ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމުގެ ގެއިން ފިސްތޯލެއް ފެނުނު މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއީ ފުލުހުން ސުވާލުކޮށްފި އެވެ.
ފިސްތޯލު މައްސަލައިގައި ސުވާލު ކުރުމަށް އަދީބު ފުލުހަށް ހާޒިރު ކުރީ މިދިޔަ ހަފުތާގަ އެވެ. އޭރު އަދީބު ގެންދިޔައީ ގޭ ބަންދުގައި ހުރެގެން 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
ނާޒިމުގެ ދިރިއުޅުއްވާ ގެއިން ފިސްތޯލެއް ފެނިފައިވަނީ އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން ބަލައިފާސް ކުރުމުގެ ތެރެއިންނެވެ. ފިސްތޯލުގެ އިތުރުން ތިން ވަޒަނާއި ޕެންޑްރއިވެއް ވެސް އެގެއިން ފުލުހުން ވަނީ އެވިޑެންސް ގޮތުގައި ގެންގޮސްފަ އެވެ. ނާޒިމު ދިރިއުޅުއްވާ ގެ ބަލައި ފާސްކުރީ ފުލުހުންގެ ސްޕެޝަން އޮޕަރޭޝަން ޑިޕާޓުމެންޓުގައި އޮންނަ ސުވަޓް ސްކޮޑުންނެވެ.
ފިސްތޯލު ފެނުނު މައްސަލައިގައި ނާޒިމުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވެވި އެވެ. ފަހުން ނާޒިމުގެ މައްޗަށް ހަނގުރާމަވެރި ހަތިޔާރެއް ގެންގުޅުނު ކަމުގެ ކުށް ސާބިތުނުވާ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. ފިސްތޯލު ފެނުނު މައްސަލައިގައި އަދީބާ ގުޅުން އޮތް ކަމުގެ ހެކިތަކެއް ވަނީ މީގެ ކުރިން ލިބިފަ އެވެ. އެ ހެކިތަކާ ގުޅިގެން ފުލުހުން ދަނީ ނާޒިމުގެ ގެއިން ފެނުުނު ފިސްތޯލު މައްސަލަ އަލުން ބަލަމުންނެވެ.
ނާޒިމުގެ ގެއިން ފެނުނު ފިސްތޯލުން ވަނީ އަދީބުގެ ޑީއެންއޭ ފެނިފަ އެވެ. އަދި އެ ފިސްތޯލަކީ ނާޒިމުގެ ގެ ބަލައި ފާސްކުރަން ދިޔަ ޓީމުން ބޭއްވި އެއްޗެއް ކަމަށް އޭރު ނާޒިމުގެ ވަކީލަކަށް ހުންނެވި ބޭފުޅާ ވަނީ ވިދާޅުވެފަ އެވެ. އަދި ފުލުހުން ނާޒިމް ދިރިއުޅުއްވާތަން ބަލައިފާސް ކުރީ އޭނާގެ ހާޒިރުގައި ވެސް ނޫނެވެ. އަދި ބަލައިފާސް ކުރި މަންޒަރު ވިޑިއޯ ވެސް ނުކުރެ އެވެ. މީގެ އިތުރުން އެ ފިސްތޯލުން ނާޒިމުގެ ފިންގާޕްރިންޓު އަދި އޭނާގެ ޑީއެންއޭ ވެސް ފެނިފައެއް ނުވެ އެވެ.
މި ހުރިހާ ކަމަކަށް ބެލުމަށްފަހު ސުޕްރީމް ކޯޓުން ނިންމީ ނާޒިމުގެ މައްޗަށް ޖަލު ހުކުމް އިއްވާފައިވަނީ ރަނގަޅަށް ނޫން ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމަށްފަހު އެ މައްސަލައިގެ ތަހުގީގު އަލުން ފަށާފައިވައިރު ފުލުހުން ދެކޭ ގޮތުގައި ނާޒިމުގެ ގެއިން ފެނުނު ފިސްތޯލުގެ ހަގީގަތް އަދީބަށް އެގޭނެ އެވެ. އަދި އަދީބު ވެސް ވަނީ އެ ފިސްތޯލުގެ ހަގީގަތް ހާމަކުރުމުގެ ފުރުސަތެއް ލިބިއްޖެނަމަ އެކަމުގެ ހަގީގަތް ހާމަކުރާނެ ކަމަށް ވިދާޅު ވެފަ އެވެ. އަދީބު ވިދާޅުވެފައިވަނީ ފިސްތޯލުގެ މައްސަލައިގައި ނާޒިމް ފްރޭމްކޮށްފައިވަނީ ވަރަށް ބޮޑަށް ރާވައިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް