މިދިޔަ އަހަރަށް ވުރެ 33.8 މިލިއަން ރުފިޔާ ބޮޑުކޮށް، އޮޑިޓް އޮފީހުގެ އަންނަ އަހަރުގެ ބަޖެޓު ފާސްކޮށްފި އެވެ.
އޮޑިޓް އޮފީހުގެ ބަޖެޓަށް އަންނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 80.7 މިލިއަން ރުފިޔާ އެވެ.
މިއީ އޮޑިޓް އޮފީހަށް މިހާ ބޮޑު ބަޖެޓެއް ދިން ފުރަތަމަ ފަހަރެވެ.
އެ އޮފީހުގެ މިއަހަރުގެ ބަޖެޓަކީ 47.9 މިލިއަން ރުފިޔާ އެވެ.
އޮޑިޓް އޮފީހުން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ފުރަތަމަ ހުށަހަޅީ، 104.8 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށްނަމަވެސް މަޖިލީހުގެ މާލިއްޔަތު ކޮމިޓިން ފާސްކުރީ، 23 މިލިއަން ރުފިޔާ އުނިކޮށް ބަޖެޓް ފާސްކުރުމަށެވެ.
އެހެންކަމުން މާލިއްޔަތު ކޮމިޓީން ފާސްކުރި ގޮތަށް މަޖިލިސް ތަޅުމުން ވަނީ ބަޖެޓް ދިނުމަށް ފާސްކުރީ 54 މެމްބަރުންގެ ވޯޓުންނެވެ.
ރިކަރެންޓް ޚަރަދާއި އޮފީސް ހިންގުމުގެ ޚަރަދުގެ ގޮތުގައި 56.7 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ. އަދި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ގޮތުގައި ކަނޑައަޅާފައިވަނީ 25 މިލިއަން ރުފިޔާ އެވެ.
އޮޑިޓް އޮފީހުގެ ބަޖެޓުގައި އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތުގެ މުސާރައާއި އިނާޔަތުގެ ގޮތުގައި 795،000 ރުފިޔާ ވަނީ ހިމަނާފަ އެވެ. އެއީ މަހެއްގެ މައްޗަށް 61،250 ރުފިޔާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް