މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނަތް ފަޅާ އަޅުވާލި ގާސިމް އަބްދުލް ކަރީމް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ރައީސަކަށް އައްޔަންކޮށްފި އެވެ.
އެންއައިސީގެ މަގާމުގަތަކުގައި ކުރިން ތިއްބެވި ބޭފުޅުން ވަނީ އިސްތުއުފާ ދެއްވާފަ އެވެ. އެ ބޭފުޅުން އިސްތިއުފާ ދިނުމުން އެންއައިސީގެ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާފަ އެވެ. އެ ފުރުސަތުގައި ގާސިމު ވެސް ވަނީ އެންއައިސީގެ މެމްބަރުކަމުގެ މަގާމަަށް ކުރިމަތިލައިފަ އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެންއައިސީއަށް އައްޔަން ކުރަން ފެންމަ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހަށް ފޮނުވި ނަންތަކުގެ ލިސްޓުގެ ކުރީގައި އޮތީ ވެސް ގާސިމެވެ.
ގާސިމް އެންއައީސީގެ ރައީސްގެ މަގާމަށް ކަނޑައަޅުއްވާފައިވާކަން އަންގަވައި ރައީސް ސޯލިހު ވަނީ މަޖިލީހަށް ސިޓީ އެއް ފޮނުވާފަ އެވެ. އެ ސިޓީ މިއަދުގެ މަޖިލީހުގެ ޖަލްސާގެ ތަޅުމުގައި ވަނީ އިއްވާފަ އެވެ.
ބޮޑު ހިޔާނާތާ ފަޅާ އަޅުވާލައި އެކަމާ ގުޅޭ ލިޔެ ކިޔުންތަށް ލީކްކުރި މައްސަލައިގައި ގާސިމަށް ވަނީ އެއް އަހަރާއި ހަތަރު މަހުގެ ޖަލު ހުކުމެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިއްވާފަ އެވެ. އެ ހުކުމް ތަންފީޒުކޮށް ނިމުނީ 2017 ވަނަ އަހަރު އެވެ.
އެންއައިސީއަށް އައްޔަން ކުރުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އުފަން ނައިފަރު ދައިރާއަށް ވާދަކުރައްވަން އެމްޑީޕީގެ ޕްރައިމަރީގައި ވެސް ވާދަކުރެއްވި އެވެ. އެކަމަކު ޕްރައިމަރީއިން ނާކާމިޔާބުވުމުން އެމްޑީޕީގެ ޓިކެޓެއް ނުލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް