުނީ އޭނާގެ ކުށް ޤަބޫލުކުރެވޭތީއެވެ. އާކިން ހުރި ގޮތުން އޭނާވެސް ހުރީ ނުހަނު ދެރަވެފައިކަން ނަޖުވާއަށް އެނގުނެވެ.

" ވީކަމެއް ވީ... އެކަމަކު އަދި ލަހެއް ނުވެއެއްނު.. އާކި މަންމަމެން ކައިރީގައި ބުނެބަލަ އާކި ލޯބިވަނީ އަހަރެން ދެކެއޭ.. " އާކިންގެ އަތްތިލައިގައި ހިފައިލަމުން ނަޖުވާ ބުންޏެވެ. އާކިން ނަޖުވާ އާ ދިމާލަށް ބަލައިލީ ގޮތްހުސްވެފައިވާ މީހަކު ފަދައިންނެވެ.


ނުނިމޭ.. ވާހަކައިގެ އާބައެއް، އިންޝާﷲ، 31 އޮކްޓޯބަރ ވާ އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް