މި ސަރުކާރު ވެރިކަމަށް އައިސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ކޮރަޕްޓު ކުރާގޮތް ރައްޔިތުންނަށް ފެންނަމުންދާ ކަމަށް ކުރީގެ ނައިބު ރައީސް އަދި ޑރ. އަހުމަދު ޖަމީލް ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުން މިއަދު ޖަމީލު ވިދާޅުވީ، ކްރިމިނަލް ކޯޓު އަބްދުﷲ ގާޒީ ވަގަށް ނެގުމާއި، ސުޕްރީމު ކޯޓުގެ ތަޅުއަޅުވައި އެ ކޯޓުގެ ހިންގަން ކޮމިޓީއެއް ނަގައި ނަޝީދު ކުޅުއްވި ޑްރާމާތަށް ރައްޔިތުންނަށް ފެނި ރައްޔިތުން އެ ޑްރާމާތަކަށް ފަރިތަވެފައިވާ ކަމަށެވެ.
"ފަނޑިޔާރުން ވަގަށް ނަގައި، އެސްސީ ތަޅުއަޅުވާ، ހިންގަން ކޮމިޓީއެއް ނެގި، ރައީސް ނަޝީދުގެ ޑްރާމާ ދިވެހިންނަށް ފަރިތަ، ޖުޑިޝަރީ ކޮރަޕްޓު ކުރާ ގޮތް ރައްޔިތުންނަށް އެބަ ފެނޭ" ޖަމީލު ވިދާޅުވި އެވެ.
ނަޝީދު އިއްޔެ ކުރެއްވި އެ ޓުވީޓުގައި ވިދާޅުވެފައިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިރުޝާދާއި އެންގެވުމުގެ މަތިން ފަނޑިޔާރުގެތަށް ކޮރަޕްޝަންގެ އައްޑާއަކަށް ހަދައި، ގައުމު ބަނގުރޫޓުކޮށްގެން ޕީޕީއެމްއިން ކުރި ވެރިކަމުގައި ކަންތައްވީ ގޮތް ރައްޔިތުންނަށް އެގޭ ކަމަށެވެ.
އިއްޔެއަކީ ޕީޕީއެމަށް ނުވަ އަހަރު ފުރުނު ދުވަހެވެ. އެހެންކަމުން މިއީ އެ ދުވަހާ ނިސްބަތްކޮށް ނަޝީދު ޕީޕީއެމަށް ފާޑު ވިދާޅުވުމަށް ކުރެއްވި ޓުވީޓަކަށް ވުން އެކަށީގެންވެ އެވެ. ނޫނީ ޖޭއެސްސީގެ ފޯމޭޝަން ބަދަލުކުރަން އެމްޑީޕީއިން ވޯޓު ނުދިނުމުން އަމާޒުވި ފާޑު ކިއުންތަކަށް ދިން ރައްދެއް ކަމަށްވުން ވެސް އެކަށީގެންވެ އެވެ.
"ރާއްޖެ ބަނގުރޫޓު ކޮށްފަ، ފަނޑިޔާރުގެތަށް ކޮރަޕްޝަންގެ އައްޑާ ތަކަކަށް ބަދަލުވީ ރައީސް ޔާމީންގެ އިރުޝާދާއި ލަފަޔާ އެންގުމާއި ބައިވެރިވުމުގެ ތެރެއިން" ނަޝީދު ވިދާޅުވެފައިވެ އެވެ.
ސަރުކާރަށް ފާޑު ވިދާޅުވެ ޖަމީލު އިތުރަށް ވިދާޅުވީ، ދަރަނި ނުނަގާނެ ކަމަށް ބުނި މި ސަރުކާރުން ގައުމުގައި 172 ބިލިއަން ރުފިޔާއަށް ދަރަންޏެއް އަޅުވާފައިވާ ކަމަށެވެ. އަދި ރައްޔިތުން މިހާރު ބޭނުންވަނީ ވެރިކަމުގައި ތިއްބެވި ބޭފުޅުން އަވަހަށް ފައިބަން ކަމަށެވެ. އަދި މި ސަރުކާރުން ވަނީ އެއްވެސް އަސްލެއް ނެތް ވައުދާއި، އަސްލެއް ނެތް ރީފޯމު ތަކެއްކަން މިހާރު ރައްޔިތުންނަށް އެގިފައިވާ ކަމަށެވެ.
"ދަރަނި ނުނަގަން ބުނެ 172 ބިލިއަން އަޅުވައިފި، އަނެއްކާވެސް އަވަހަށް ފައިބަން ދިވެހި އެދެނީ، ހުސް ފޭކު ވައުދާ، ރީފޯމުކަން ފަޅާ އަޅައިފި" ޖަމީލް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް