ރިއާސީ ލޯންޗު ފިނެފެންމާ ގޮއްވާލި މައްސަލައާ ގުޅިގެން ޖަލު ބަންދުގައި ހުރި ސިފައިންގެ މީހެއް ކަމަށްވާ އަހުމަދު ތިހާމުގެ އަޑު އެހުންތަކަށް ފަނޑިޔާރުންގެ ސުވާލުތަކަށްފަހު ނިންމާލައިފި އެވެ.
ފިނިފެންމާ ގޮއްވާލުމުގައި ބައިވެރިވުމުގެ ކުށުގައި ތިހާމް ހައްޔަރުކުރީ 2015 ވަނަ އަހަރު ސެޕްޓެމްބަރު މަހު އެވެ. އޭނާގެ މައްޗަށް ކުރަނީ ފިނެފެންމާ ލޯންޗަށް އަރައި ތަހުގީގީ އުސޫލާ ހިލާފަށް ހެކި ނަގައިގެން ގެންދިޔަ ކަމުގެ ކުށުގެ ދައުވާ އެވެ. އެ މައްސަލައިގައި ތިހާމް ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. އެ މައްސަލައިގައި ދެން ހައްޔަރުކޮށް ހުކުމްކޮށްފައިވަނީ އޭރު މާލޭ އޭރިއާގެ ކޮމާންޑަރަކަށް ހުންނެވި އަހުމަދު ފަޔާޒު އާއި ސިފައިންގެ އިތުރު މީހެއް ކަމަށްވާ ދަފްތަރު 617 މުޒާ ޒަމީރުގެ މައްޗަށެވެ.
އެ މައްސަލައިގެ ކުށް ސާބިތުވެ ފަޔާޒު ދެ އަހަރަށް ޖަލަށްލާން ހުކުމް ވަނީ ކޮށްފަ އެވެ. އަދި މުސާ ޒަމީރު ހަތަރު މަހާއި 24 ދުވަހަށް ޖަލަލްލާން ހުކުމް ކުރި އެވެ. ފަޔާޒާއި މުސާ ޒަމީރުގެ ހުކުމް ހައި ކޯޓުން ވަނީ ފަހުން ބާތިލްކޮށްފަ އެވެ. ނަމަވެސް ތިހާމްގެ ހުކުމް ދަމަހައްޓަން ވަނީ ނިންމާފަ އެވެ.
ތިހާމް ޖަލުގައި ބެހެއްޓި މައްސަލަ އޭނާގެ ފަރާތުން އިސްތިއުނާފު ކުރުމުން މިއަދު ސްޕްރީމް ކޯޓުގައި ބޭއްވި އަޑު އެހުމުގައި ދެ ފަރާތުގެ ވާހަކަތަށް އަޑު އެހުމަށްފަހު ފަނޑިޔާރުންގެ ބެންޗުން ނިންމީ މައްސަަލައިގެ އަޑު އެހުންތަށް މިއަދަށް ނިމުނީ ކަމަށެވެ. އަދި އިތުރު ކަމެއް ސާފު ކުރަން ނުޖެހޭނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.
ދައުލަތުން މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ބުނެފައިވަނީ ތިހާމުގެ މައްޗަށް ކުށް ސާބިތު ނުކުރެވޭނެ ކަމަށެވެ. މިއަދު އަޑު އެހުމުގައި ދައުލަތުން ބުނެފައިވަނީ ތިހާމުގެ މައްޗަށް ކުށް ސާބިތު ނުވާނެ ކަމަށް މިހާރު ވެސް ދެކޭ ކަމަށެވެ. އަދި އެގޮތަށް ދެކެނީ އެ މައްސަލައިގައި ދެން ހައްޔަރުކުރި ފަޔާޒު އާއި މޫސާ ޒަމީރުގެ ހުކުމް ބާތިލްކޮށްފައި ވުމުން ކަމަށެވެ.
ތިހާމުގެ މައްސަލައިގައި ދައުލަތުން އެގޮތަށް ދެކޭތީ ފަނޑިޔާރުންގެ ބެންޗުން މައްސަލައިގެ ސްޓޭންޑު ބަދަލުވީތޯ އައްސަވާފަ އެވެ. އެއަށް ޖަވާބު ދެއްވަމުން ދައުލަތުން ވިދާޅުވީ، މައްސަލައިގެ ސްޓޭންޑު ބަދަލުނުވާ ކަމަށާއި، އެކަމަކު ހައި ކޯޓުގެ ނިންމުން އޮތްގޮތުން ސިފައިންގެ ވެރިންގެ އަމުރު ނުވަތަށް ޗެއިން އޮފް ކޮމާންޑަށް ތަބާވެގެން ތިހާމް ކުރި އަމަލާ ގުޅިގެން އޭނާ ކުށްވެރިވާނެ ކަމަށް މިހާރު ނުދެކެނީ ކަމަށެވެ. އަދި ތިހާމު ތަބާވެފައިވަނީ އޭނާގެ ސީނިއާ އޮފިސަރު ފަޔާޒުގެ އަމުރަށް ކަމަށެވެ.
މައްސަލައިގައި ދައުލަތުން މިހާރު ގަބޫލުކުރާ ސްޓޭންޑު ހާމަކޮށް ދިނުމުން ފަނޑިޔާރުން ވަނީ އިތުރު ސުވާލެއް ދައުލަތާއި އަމާޒު ކުރައްވާފަ އެވެ. ފަނޑިޔާރުން ދައުލަތުން ކުރެން އެއްސެވީ، އެއްވެސް ފަރާތެއްގެ އިރުޝާދެއް ނެތި ލޯންޗަށް އަރައި ހެކި ގެންދިއުމުގެ ބާރު ތިހާމަށް އޮންނާނެތޯ އައްސަވާފަ އެވެ. ފަނޑިޔާރުންގެ އެ ސުވާލަށް ޖަވާބު ދެއްވަމުން ދައުލަތުން ވިދާޅުވީ، އޭރު ދައުލަތަށް އެގޮތަށް ގަބޫލު ކުރެވުނީ އޭނާއާ ދެކޮޅަށް ލިބިފައިވާ ހެކިތަކުގެ މައްޗަށް ރިއާޔަތް ކޮށްފައި ކަމަށެވެ. ނަމަވެސް ފަޔާޒާއި މޫސާ ޒަމީރުގެ މައްސަލާގައި ހައި ކޯޓުގެ ނިންމުން އޮތްގޮތުން ހަމަހަމަކަން ގާއިމުކުރަން ދައުލަތުން ބޭނުންވާތީ ކަމަށެވެ.
މިއަށް ރައްދު ދެއްވަމުން ފަނޑިޔާރުން ވިދާޅުވީ، ހަމަހަމަކަން ގާއިމުކުރާނަމަ ފަޔާޒު އާއި މުސާ ޒަމީރުގެ މައްސަލާގައި ހައި ކޯޓުން ކުރި އިސްތިއުނާފު ނުކުރީ ކީއްވެތޯ ވިދާޅުވެ ތިން ވަނަ ސުވާލެއް ދައުލަތާއި އަމާޒު ކުރައްވާފަ އެވެ. ފަނޑިޔާރުގެ އެ ސުވާލަށް ދައުލަތުން ބުނީ، ހުކުމުގައި ގޯހެއް އޮތް ކަމަށް ފާހަގަ ނުވާ ނަމަ އެ ހުކުމެއް ދައުލަތުން އިސްތިއުނާފް ނުކުރާނެ ކަމަށެވެ.
އެ ޖަވާބާ ގުޅިގެން ފަނޑިޔާރުން ވަނީ ފުރަތަމަ ފަހަރަށް ދައުލަތާ ކުރެއްވި ސުވާލު ތަކުރާރު ކުރައްވާފަ އެވެ. އެ ތަކުރާރު ކުރެއްވުމުގައި ފަނޑިޔާރުން ވިދާޅުވީ، ހައި ކޯޓުގެ ނިންމުން ދެ ވަނަ ފަހަރަށް ދައުލަތުން ރަނގަޅު ކަމަށް ބުނުމަކީ މައްސަލައިގައި ދައުލަތުން ގެންގުޅޭ ސްޓޭންޑު ބަދަލުވުން ނޫންތޯ އައްސަވާފަ އެވެ. އަދި ދައުލަތުން އެގޮތަށް ދެކެނީ ނުބައި ދައުވާއެއް ބައެއްގެ ބައްޗަށް ކުރީ ކަމަށް ދައުލަތުން އެއްބަސްވަނީތޯ އައްސަވާފަ އެވެ.
މިފަހަރުގެ ޖަވާބު ދެއްވަމުން ދައުލަތުން ވަނީ ކުރިން ދިން ޖަވާބު ތަކުރާރު ކުރައްވާފަ އެވެ. ދައުލަތުން ވިދާޅުވީ މައްސަލައިގެ ސްޓޭންޑު ބަދަލުވާ ނުވާ ކަމަށާއި ވަކި ހިސާބަކުން މައްސަލައިގެ ހާލަތު ބަދަލުވީ ކަމަށެވެ. އަދި އޭރު އެންމެ ފުރަތަމަ ދައުވާކުރީ ދައުވާކުރި މައްސަލައިގެ ހެކި ހުރެގެން ކަމަށެވެ.
މިއަދުގެ އަޑު އެހުމުގައި ތިހާމަށް ވަނީ ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވާފަ އެވެ. އެ ފުރުސަތުގައި ތިހާމް ބުނީ، އޭނާ އަމަލުކުރީ ފަޔާޒުގެ އަމުރާއި އެއްގޮތަށް ކަމަށެވެ. އަދި އެ އަމުރާއި އެއްގޮތަށް ލޯންޗަށް ގެންދިޔައީ ސްޕޮންޖު އާއި ޓީޝޫ އަދި ފޮއިލް ކޮޅެއް ކަމަށދެވެ. އަދި ލޯންޗުން ބޮމެއް ގޮވާފައި ހުރި ތަނަކުން ފެންނާނެ ކަންކަން ނުފެންނަ ކަމަށާއި، ލޯންޗުން ސާމްޕަލް ނަގައިގެން ގެންދިޔައީ ބަޑި ބޭހުގެ އަސަރު ހުރިތޯ ޗެކްކުރުމަށް ހުޅުލެއަށް ކަމަށެވެ. އަދި ސާމްޕަލްތަކުގެ ނަތީޖާ ލިބުމުން ސިފައިންގެ ވެރިންނާ ހަވާލުކޮށްފައި ވާނެ ކަމަށެވެ.
ތިހާމުގެ ވާހަކަ އަޑު އެހުމަށް ފަހު ފަނޑިޔާރުން ވަނީ ތިހާމުއާ ވެސް ސުވާލު ކުރައްވާފަ އެވެ. އެގޮތުން ކުށުގެ ވެށި ތަހުގީގު ކުރުމުގެ ދައުރެއް ސިފައިންނަށް އޮވޭތޯ އާއި ފުލުހުން އަދާކުރަން ޖެހޭ ޒިންމާއެއް އަދާކުރަން ތިހާމް ލޯންޗަށް އެރީ ކީއްވެގެންތޯ ފަނޑިޔާރުން ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ތިހާމް ފަނޑިޔާރުންނަށް ދެންނެވީ، އޭނާ ލޯންޗަށް އެރީ ތަހުގީގު ކުރަން ނޫން ކަމަށާއި، އޭނާ ލޯންޗަށް އެރީ އިތުރު ގޮވާ އެއްޗެއް ނެތްކަން ކަށަވަރު ކުރަން ކަމަށެވެ. އަދި ބަޑި ބޭހުގެ އަސަރު ހުރިތޯ ބަލަން ކަމަށެވެ. އަދި ހަމަ އެ ދުވަހު އޭނާ ނޫނަސް ގިނަ އަދަދެއްގެ ސިފައިން އެ ލޯންޗަށް އެެރި ކަމަށެވެ.
ލޯންޗަށް އެރުމުގެ ކުރިން ފުލުހުންގެ ހުއްދަ ހޯދަން ތިހާމް ނުޖެހޭތޯ ފަނޑިޔާރުން ސުވާލުކުރުމުން، ތިހާމް ބުނީ، ލޯންޗުގައި އޭރު އުޅުނީ އެއްޗެއް ގޮވައިގެން ކަމަށާއި އެ ހާލަތުގައި ފުލުހުންގެ ހުއްދަ ހޯދަން ނުޖެހޭނެ ކަމަށެވެ. އަދި ލޯންޗަށް އެރި ވަގުތު އެތަނަކީ ކްރައިމް ސީނެއްކަން ދޭހަވާފަދަ އެއްވެސް ކަމެއް ނިޝާނެއް ނެތް ކަމަށެވެ. އަދި ލޯންޗަށް އޭނާ އެރުމަކީ ލިބުނު އަމުރަކާ އެއްގޮތަށް ކުރި ކަމެއް ކަމަށެވެ.
ތިހާމް ލޯންވަށް އަރަން ކުރި އަމުރަކީ ގާނޫނީ ހިލާފު އަމުރެއްކަމަށާއި އެ އަމުރަށް ތިހާމް ތަބާވާންޖެހޭތޯ ފަނޑިޔާރުން ވަނީ އައްސަވާފަ އެވެ. ޖަވާބު ދެއްވަމުން ތިހާމް ބުނީ އޭނާ އަކީ ގާނޫނީ މީހެއް ނޫން ކަމަށާއި އަދި ލޯންޗަށް އޭނާ އެރިއިރު އެތަން އޮތީ ކުށުގެ ވެއްޓެއްގެ ގޮތަށް ނޫން ކަމަށެވެ.
އެއަށްފަހު ތިހާމްގެ ފަރާތުން ވާހަަކަ ދެއްކީ އޭނާގެ ވަކީލު މަހުފޫޒް ސައީދު އެވެ. މަހުފޫޒް ވިދާޅުވީ ތިހާމު ލޯންޗުން ގެންދިޔަ ހުރިހާ އެއްޗެއް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ތިހާމް ހައްޔަރުކޮށްފައިވަނީ ލޯންޗުގައި އެއްޗެއް ގޮއްވާފައި ނުވާކަމަށް ތިހާމް ތައްޔާރުކުރި ރިޕޯޓުގައި ބަޔާންކޮށްފައި ވުމުން ކަމަށެވެ. އަދި އޭނާގެ މައްޗަށް އެންމެ ފުރަތަމަ ތުހުމަތުކުރީ ލޯންޗުގައި އެއްޗެއް ގޮއްވާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތު ކަމަށެވެ.
އަދި ފަހުން ލޯންޗުގައި އެއްޗެއް ގޮއްވާލުމުގައި ތިހާމްގެ ބައިިވެރިވުން ނެތް ކަމަށް ފުލުހުންނަށް ގަބޫލު ކުރެވެމުން އޭނާ ގޭ ބަންދަށް ބަދަލުކުރީ ކަމަށް ވެސް މަހްފޫޒް ވިދާޅުވި އެވެ. އަދި ތަހުގީގަށް ގެއްލުނީ ކޮން ހެއްކެއް ކަމެއް އަދި ތަހުގީގަށް އެޅުނު ހުރަހެއް ވެސް ދައުލަތަށް ބުނެ ނުދެވޭ ކަމަށް މަހުފޫޒު ވިދާޅުވި އެވެ.
ތިހާމުގެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޝުޖޫން މުހައްމަދު، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އެވެ. ރިޔާސަތު ބަލަހައްތަވަނީ ފަނޑިޔާރު އަޒްމިރަލްދާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް