ކޮންމެވެސް މީހަކު ނަޖުވާގެ އަތުގައި ހިފާ އެމީހަކާ ދިމާލަށް ދަމައިލިއެވެ. ލިބުނު ސިހުމުގައި ނަޖުވާ ހަޅޭއްލަވައިގަންނަން އުޅުނު ވަގުތު އެމީހަކު ނަޖުވާގެ އަނގަމަތީގައި އަތް އެޅިއެވެ. ކުއްލިއަކަށް ލިބުނު ސިހުމާއި ހިތަށް ވެރިވި ބިރުވެރިކަމެއްގެ ސަބަބުން ނަޖުވާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ތަނަށް ވެރިވެފައިވީ ފަނޑު އަލިން އެމީހެއްގެ މޫނު ފެނުނު ހިނދު ނަޖުވާއަށް ހަމަޖެހުމެއް ލިބުނެވެ. ނަޖުވާގެ ބޮޑުވެފައިވީ ދެލޯ ހަނިވެގެން ދިޔައީ ތުންފަތަށް ވެރިވި ފުޅާ ހިނިތުންވުމާއެކުއެވެ. މިވަގުތު އޭނާގެ ކުރިމަތީގައި އެހުރީ އެމީހަކު ދުށުމަށް އޭނާ ކެތްމަދުވެފައިވާ އިންސާނާއެވެ.
ނަޖުވާ ހިނިތުންވެލިކަން ނަޖުވާގެ އަނގަމަތީގައިވާ އާކިންގެ އަތްތިލައަށް އިހުސާސްވުމާއެކު އޭނާ މަޑުމަޑުން އަތްތިރިކޮށްލިއެވެ. ނަޖުވާގެ ތުންފަތްމަތީގައިވާ ރީތި ހިނިތުންވުން ފެނުމުން އާކިން އަށް ލިބުނީ ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެކެވެ. ނަޖުވާ އަބަދުވެސް އެގޮތުގައި ހިނިތުންވެފައި ހުރުން އެއީ އޭނާގެ ހިތުގެ ދުޢާއެވެ.
" އޯވްހް އާކީ...." ވީ އުފަލުން ނަޖުވާއަށް ބުނެވުނެވެ. އާކިން އޭނާގެ ދެލޮލަށް އެފެނުނީ ދެއަހަރަށް ފަހުގައެވެ.
" ނަޖް... މައި ލަވް... " އާކިން ލޯބިން ފުރިގެންވާ ގޮވުމަކުން ގޮވައިލިއެވެ. ނަޖުވާ އާކިންގެ ހަށިގަނޑުގައި ދެއަތް ވަށައިލަން އުޅުނު ހިނދު އާކިން ނަޖުވާގެ ދެއަތުގައި ހިފައި ހުއްޓުވިއެވެ. އާކިންގެ އެއަމަލުން ލިބުނު ނުތަނަވަސް ކަމުގައި ނަޖުވާ އިސްޖަހައިލިއިރު ހިސާބެއްގެ ލަދުވެތިކަމެއްވެސް އިހުސާސް ކުރެވުނެވެ. ނަޖުވާ ދެރަވެއްޖެހެން ހީވުމުން އާކިން ނަޖުވާގެ ދަތްދޮޅީގައި ހިފައި މައްޗަށް އުފުލައިލިއެވެ.
" ޕްލީޒް ދެރަނުވެބަލަ ނަޖް.. އެނގެއެއްނު ކައިވެނީގެ ކުރިން އެފަދަ ގޮތަކަށް ނަޖް ގައިގައި އިނގިލީ ކުރިވެސް ޖައްސައިލަންވެސް އަހަރެން ބޭނުން ނުވާކަން.. އަހަރެންގެ އުސޫލުތައް ނަޖްއަށް އެނގެއެއްނު.. " ނަޖުވާއަށް ވިސްނައިދޭން މަސައްކަތް ކުރަމުން އާކިން ބުންޏެވެ. ނަޖުވާ ބޯ ޖަހައިލަމުން ހިނިތުންވެލިއެވެ.
" ސޮރީ އަހަރެން ހަނދާން ނެތުނީ.. އެހާ ދުވަސް ފަހުން އާކި ފެނުނީމަ އައި ކުޑުންޓް ކޮންޓްރޯލް މައިސެލްފް.." ނަޖުވާ ބުންޏެވެ.
" އިޓްސް އޯކޭ.. ހިނގާ ގެއާ ހަމައަށް ގެންގޮސް ދޭނަން.." ނަޖުވާގެ އަތުގައި ހިފައިގެން ހިނގައިގަންނަމުން އާކިން ބުންޏެވެ.
އާކިން އަކީ ބަލާބެލުމަށް ކިތަންމެ 'މޮޑަރން' ކުއްޖަކަށްވިޔަސް އޭނާ އަކީ އުސޫލުތަކެއް ގެންގުޅޭ އަހްލާޤު ރަނގަޅު ކުއްޖެކެވެ. އަންހެނުންނަށް އިޙްތިރާމް ކުރުމަކީ އޭނާ ގައިގައި އަށަގަނެފައިވާ އެންމެ ރަނގަޅު ސިފަތަކުގެ ތެރެއިން ސިފައެކެވެ. ރައްޓެހިވެގެން އެހާ ދުވަސްވީއިރުވެސް އެދެމެދުގައި އޮތީ ސާފުޠާހިރު ލޯތްބެކެވެ. ބައެއް ފަހަރު ނަޖުވާ ޖަޒުބާތުގެ އޮއެވަރުގައި ޖެހި އޭނާގެ އުސޫލުތަކާ ހިލާފުވިޔަސް ވަގުތުން އެކަން ހުއްޓުވާ ނަޖުވާއަށް ނަސޭހަތްތެރިވަނީވެސް އާކިންއެވެ.
" ކޮންއިރަކު އައީ.. ނުވެސް ބުނަމެއްނު އަންނަ ވާހަކައެއް.." އާދައިގެ މިނެއްގައި ހިނގަމުން ދިޔަ ނަޖުވާ ބުންޏެވެ.
" ވަރަށް ކުއްލި ގޮތަކަށް އަންނަން ހަމަޖެހުނީ.. ބޭނުންވީ ނަޖްއަށް ސަޕްރައިޒެއް ދޭން.. މީގެ ބައިގަޑިއެއްހާއިރު ކުރިން ފްލައިޓް ލޭންޑް ކުރީވެސް.. އައި ގޮތަށް މިއައީ ނަޖް ދެކިލާހިތުން.. " ނަޖުވާއާ އެއް ހަމައެއްގައި ހިނގަމުން ދިޔަ އާކިން ބުންޏެވެ.
" ކިހިނެއް އެނގުނީ އަހަރެން މިގަޑީގަ ޑިއުޓީކަމެއް.. އާކި ކައިރީ އަހަރެންނެއް ނުބުނަން..." އާކިންއަށް ބަލައިލަމުން ނަޖުވާ ބުންޏެވެ.
" ކާކުހެން ހީވަނީ ބުނީ..." ލާނެތް ގޮތަކަށް ހީނލަމުން އާކިން އަހައިލިއެވެ. ނަޖުވާ ވިސްނާކަށް މާގިނަ ވަގުތެއް ނުނެގިއެވެ.
" ރޫބީ ދޯ... ހެހެހެ... އާކިން ގުޅައިގެން ފޯނު ނެގި ދޯ.. " ނަޖުވާ ބުނެލިއެވެ. އެބުނި އެއްޗެއް ފަހުމުނުވެ އާކިން މޫނަށް ހައިރާންކަން ވެރިވިއެވެ.
" އަހަރެން ގުޅައިގެން ފޯނު ނުނަގަންވީ ކީއްވެ؟" އާކިން ހައިރާންވެފައި އަހައިލިއެވެ.
" ހެހެހެ.. ވަކި އާކި ވީމައެއް ނޫން.. އެކަމަކު މިދުވަސްކޮޅަކީ ވަރަށް މޫޑީވެގެން އުޅޭ ދުވަސްކޮޅަކަށްވީމަ އެހެން މިބުނީ.. އާންމުކޮށް އެގޮތަކަށް މޫޑީ ވެގެން އުޅޭއިރު އަހަރެން ގުޅިޔަސް ފޯނެއް ނުނަގާނެ ވިއްޔަ.." ނަޖުވާ ބުންޏެވެ.
" ކޮން ކަމަކާ މޫޑީ ވީ އަނެއްކާ؟ ސައިފް އާ މައްސަލައެއް ޖެހުނީތަ؟ " އާކިން އަހައިލިއެވެ.
" ނޫން.. އާކި ކައިރީގައި ނުބުނެވޭދޯ... ސައިފް ޓްރެއިނިންގް އަށް ދިޔައީނު.. ދެދުވަސް ވެއްޖެ މިހާރު.. ކޮޓަރިންވެސް ނުނިކުމެ އެނދުގައި އޮންނަނީ ހަމަ.." ނަޖުވާ އެންމެ ގާތް އެކުވެރިޔާގެ ހާލު އާކިންއާ ހިއްސާކުރިއެވެ.
" އެހެން އޮވެގެން މިހާރު ހުރި ވަރަށް ވުރެ ޗަބީ ނުވިއްޔާ ރަނގަޅު.. ހަހަހަހަ..." އާކިން ބުނެލިއެވެ. ޗަބީއޭ ކިޔާ ރޫބީއާ ދިމާކުރުމަކީ އާކިންގެ އާންމު ކަމެކެވެ. ނަޖުވާ އާކިންގެ އަތުގައި ޖަހައިލިއެވެ.
" އެހެން ނުކިޔާނެ އާކީ.... އެހެންނޫނަސް އާކިއަށް ކީއްވެތަ ހީވަނީ ރޫބީ ޗަބީހެން... ރޫބީގެ ދެ ކޯތާފަތް ޗަބީކޮށް ހުއްޓަސް އަސްލު ފަލައެއް ނޫނޭ... ފެންނަ ފެނުމަށް މީހުންނަށް ހީވަނީ އެހެން..." ރަޙުމަތްތެރިޔާ ދިފާޢު ކުރަމުން ނަޖުވާ ބުންޏެވެ.
" އޯކޭ އޯކޭ ސޮރީ.. އަހަރެން ހިނދުކޮޅަކަށް ހަނދާން ނެތުނީ ބެސްޓީސްކަން.. އެކަމަކު ވަރަށް ވޭ ދިމާކޮށްލާހިތް.." އާކިން ބުންޏެވެ. އޭރު އެދެމީހުންނަށް ގެއާ ހަމައަށް އާދެވިއްޖެއެވެ.
" ގުޅާފަ ބުނަންވީ ދޯ ނިކުންނާށޭ.." ދަބަހުގައި އޮތް ފޯނު ނަގަމުން ނަޖުވާ ބުންޏެވެ.
" ނޫނޭ ގުޅާނެ ކަމެއް ނެތް.. މިހާރު އޮންނާނީ ސިރީސް ދުނިޔެއަށް ގެއްލި ހުސްވެފަ.." އާކިން ބުންޏެވެ.
" އަޅެ އާކީ ކޮންއިރަކުންތަ މެރީ ކުރާ ވާހަކަ އާކީގެ ފެމިލީ ކައިރީގައި ދައްކާނީ.. މިހާރު މިހެން އުޅޭތާ ކޮންދުވަހެއް.. އަހަރެން ބޭނުންވަނީ ވީހާވެސް އަވަހަކަށް މެރީ ކުރަން..." ނަޖުވާ ބުންޏެވެ. ވަކި ޖަވާބެއް ނުދީ ހިނިތުންވުމަކުން އާކިން ފުއްދައިލިއެވެ.
" ހިނގާބަލަ ކުޑަކޮށް ހިނގާލާފަ އަންނަން.." އާކިންއާ އެކު އިތުރަށް ވަގުތު ހޭދަކުރަން ބޭނުންވާތީ ނަޖުވާ ބުންޏެވެ.
" ނޫން.. މިގަޑީ މިހާރު ދެން ވަރަށް ލަސްވެއްޖެއްނު.. މަންމަމެން އެންމެންނާއެކު އިރާދަކުރެއްވިއްޔާ މާދަން އަންނަނީ... ނަޖް ވެސް ދޭ އަވަހަށް ނިދަން.. އެހެންނޫނީ ފަތިސް ނަމާދަށް ހޭނުލެވިދާނެ..." ވަރަށް ލޯބިން އާކިން ބުންޏެވެ.
" އެކަމަކު އެހާ އަވަހަށް އާކި ފޮނުވާލާހިތެއް ނުވޭ.. ޕްލީޒް މަޑުކޮށްލަބަލަ އިރުކޮޅަކު.." ނަޖުވާ އާދޭހުގެ ރާގަކަށް ބުންޏެވެ.
" ޓްރައި ޓު އަންޑަސްޓޭންޑް ނަޖް.. މިފަދަ ގަޑިއެއްގަ މިތަނުގަ ތިއްބާ ބަޔަކަށް ފެނިއްޖިއްޔާ ރަނގަޅެއްނުވާނެ.. ބަސް އަހައިގެން ދޭބަލަ ދެން.. އިރާދަކުރެއްވިއްޔާ މާދަން އަންނާނަމޭ... އިރާދަކުރެއްވިއްޔާ އަހަރެންގެ އުއްމީދަކީ ދާއިރު ކައިވެނިކޮށްގެން ނަޖްވެސް ގޮވައިގެން ދިޔުން.." އާކިންގެ ފަހު ޖުމްލައާއެކު ނަޖުވާގެ މިލާފައިވާ މޫނަށް އުފާވެރިކަން ވެރިވިއެވެ.
" އަސްލުތަ؟.." ހިނިތުންވެލަމުން އެހެން އަހަލިއިރު ނަޖުވާގެ ނުފެންނަ އެންމެ ދަތެއްވެސް ނެތެވެ. އާކިން ހިނިތުންވެލަމުން ބޯޖަހައިލިއެވެ.
" ޔޭ.. އައިމް ސޯ އެކްސައިޓެޑް..." އުފަލުން ގޮސް ނަޖުވާ ބުންޏެވެ. ނަޖުވާ އުޅޭގޮތުން އާކިން ހުރީ ހެވިފައެވެ.
" ދެން ދޭ އަވަހަށް.. ގުޑް ނައިޓް.. " އާކިން ބުންޏެވެ.
" ގުޑް ނައިޓް.. " ނަޖުވާވެސް އެހެން ބުނުމަށްފަހު ދޮރާށި ހުޅުވާލާފައި އެތެރެއަށް ވަނެވެ.
***************************
ހެނދުނުގެ ވަގުތެވެ. ހަވާދު ހެދުމަށްޓަކައި ބޮޑު ފިޔައި އެއްޗެއް ކޮށަށް ޖޯލީގައި ރީނާ އިނެވެ. ފަރިތަކަމާއެކު ފިޔައި ކޮށަމުން ދިޔަ ނަމަވެސް އޭނާގެ ދެލޯ އަމާޒުވެފައި ހުރީ ބިންމައްޗަށެވެ. ފިޔައިން ނަގާ ދިލައިގެ ސަބަބުން އޭނާގެ ދެލޯ ތެންމާލަފައިވީނަމަވެސް އޭނާގެ ހިތުގައި އަޅަމުން ދިޔަ ވޭންވެސް ކުޑައެއް ނޫނެވެ.
ދޮރުމަތިން ކުއްލިއަކަށް އިވުނު އަންހެނެއްގެ ސަލާމުގެ އަޑުން ރީނާގެ ދެލޯ ވިދައިގަތެވެ. އެއީ އެއަޑެއް އޭނާއަށް ދުވަހަކުވެސް ނޯޅޭނެ އަޑެކެވެ. އަވަސް ހަރަކާތަކާއެކު ފިޔައި ތަށި ޖެހިގެން ހުރި ޖޯލީގައި ބެހެއްޓުމަށްފަހު ދެލޯ ފޮހެލަމުން ދޮރާ ދިމާލަށް ދިޔައެވެ. ވަދެގެން އައި ހުރާޝާ އާއި އައްބާސް ފެނުމުން ރީނާ އުފާވިނަމަވެސް އެވަގުތު އޭނާގެ ހިތަށް ގަދަވެގަތީ ހިތްދަތިކަމުގެ ވޭނީ އިހުސާސެވެ. އޭނާ އެންމެ ބޭނުންވެފައިވީ ވަގުތު އެންމެ ގާތް އެކުވެރިޔާ ފެނުމުން ރީނާއަށް އޭނާގެ އިހުސާސްތައް ކޮންޓްރޯލެއް ނުކުރެވުނެވެ. މިވަގުތު ރީނާގެ އިހުސާސްތައް ހުންނާނެގޮތް އެނގި ހުރާޝާ އަވަސް އަވަހަށް އައިސް ރީނާ ގައިގައި ބައްދައިލިއެވެ. އެއާއެކު ރީނާގެ ބަޑި ފަޅައިގެން ދިޔައެވެ. އެވަގުތު ދުރުގައި ބަލަހައްޓައިގެން ހުރި އައްބާސްގެ ލޮލުންވެސް ކަރުނާ ނީރާލިއެވެ.
" ހުއްޓާލާ ރީނާ.. އެހެންނޫނީ ކުދީންނަށް އިވިދާނެ.." ރީނާގެ ދެލޯ ފޮހެދެމުން ހުރާޝާ ބުންޏެވެ. އެވަގުތުވީ ގޭތެރެއިން މުއީންވެސް ނިކުތް ވަގުތަށެވެ. އައްބާސްގެ ދެމަފިރިން ފެނިފައި މުއީނަށް ލިބުނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. މުއީން ފެނުމުން އައްބާސަށް ދުރުގައި ނުހުރެވުނެވެ. ގޮސް މުއީން ގައިގައި ބައްދައިލެވުނުއިރު އައްބާސްގެ ދެލޯ ފެންކަޅި ވެއްޖެއެވެ. މުއީންވެސް ނުރޯން މަސައްކަތް ކުރަމުން ހިނިތުންވެވޭތޯ ބެލިއެވެ.
މުއީން އާއި އައްބާސަކީ ޒަމާންވީ ދެއެކުވެރިންނެވެ. އެންމެ ފުރަތަމަ އެދެމެދުގައި އެކުވެރިކަމެއް އުފެދުނީ ދެކުދިން މަޖީދިއްޔާ ސްކޫލުގައި ތައުލީމް ހާސިލް ކުރި ދުވަސްވަރުން ފެށިގެންނެވެ. އެއީ އެކަކު އަނެކަކަށް ވަފާތެރި އެކަކު އަނެކަކު ދެކެ ލޯބިވާ ގާތް ދެރަޙުމަތްތެރިންނެވެ.
އައްބާސަކީ މާލެއަށް އުފަން މުއްސަނދި އާއިލާއެއްގެ ތެރެއަށް ފޫޅުކެނޑުނު ކުއްޖެކެވެ. ކިޔެވުން ނިންމާލާފައި މުއީން ކައިވެންޏަކާ ދިމާލަށް ނަޒަރު އެއްލިއެވެ. ދުވަސްވީ ލޯބިވެރިޔާ ރީނާ އާ ކައިވެނިކުރުމަށް މުއީން އޭނާގެ އުފަން ރަށައް ދިޔައިރު ދިޔައީ އެކުވެރި އައްބާސްވެސް ގޮވައިގެންނެވެ. ރީނާގެ އެކުވެރި ހުރާޝާ އައްބާސަށް އެންމެ ފުރަތަމަ ފެނުނީ އެދަތުރުގައެވެ. ފުރަތަމަ ފެނިލުމާއެކު އައްބާސަށް ހުރާޝާއަށް އޭނާގެ ހިތްދެވުނެވެ. އެދަތުރުގައި އޭނާ އެރަށުން ފުރައިގެން ދިޔައީ އޭނާގެ އާއިލާގެ ރުހުމުގައި ހުރާޝާ އޭނާގެ އަތންބަކަށް ހަދައިގެންނެވެ.
*************
" ދެމަފިރިން އެކަނިތަ އައީ" އައްބާސް ދުރުކޮށްލަމުން މުއީން އަހައިލިއެވެ. އަރީކްގެ ދެމަފިރިންނާއި އަމްރާގެ އިތުރުން އާކިން އައިސް ގެއަށް ވަނީ އައްބާސަށް ވަކި އެއްޗެއް ނުބުނެވި އުޅެނިކޮށެވެ.
" މަންމަމެންނަށް ވުރެ ކުރިން ނިކުތް މީހުން އަދިކިރިޔާ ތި އާދެވުނީ؟" ހުރާޝާ އަހައިލިއެވެ.
" މިދޮންތި ވެއްޖެ މަދުފަޅަން އިން މީހަކު ފެންނައިރަށް ގޮސް އެމީހާ އަތުން އަތުލާފަ މަދު ފަޅަން ދަސްކުރަން... ޒޫން ވެއްޖެ އިންސްޓަ ސްޓޯރީއަށް ލާން ފޮޓޯކޮޅެއް ނަގަން.. އެހެންވެ ލަސްވީ މިދެމީހުންނާ ހެދި.." އަރީކް ބުންޏެވެ.
" މިތާ ކޮޅަށް ނުތިބެ ހިނގާ އެތެރެއަށް... " މުއީން ބުންޏެވެ.
" ކޮބާ ރޫބީއާއި ނަޖުވާ...." އެތެރެއަށް ވަންނަމުން ހުރާޝާ އަހައިލިއެވެ. ކޮޓަރީގައި ވާހަކަ ދައްކަން ތިބެފައި ސިޓިންގްރޫމުގައި ބަޔަކު ވާހަކަ ދައްކާހެން ހީވާތީ ނަޖުވާ އާއި ރޫބީ ނިކުތީ އެވަގުތުއެވެ. އެމީހުން ފެނުމުން ރޫބީގެ މޫނުމަތިން މާބޮޑު ހައިރާން ކަމެއް ނުފެނުނެވެ. އާކިން އައިސްގެން އުޅޭ ވާހަކަ މާކުރިން ނަޖުވާ އޮތީ އޭނާ ކައިރީގައި ބުނެފައެވެ.
" މިތިބީ ދޯ.. މާޝާﷲ.. ދުވަހެއް ދުވަހަކަށް މިކުދިންވެސް ވަރަށް ރިތިވަމުން ދޯ މިދަނީ" ސޯފާގައި އިށީންނަމުން ހުރާޝާ ބުންޏެވެ. ސޯފާގައި އިށީންނަން ދިޔަ އާކިން ނަޖުވާއާ ދިމާލަށް ބަލައިލީ މާނަފުން ބެލުމަކުންނެވެ. އެމަންޒަރު ފެނި ރޫބީ އޭނާ ކައިރީގައި ހުރި ނަޖުވާގެ ކޮނޑުގައި ކޮނޑުން ޖަހައިލިއެވެ.
" އައްބާސްބެ ނުވެސް ބުނެ ތިއައީ މަންމައާއި ބައްޕައަށް ސަޕްރައިޒެއް ދޭން ދޯ..." އައްބާސް އިން ސޯފާގެ ފަހަތުގައި ހުއްޓެމުން ރޫބީ އަހައިލިއެވެ. އައްބާސާއި މުއީން އެކަކު އަނެކަކާ އަވަސް ނަޒަރެއް ބަދަލުކޮށްލިއެވެ. އައްބާސް އެރަށައް އެއައީ މުއީންގެ އެދުމަކަށް ކަން އެނގޭނީ ރީނާ އާއި ހުރާޝާއަށް އެކަންޏެވެ.
" އަ.. އާނ... " އައްބާސަށް ބުނެވުނީ އެވަރަށެވެ. ދޮގު ހެދުމަކީ އޭނާއާށް ވަރަށް އުނދަގޫ ކަމެކެވެ.
" އެބައަންނަން ބޯލާނެ ފިނިއެއްޗެއް ހިފައިގެން..." ރީނާ ބުންޏެވެ.
" ނޫނޭ ރީނާ.. އިހަށް މިތާ އިށީނދެބަލަ.. އަސްލު އަހަރެމެން މިއައީ ވަރަށް މުހިންމު ވާހަކައެއް ދައްކަން ވެގެން... މިވާހަކަ ބުނާހިތުން އަހަރެމެން މިތިބީ ކެތްމަދުވެފަ... " ކައިރީގައި އިން ހުރާޝާގެ އަތުގައި ހިފައިލަމުން އައްބާސް ބުންޏެވެ. ހުރާޝާ ދެލޯ މަރައިލަމުން ބޯޖަހައިލީ ކުރިއަށް ދާށޭ ބުނާފަދަ ގޮތަކަށެވެ. އައްބާސްގެ ނަޒަރު އާކިންއަށް އަމާޒުވި ހިނދު މުއީނާއި ރީނާގެ ނަޒަރު ހުއްޓުނީ އައްބާސްގެ ފަހަތުގައި ހުރި ރޫބީއަށެވެ.
" ތިކުދިން ކައިރީގައި ނުބުނެ ބައްޕަމެން ވަރަށް ބޮޑު ނިންމުމެއް ނިންމައިފިން.. އެއީ ބައްޕަމެންގެ މިނިންމުމާ ދަރިފުޅުމެން ދެކޮޅު ނުވާނެކަން ޔަގީންވާތީ.. ދަރިފުޅުމެންނަށް ބައްޕަގެ އޮތް އިތުބާރެއްގެ ބޮޑުކަމުން..." އައްބާސްގެ ވާހަކަ އެހިސާބަށް ދިޔައިރު ހުރިހާ ކުދިންވެސް ތިބީ އެދައްކަން އުޅޭ ވާހަކައާ މެދު ވަރަށް ބޮޑަށް ސަމާލުވެގެންނެވެ.
" މިދަތުރުގެ ހަޤީޤީ މަޤްސަދަކީވެސް އެއީ... " އައްބާސް ބުންޏެވެ.
"ބައްޕަމެން ނިންމައިފިން އާކިންގެ ކައިވެނި ކުރުވަން..." އައްބާސްގެ ޖުމްލައާއެކު އެންމެންގެ މޫނުމަތިން ހިނިތުންވުން ފެންނަން ފެށިއެވެ. ރޫބީވެސް ވީ އުފަލުން ނަޖުވާއާ ދިމާލަށް ބަލައިލުމަށްފަހު ނިތްއަރުވައިލިއެވެ. ނަޖުވާގެ ތުންފަތްމަތިން ފެންނަމުން ދިޔައީ ލަދުރަކި އުއްމީދީ ހިނިތުންވުމެކެވެ. އާކިންވެސް ހިނިތުންވީ އޭނާގެ ހިތުގެ ހާލު ބުނުމަކާ ނުލާ އޭނާގެ މައިންބަފައިންނަށް އެނގުމުންނެވެ.
" ބައްޕަމެން ނިންމައިފިން ކުރިއަށް މިއޮތް ހަފްތާ ތެރޭ އާކިން އަދި.... ރޫބީގެ ކައިވެނި ކުރުވަން..." އައްބާސްގެ އެޖުމްލައިން ހީވީ އާކިންގެ ކަންފަތްކައިރީގައި ބޮމެއް ގޮއްވައިލިހެންނެވެ. ރޫބީގެ ތުންފަތްމަތިން ހިނިތުންވުން ގެއްލި ދެބުމަ ގޮށް ޖަހައިލެވުނެވެ. އޭނާއަށް ބަލައިލެވުނީ ފަހަތުގައި ހުރި ނަޖުވާއަށެވެ. ނަޖުވާގެ މޫނުމަތި ހުދުކަފަކޮޅެކޭ އެއްގޮތެވެ. ހިތަށް ކުރި ފުންއަސަރު ކަރުނައިގެ ސިފައިގާ ލޮލުން ފާޅުވާން އުޅުމުން އޭނާ މަޑު މަޑުން ފަހަތަށް ޖެހެމުން ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލިއެވެ. ރޫބީ ނަޖުވާގެ ފަހަތުން ދާން އުޅުނު ހިނދު ރީނާ ރޫބީ މަޑުކުރުވިއެވެ.
އަރީކާއި ޒޫނީވެގެން އާކިން އާ ދިމާކުރަމުން ދިޔައިރު އަމްރާ އޭނާގެ ކޮއްކޮއަށް މަރުހަބާ ކިއެވެ. އާކިން އިނީ ހަރަކާތެއްވެސް ކޮށްލަން ނޭނގިފައެވެ. އައްބާސްގެ އެޖުމްލަ އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، 26 އޮކްޓޯބަރ ވާ އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ.....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް