ސިލޯން ބޭންކު ކުރިމަތިން ފައިސާތައް ފޭރެން އުޅުނު މައްސަލައިގަ މީހަކު ހައްޔަރުކޮށްފި

ބޭންކް އޮފް ސިލޯނަށް ޖަމާކުރަން ގެންދިޔަ ފައިސާތަކެއް އެ ބޭންކު ކުރިމަތިން ފޭރެން އުޅުނު މައްސަލައިގަ މީހަކު ހައްޔަރުކޮށްފި އެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެ ފޭރުން ހުއްޓުވ...

28 Oct 2020 | 04:34

ބޭންކް އޮފް ސިލޯނަށް ޖަމާކުރަން ގެންދިޔަ ފައިސާތަކެއް އެ ބޭންކު ކުރިމަތިން ފޭރެން އުޅުނު މައްސަލައިގަ މީހަކު ހައްޔަރުކޮށްފި އެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެ ފޭރުން ހުއްޓުވާފައިވަނީ ބޭންކު ކުރިމަތީގައި ހުރި ސެކިއުރިޓީ ގާޑެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައިގަ 20 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

އެ ދުވަހު ފޭރެން މަސައްކަތް ކޮށްފައިވަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ރޫޓު ކުންފުނީގެ ފައިސާތަކެކެވެ. ފައިސާތައް ފޭރެން އުޅުނު ދުވަހުގެ ސީސީޓީވީ ފުޓޭޖު އާންމުވެފައިވެ އެވެ.

އޭގެން ފެންނަ ގޮތުގައި ފޭރެން މަސައްކަތް ކޮށްފައިވަނީ ދެ ސައިކަލެއްގައި ދިޔަ ހެލްމެޓު އަޅައިގެން ތިބި ހަތަރު މީހެކެވެ. އެމީހުން ދަރުތުކޮށްފައިވަނީ ރޫޓް ކުންފުނީގެ ވޭނުގެ ފަހަތުންނެވެ.

ވޭން ސިލޯން ބޭންކަށް މަޑު ކުރިތަނާހެން ހެލްމެޓު އަޅައިގެން ތިބި މީހުން ވަނީ ވޭން ކައިރިއަށް ގޮސް ފައިސާ ފޭރިގަންނަން މަސައްކަތް ކޮށްފަ އެވެ. ފޭރަން ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރުމުން ވެސް ނާކާމިޔާބު ވެފަ އެވެ.

ފޭރެން އައި މީހުންގެ ތެރެއިން އެކަކު ފައިސާ އަޅާފައި ހުރި ދަބަސް ޖަހައިގަނެގެން ފިލަން މަސައްކަތް ކޮށްފަ ވެއެވެ. ނަމަވެސް ބޭންކު ސެކިއުރެޓީވަނީ އެ ދަބަސް އަނބުރާ އޭނާގެ އަތުން ހޯދުމަށްފަހު ރޫޓް ކުންފުނީގެ މުވައްޒިފަކާއި ހަވާލުކޮށްފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފޭރެން އުޅުނު ފައިސާގެ އަދަދު ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުއްޓެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް