ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމުގެ ގޮތުން އެމްޑީޕީއިން އިސްވެ އުފައްދާފައިވާ ކޯލިޝަން ތެރެއިން ބައެއް ޕާޓީތަށް ވަރަށް ބޮޑަށް ނިކަމެތިވެފައިވާ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށް އިސްލާހުކުރުމުގެ ބިލުގެ އިބްތިދާއި ބަހުސްގައި ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ، މިހާރު އޮތް ކޯލިޝަންގެ ތެރެއިން ފެންނަނީ ބައެއް ޕާޓީތަށް ނިކަމެތިވަމުންދާ މަންޒަރު ކަމަށެވެ.
"ކިހިނެއްތޯ މިވަނީ ފަހަރަކު ފަހަރަކު މީހަކު ވަކި ކުރަމުން ގޮސް ކޯލިޝަން ޕާޓީ އެއް ނިކަމެތިވާތަން މި ފެންނަނީ" ޝަރީފު ވިދާޅުވި އެވެ.
ޝަރީފު ކޯލިޝަން ތެރެއިން ޕާޓީއެއް ނިކަމެތިވެއްޖެ ކަމަށް އެ ބުނީ ޖުމްހޫރީ ޕާޓީއަށް ނިސްބަތް ކޮށެވެ. ޖުމްހޫރީ ޕާޓީގެ މަގާމެއްގައި ހެލްތު މިނިސްޓަރު ކަމުގެ މަގާމަށް ވަނީ އަބްދުﷲ އަމީން އައްޔަންކޮށްފަ އެވެ. ނަމަވެސް އަމީންގެ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެ އާންމުގެ ފާޑި ކިޔުމާއި އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަން ނިންމާފައިވަނިކޮށް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އަމީން އިސްތިއުފާ ދިނުމުން އެ މަަގާމަށް އައްޔަން ކުރީ އެމްޑީޕީގެ މެމްބަރެއް ކަމަަށް އަހުމަދު ނަސީމެވެ. އެއީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އާއިލީ ބޭފުޅެކެވެ.
އަދި ހަމަ ހައުސިން މިނިސްޓަރަކަށް އެމްއާރްއެމްގެ ފަރާތުން އައްޔަންކުރި އާމިނަތު އާތިފާ މަގާމުން އިސްތިއުފާ ދިނުމުން ރައީސް ސޯލިހު ވަނީ ހައުސިން މިނިސްޓްރީއާއި ޕްލޭނިން މިނިސްޓްރީ އެއްކޮށްލަން ނިންމައިފަ އެވެ. އޭރު ޕްލޭނިން މިނިސްޓަރަކަށް ހުންނެވީ އެމްޑީޕީގެ މެމްބަރެއް ކަމަށްވާ މުހައްމަދު އަސްލަމެވެ.
ޖާބިރުގެ އިސްލާހަށް ބަހުސް ކުރުމުގެ ތެރެއިން ޝަރީފު އިތުރަށް ވިދާޅުވީ މިހާރު މިއޮތް ވެރިކަމުގެ ތެރެއިން ފެންނަނީ އާއިލީ ވެރިކަމެއް ކަމަށާއި، އެއީ މަލްޓީ ޕާޓީ ސިސްޓަމެއްގައި ކަން ހިނގައިގެން ވާނެ ގޮތަކަށް މި ވެރިކަމުގައި ކަންތައް ނުހިނގާ ކަމަށެވެ.
ހަމަ އެއާއެކު ޝަރީފު ވިދާޅުވީ، ރައްޔިތުން އެދޭ ވެރިކަމެއް ކުރުމަށް ވަކި ނިޒާމެއް ނުވަތަ ވަކި ޕާޓީއެއް ވެރިކަމުގައި އޮތުން މުހިންމު ނޫން ކަމަށެވެ. ރައްޔިތުން އެދޭ ވެރިކަމެއް ކުރަން ބޭނުންވަނީ އިހުލާސްތެރިކަން ކަމަށް ޝަރީފު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް