ގައުމުތަކުގެ އިގްތިސޯދަށް ގެއްލުންދޭކަމަށް ބުނެ ޕޮމްޕިއޯ ޗައިނާއަށް ފާޑުވިދާޅުވެއްޖެ

ޗައިނާއިން ގައުމުތަކުގެ އިގްތިސޯދަށް ގެއްލުންދޭކަމަށް ބުނެ އެ ގައުމަށް އެރިކާގެ ސެކްރެޓަރީ އޮސް ސްޓޭޓް މައިކަލް ޕޮމްޕިއޯ ފާޑުވިދާޅުވެއްޖެ އެވެ. ޕޮމްޕިއޯ މިހެން ވިދާޅުވީ މިހާރު ރާއްޖެއަށް ކުރައްވަމުން ...

28 Oct 2020 | 14:44

ޗައިނާއިން ގައުމުތަކުގެ އިގްތިސޯދަށް ގެއްލުންދޭކަމަށް ބުނެ އެ ގައުމަށް އެރިކާގެ ސެކްރެޓަރީ އޮސް ސްޓޭޓް މައިކަލް ޕޮމްޕިއޯ ފާޑުވިދާޅުވެއްޖެ އެވެ.

ޕޮމްޕިއޯ މިހެން ވިދާޅުވީ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ބައްދަލު ކުރެއްވުމަށް ފަހު ދެ ބޭފުޅުން ދެއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމެންޓުގައި އެވެ. މި ބައްދަލުވުމުގައި ޕޮމްޕިއޯ ވަނީ ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި އެވެ.

ޕޮމްޕިއޯ ވިދާޅުވީ ރާއްޖެ ފަދަ ގައުމުތަކަށް ޗައިނާއިން ދަނީ ސަލާމަތާއި ރައްކާތެރިކަމާއި ގުޅުން ހުރި ކަންކަމުގައި ބިރުދައްކަމުން ކަމަށެވެ. އެގޮތުން ރާއްޖެ އާއި އެހެން ގައުމުތަކަށް ޗައިނާގެ ސަބަބުން ތިމާވެށްޓަށާއި އިގުތިސާދަށް ބޮޑެތި ގެއްލުންތަކެއްވެފައި ކަމަށެވެ.

ޗައިނާގެ އަމަލުތައް ހުރިގޮތަށް ބަލާއިރު ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކުރިއަށް ވުރެ މުހިއްމު ވެފައިވާ ކަމަށް ވިދާޅުވިއެވެ. ޕޮމްޕެއޯ ވިދާޅުވީ ޗައިނާއިން އެގޮތަށް ކަންތައް ކުރަމުންދިޔަ ނަމަވެސް އެމެރިކާ ތަފާތު ވާނެކަމަށެވެ.

ޕޮމްޕިއޯ ފާހަގަ ކުރެއްވި ގޮތުގައި އެމެރިކާ އާއި ރާއްޖެއާ ދެމެދުގައި އޮތް ދިފާއީ ގުޅުން ދަނީ ކުރިޔަށްވުރެ ރަނގަޅުވަމުންނެވެ. އަދި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވަކަމުގެ ހެއްކަކީ ރާއްޖޭގައި އެމެރިކާ އެމްބަސީއެއް ހުޅުވަން ނިންމުން ކަމަށް ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ އެމެރިކާ އަބަދުވެސް އޮންނާނީ ރާއްޖޭގެ ރަނގަޅު ބައިވެރިއެއްގެ ގޮތުގައި ކަމަށެވެ.

ޕޮމްޕިއޯގެ މި ދަތުރުފުޅަކީ އެމެރިކާގެ އިސް އޮފިޝަލަކު 28 އަހަރު ފަހުން ރާއްޖެއަށް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް