ޗެމްޕިއަންސް ލީގް: ސާލްސްބާގްގެ މައްޗަށް އެތްލެޓިކޯ މެޑްރިޑުން ކުރި ހޯދައިފ

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުން އޮސްޓްރިއާގެ ސާލްސްބާގްގެ މައްޗަށް ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑުން ކުރި ހޯދައިފިއެވެ. އޮސްޓްރިއާގެ ސާލްސްބާގްގެ މައްޗަށް އެތްލެޓިކޯ އިން ކުރިހޯދީ 2-3 ގެ ނަތީޖާއ...

28 Oct 2020 | 04:30

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުން އޮސްޓްރިއާގެ ސާލްސްބާގްގެ މައްޗަށް ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑުން ކުރި ހޯދައިފިއެވެ.

އޮސްޓްރިއާގެ ސާލްސްބާގްގެ މައްޗަށް އެތްލެޓިކޯ އިން ކުރިހޯދީ 2-3 ގެ ނަތީޖާއަކުންނެވެ.

އެތްލެޓިކޯގެ އެސްޓޭޑިއޯ ވަންޑާ މެޓްރޮޕޮލިޓާނޯގައި ކުޅުނު މިމެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީވެސް އެތްލެޓިކޯއިންނެވެ. ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މާކޮސް ލޮރެންޓޭއެވެ.

އެހެންނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ސާލްސްބާގުން ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް މާގިމް ބެރިޝާ ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑޮމިނިކް ޒޮބޮސްލާއިއެވެ.

ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި މާގިމް ބެރިޝާވަނީ ލަނޑެއް ޖަހާ ފުރަތަމަ ފަހަރަށް މެޗުގައި ސާލްސްބާގަށް ލީޑުނަގާދީފައެވެ. އެހެންނަމަވެސް މާގިނައިރަކު އެޓީމަށް ލީޑުގައެއް ނޯވެވުނެވެ.

ސާލްސްބާގުން ލީޑު ނެގިތާ ފަސް މިނެޓުފަހުން ޖޮއާއޮ ފެލިކްސް ވަނީ އެތްލެޓިކޯއަށް ލަނޑެއް ކާމިޔާބުކޮށްދީ ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި މެޗުން އެތްލެޓިކޯ މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީވެސް ފެލިކްސް އެވެ.

މި ނަތީޖާތަކާއެކު މިވަގުތު ގްރޫޕް އޭގެ ދެވަނައިގައި ތިން ޕޮއިންޓާއެކު އޮތީ އެތްލެޓިކޯ މެޑްރިޑެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް