ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ މައުލޫމާތު ހާމަ ނުކުރީ ގާނޫނާއި އެއްގޮތަށް ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ކަނޑައެޅި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރަން ނިންމައިފި އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ މައުލޫމާތު ހާމަ ކޮށްދިނުމަށް ޑިފެންސް މިނިސްޓްރީގައި އެދުމުން އެ ކަމަށް ދެކޮޅު ހެދުމުން އެ މައްސަލަ އެ މިނިސްޓްރީއަށް ހުށަހެޅި ދިޔަސްރެސް އޮންލައިންގެ ނޫސްވެރިޔާ އަހުމަދު އަޒާން ވަނީ އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅާފައި އެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެ މައްސަލަ ބެލުމަށް ފަހު އިއްޔެ ނިންމާފައިވަނީ ޑިފެންސް މިނިސްޓްރީ އާއި އެއްކޮޅަށެވެ.
އިއްޔެގެ އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު ވިދާޅުވީ ރާއްޖޭގައި ތިބި ބޭރު ގައުމުތަކުގެ ސިފައިންނާއި ގުޅޭ މައުލޫމާތު ހާމަނުކުރަން ޑިފެންސުން ނިންމާފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށްވާތީ އެ ނިންމުން ބަދަލުކުރަން ޖެހޭ ކަމަށް ނުފެންނަ ކަމަށެވެ. ފިޔާޒު ވިދާޅުވީ އައިކޮމްގެ ނިންމުމާއި މެދު އިއުތިރާޒުވާ ނަމަ ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފުކުރުމުގެ ހައްގު އަޒާންއަށް ލިބިގެންވާ ކަމަށެވެ.
"ދުވަސް" އަށް މައުލޫމާތު ދެމުން އަޒާން ބުނީ އައިކޮމްގެ ނިންމުން އޭނާ ހައި ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށެވެ. އަދި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ މައުލޫމާތަކީ އާންމު ރައްޔިތުންނަށް އެނގެން ޖެހޭ މައުލޫމާތެއް ކަމަށް ގަބޫލު ކުރާ ކަމަށް ބުންޏެވެ.
އަޒާން ބުނީ އައިކޮމްގެ ނިންމުން ގަބޫލު ނުކުރާ ކަމަށާއި އިސްތިއުނާފު ކުރުމަށް އޮންނަ 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ހައި ކޯޓަށް މައްސަލަ ހުށަހެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މި މައްސަލައިގަ އައިކޮމްގައި ބޭއްވި އަޑުއެހުންތަކުގައި ޑިފެންސް މިނިސްޓްރީން ވަނީ އެއީ ގައުމީ ސަލާމަތަށް ނުރައްކާތެރި މައުލޫމާތަކަށް ވާތީ ހާމަކުރެވެން ނެތްކަން ލިޔުމުން އަޒާންއަށް އަންގާފައިވާނެ ކަމަށް ބުނެފައި އެވެ. އަދި އެ މައުލޫމާތު ދޭން ޑިފެންސް މިނިސްޓްރީން ދެކޮޅު ހެދީ ސިފައިންގެ ލަފާދޭ މަޖިލީހަށް ހުށަހެޅުމުން އެ މައުލޫމާތު ދޭން ދެކޮޅު ހެދުމުންނެވެ.
މި މައުލޫމާތު ދޭން ޑިފެންސުން ދެކޮޅު ހަދަނީ ދެފަރާތެއްގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ މައުލޫމާތު ހާމަކޮށްފި ނަމަ އެއީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުމަށް އަސަރުކޮށްފާނެ ކަމެއްކަމަށް ގަބޫލު ކުރެވޭ ކަމަކަށް ވާތީ ކަމަށް ބުނެފައިވެ އެވެ. އަދި ރާއްޖެއަކީ އެއްވެސް ގައުމަކާއި އަރާރުން ނުއުފެދޭ، ވަރަށް ޑިޕްލޮމެޓިކް ގައުމެއް ކަމަށާއި ގުޅުމަށް ބުރޫ އަރާފަދަ އެއްވެސް ކަމެއް ކުރާކަށް ބޭނުން ނުވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް