ޕޮމްޕިއޯ ރާއްޖެ ވަޑައިގަތުން، 28 އަހަރަށް ފަހު އެމެރިކާގެ އިސް އޮފިޝަލެއްގެ ރަސްމީ ފުރަތަމަ ދަތުރުފުޅު

މިއަދު ރާއްޖެ ވަޑައިގެންނަވާ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯގެ ދަތުރުފުޅަކީ ވޭތުވެދިޔަ 28 އަހަރުގެ ތެރޭގައި އެގައުމުގެ އިސް އޮފިޝަލަރު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވ...

28 Oct 2020 | 08:14

މިއަދު ރާއްޖެ ވަޑައިގެންނަވާ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯގެ ދަތުރުފުޅަކީ ވޭތުވެދިޔަ 28 އަހަރުގެ ތެރޭގައި އެގައުމުގެ އިސް އޮފިޝަލަރު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ޕޮމްޕިއޯ ރާއްޖެވަޑައިގެން މިއަދުގެ ވަގުތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ބައްދަލުކުރައްވާނެ އެވެ. ޕޮންޕިއޯގެ މި ދަތުރުފުޅުގައި ކޯވިޑްް-19 އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތާއި ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ.

ކޯވިޑާއި ދެކޮޅަށް ކުރާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ޕޮމްޕިއޯގެ މި ދަތުރުފުޅުގައި ރާޢްޖެއަށް 60 ވެންޓިލޭޓަރާއި ޕީޕީއީތަކެއް ހަދިޔާ ކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށް އެހީތެރިވުމުގެ ގޮތުން ދެ މިލިއަން ޑޮލަރު ދިނުމަށް ހަމަޖެހިފައިވެ އެވެ.

މީގެ އިތުރުން ތަރައްގީގެ މަޝްރުއުތަކަށް އެމެރިކާއިން އެހީތެރިވުމުގެ ގޮތުން 35 މިލިއަން ޑޮލަރު ދޭނެ އެވެ. ދިވެހި ސަރުކާރުން ބުނީ މި ފައިސާ އަކީ މިދިޔަ އަހަރުގެ މާޗް މަހު ދެ ގައުުމުގެ ދެމެދުގައި ކުރެވިފައިވާ މަޝްވަރާތަކުގެ ދަށުން އެމެރިކާއިން ދޭ އެހީއެއް ކަމަށެވެ.

ޕޮމްޕިއޯގެ ދަތުރަކީ 28 އަހަރު ދުވަހުގެ ތެރޭގައި އެމެރިކާގެ ހާރިޖީ ވަޒީރަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރެވެ. އެމެރިކާގެ ހާރިޖީ ވަޒީރަކު ރާއްޖެއަށް އެންމެ ފަހުން ދަތުރެއް ކުރެއްވީ ޖުލައި 1992 ގައި، އޭރުގެ އެމެރިކާގެ ހާރިޖީ ވަޒީރަކީ ޖޭމްސް ބޭކާ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ސައުތް އޭޝިއާގެ ގައުމުތަކަށް ޕޮމްޕިއޯ ކުރައްވާ ދަތުރުފުޅުގައި މި ސަރަހައްދުގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަކުރުން ފަދަ ކަންކަމާ ބެހޭ މަޝްވަރާތައް ކުރައްވާނެ ކަމަށެވެ. އޭނާ ރާއްޖެއަށް ވަޑައިގެންނެވުމުގެ ކުރިން ވަނީ އިންޑިއާ އާއި ސްރީ ލަންކާ އަދި އިންޑޮނީޝިއާ އަށް ޒިޔާރަތްކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް