ބޭންކުރަޕްސީ ބިލް ބަލައިގަންނަން މަޖިލީހުން ފާސްކޮށްފި

ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވި އިފްލާސްވުމާއި އިފްސާކުރުމުގެ ބިލް ނުވަތަ ބޭންކުރަޕްސީ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި އެވެ. މި ބިލް މަޖިލީހ...

28 Oct 2020 | 08:47

ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވި އިފްލާސްވުމާއި އިފްސާކުރުމުގެ ބިލް ނުވަތަ ބޭންކުރަޕްސީ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި އެވެ. މި ބިލް މަޖިލީހަށް ބަލައިގަންނަށް ކަމަށް ފާސްވީ 53 މެމްބަރުންގެ ވޯޓުންނެވެ.

ބޭންކުރަޕްސީ ގާނޫނު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވި ރަޝީދު އެ ބިލް ތައާރަފުކޮށްދެއްވަމުން މީގެ ކުރިން ވިދާޅުވެފައިވަނީ، ރާއްޖޭގައި މިހާރު ކަންތައްތައް ހުރި ގޮތުން، ވިޔަފާރިކުރާ މީހަކު ދަރަނިވެރި ވެއްޖެ ނަމަ އެ މީހާ ވިޔަފާރިކުރުމުގެ ފުރުސަތު އަލުން ނުލިބޭ ކަމަށާއި އެކަމަކު އިފްލާސްވުމުގެ ފުރުސަތު އޮންނަ ނަމަ އެ ފުރުސަތު އަލުން ލިބޭނެ ކަމަށެވެ. ބިލު ގާނޫނަކަށް ވުމުން، އެ ގާނޫނުގެ ދަށުން އިފްލާސްވެވޭނީ އަދި އިފްލާސް ކުރެވޭނީ ފަރުދުންނަށް ކަަމަށާއި ކުންފުނިތައްް އިފްލާސް ނުކުރެވޭނެ ކަމަށް ރަޝީދު ވިދާޅުވި އެވެ.

އެ ބިލްގައި ކުންފުނިތަކަށް އިފްލާސްވުމުގެ ފުރުސަތު ދީފައިނުވާތީ ބައެއް މެމްބަރުން ކުރީގެ ޖަލްސާތަކުގައި ނުރުހުން ފައުޅު ކުރިކަމުގައި ވިޔަސް، ޖުމްލަ ގޮތެއްގައި ހުރިހާ މެމްބަރުން ވަނީ އެއީ މުހިންމު ބިލެއް ކަމަށް ވިދާޅުވެފަ އެވެ. އެ މެމްބަރުންގެ ތެރޭގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އާއި މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހިމެނެ އެވެ.

ބިލްގައިވާ ބައެއް ކަންތައް މެމްބަރުންނަށް އޮޅުން ނުފިލުމުގެ ސަބަބުން މަޖިލީހަށް މާހިރުން ގެނެސްގެން އެބިލް ފާސް ކުރުމުގެ ކުރިން ވަނީ ތަފްސީލު ކޮށްފަ އެވެ.

ފަންސާސް ތިން މެމްބަރުންގެ ވޯޓުން އެ ބިލް ބަލައިގަތުމަށް މަޖިލީހުގެ ތަޅުމުން ނިންމުމުން، ވޯޓަށް އެހި ވަގުތު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން ހުރި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފިފު ވަނީ އެ ބިލް ދިރާސާ ކުރުމަށް ޖުޑިޝަރީ ސާވިސް ކޮމިޓީ (ޖޭއެސްސީ)އަށް ފޮނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮމިޓީ މަރުހަލާއަށް ފޮނުވި ބޭންކުރަޕްސީ ބިލް ގާނޫނަކަށްވުމުން،ކޯޓަށް ގޮސް ބޭންކްރަޕްސީ އިއުލާނުކޮށް، އެ މަރުހަލާ ނިމުމުން އަލުން އަނބުރާ ވިޔަފާރީގެ މަސައްކަތަށް ދިއުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި ދަރަންޏަށް ފައިސާ ދޭ ފަރާތުގެ މަސްލަހަތު ވެސް އެ ބިލު ގާނޫނަކަށް ވުމުން ހިމާޔަތްކުރެވޭނެ އެވެ.

މީގެ އިތުރުން ބިލުގައި ބުނެފައިވަނީ ބޭންކުރަޕްސީ ގާނޫނުގެ ދަށުން ހުށަހެޅޭ މައްސަލަތަށް ހަ މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް