ޔުނައިޓެށް ނޭޝަންސް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗުރަލް އޯގަނައިޒޭޝަން (ޔުނެސްކޯ) ގެ ބަޔޮސްފެއާ ރިޒާވުގެ ލަގަބު އައްޑުސިޓީ އާއި ފުވައްމުލައްސިޓީއަށް ރަސްމީކޮށް މިއަދު ލިބިފައިވާއިރު އެތަންތަން ކުރިއަށް އޮތް ޖީލުތަށް ރައްކާތެރިކަމާއެކު ފޯރުކޮށް ދެވޭނީ އާންމު ރައްޔިތުންގެ އެއްބާރުލުމާއެކުގައި ކަމަށް އެންވަޔަރުމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.
ޔުނެސްކޯއިން އައްޑޫ އާއި ފުވައްމުލަކަކީ ބަޔޮސްފެއާ ރިޒާވުގެ ލަގަބު ލިބިފައިވާ ތަނެއްކަމަށް ކަނޑައެޅުމާ ގުޅިގެން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ހަސަން ވިދާޅުވީ، ބަޔޮސްފެއާ ރިޒާވުއަކީ އެ ރަށެއްގައި ދިރިއުޅޭ މީހުންގެ ލާބަޔަށް ކަނޑައަޅާ ތަންތަން ކަމަށާއިި، އެތަންތަނަށް ދޭ ގެއްލުން ހުއްޓުވަން ފުލުހުން ނުބޭތިއްބޭނެ ކަމަށެވެ.
ޑރ. ހަސަން ވިދާޅުވީ، އައްޑޫ އާއި ފުވައްމުލަކު ސިޓީ ބަޔޮސްފެއާ ރިޒާވަކަށް ހެދުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި އެ ސިޓީގެ މީހުންގެ ހިޔާލު ހޯދި ކަމަށެވެ. އަދި ސިޓީތަކުގެ މީހުން ތިބީ އެތަންތަން ބަލަހައްޓަން ކަން ހިޔާލުހޯދުމުގެ ތެރެއިން އެގުނު ކަމަށެވެ. އަދި ވިދާޅުވީ ގުދުރަތީ މާހައުލެއް ހިމާޔަތް ކުރެވެނީ އެ ރަށެއްގައި ދިރިއުޅޭ މީހުންނަށް ފައިދާއަށް ކަމަށް ވާއިރު މަދު ބަޔަކު ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތަކަށް ގެއްލުންދީ ހަދާކަން ފާހަގަކުރެވޭ ކަމަށެވެ.
އަދި އެގޮތަށް ދޭ ގެއްލުން ހުއްޓުވޭނީ ރައްޔިތުން ވީހާވެސް ބޮޑުކޮށް ހޭލުންތެރިކޮށްގެން ކަމަށް ވެސް ޑރ. ހަސަން ވިދާޅުވި އެވެ.
ބަޔޮސްފެއާ ރިޒާވުތަކުގެ މުހިންމުކަމާ ގުޅޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި މިސާލު ދައްކަވަމުން ޑރ. ހަސަން ވިދާޅުވީ، އައްޑޫ އާއި ފުވައްމުލަކި ސިޓީގެ ބަޔޮސްފެއާ ރިޒާވު އިސްތިހާރު ކޮށްގެން އެރަށުގައި ފަތުރުވެރިކަން ކުރި އެރުވޭނެ ކަމަށެވެ. އަދި ބަޔޮސްފެއާ ރިޒާވަށް ޒިޔާރަތް ކުރާ މީހުންގެ އަތުން ނަގާ ފީ ބޭނުން ކުރާނީ ވެސް އެރަށެއްގެ ލާބަޔާއީ މަންފާއަށް ކަމަށެވެ.
ކޮވިޑް-19 އިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ދިމާވެފައިވާ ދަތިކަމުގެ ސަބަބުން މިހާރު ކުރިން ލިބުނު ވަރަށް ގްރީން ޓެކްސް ނުލިބޭތީ ހިމާޔަތް ކުރެވިފައިވާ ތަންތަން އެންމެ އެދެވޭ ގޮތުގައި ނުބެލެހެއްޓޭކަން ޑރ. ހސަން ވަނީ ފާހަގަކުރައްވާފަ އެވެ. އެހެންކަމުން ބަޔޮސްފެއާ ރިޒާވުގެ ފަދަ މުހިންމު ތަންތަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށް ދިނުމަށް ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.
ބަޔޮސްފެއާ ރިޒާވުގެ ލަގަބަކީ10 އަހަރަށް ލިބިދޭ ލަގަބެކެވެ. އެއަށްފަހު އަލުން އެތަނެއް ދިރާސާ ކުރުމަށްފަހު ބަޔޮސްފެއާ ރިޒާވުގެ ލަގަބު ދޭން ފެންނަނަމަ ޔުނެސްކޯއިން އެލަގަބު ދޭނެ އެވެ. އަައްޑޫ އާއި ފުވައްމުލަކު ސިޓީއަކީ ބަޔޮސްފެއާ ރިޒާވުގެ ލަގަބަކަށް ހެދުމުގެ މަސައްކަތް އެންވަޔަރުމެންޓު މިނިސްޓްރީއިން ކުރަން ފަށާފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 30 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް