ޔޫރަޕުގައި ކޯވިޑް ޖެހޭ މީހުންނާއި މަރުވާ މީހުންގެ ޢަދަދު އިތުރުވެ، ކަންބޮޑުވާ ދަރަޖައަކަށް ދާން ޖެހިއްޖެ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ އިން ބުނެފި އެވެ.
ޑަބްލިއުއެޗްއޯ ގެ ތަރުޖަމާން ޑރ. މާގަރެޓް ހަރިސް ވިދާޅުވީ ކޯވިޑް ބަލީގައި ޔޫރަޕުގެ ގައުމުތަކުގައި މަރުވާ މީހުންގެ ނިސްބަތް މީގެ ހަފުތާއެއް ކުރިއާ އަޅާ ބަލާ އިރު، 40 އިންސައްތަ މިހާރު އިތުރުވެފައިވާ ކަމަށެވެ.
"ފްރާންސް، ސްޕޭން، އިނގިރޭސިވިލާތް، ނެދަލޭންޑްސް އަދި ރަޝިޔާގައި ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ. ހޮސްޕިޓަލްތަކުގެ އައިސީޔޫތައް ދަނީ ފުރެމުން. މިއީ ވަރަށް ކަންބޮޑުވާން ޖެހޭ ކަމެއް" ޑަބްލިއުއެޗްއޯގެ ތަރުޖަމާން ޑރ. މާގަރެޓް ހަރިސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޔޫރަޕުގެ ގައުމުތަކުން ކޮންމެ ދުވަހަކުވެސް ޕޮޒިޓިވްވާ ރޭޓް ތިންބައިކުޅަ އެއްބަޔަށް އިތުރުވަމުން އަންނަކަމަށާއި މި ބަލި ކޮންޓްރޯލް ކުރަން ގައުމުތަކުން އަޅާ ފިޔަވަޅުތަކުގެ ނަތީޖާ އެންމެ އަވަހަށް ވެސް ފެންނާނީ ދެ ހަފުތާއެއްހާ ދުވަސް ފަހުން ކަމަށެވެ.
ކޯވިޑް ބަލީގެ ދުނިޔޭގެ ތަފާސް ހިސާބަށް ބަލާ އިރު، އިއްޔެއެކަނިވެސް ރަޝިޔާ އިން 320 މީހުން މަރުވެފައިވާ އިރު، އެ ގައުމުން މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 26،589 އަށް އަރައިފަ އެވެ.
މީގެ އިތުރުން އެމެރިކާ، އިންޑިއާ އަދި ބްރެޒިލަށް ފަހު އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ ވެސް ރަޝިޔާ އިންނެވެ. ރަޝިޔާގައި ދަނީ ދުވާލަކު ހާހަކަށް ވުރެ ގިނަ މީހުން އެޑްމިޓްކުރަމުންނެވެ.
ފާއިތުވި 24 ގަޑި އިރުގެ ތެރޭގައި ފްރާންސް އިން 523 މީހުން މަރުވެފައިވާ އިރު، ސްޕޭނުން ވަނީ 267 މީހުން، އިޓަލީން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ވަނީ 221 މީހުން މަރުވެފަ އެވެ. އަދި އިނގިރޭސިވިލާތުން ވަނީ 367 މީހުން މަރުވެފަ އެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރަޝިޔާ އިން ފާއިތުވި ސައުވީސް ގަޑި އިރު 16،550 މީހުން ޕޮޒިޓިވްވިއިރު، ފްރާންސް އިން 33،417 މީހުން، ސްޕޭނުން 18،418 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އިނގިރޭސި ވިލާތުން 22،885 މީހުން، އިޓަލީން 22،000 މީހުން މި ބައްޔަށް ޕޮޒިޓިވްވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް