ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ގްރޫޕް އޭގައި ރަޝިއާގެ ލޮކޮމޮޓިވް މޮސްކޯ އާއި ދެކޮޅަށް ކުޅުނު މެޗުން ޖަރުމަނުގެ ބަޔާން މިއުނިކް މޮޅުވެއްޖެއެވެ.
ރޭގެ މެޗުން މޮޅުވެ ބަޔާންއިން ރެކޯޑެއް ހެދިއިރު، މިއީ ބަޔާން މިއުނިކް ޗެމްޕިއަންސް ލީގުގައި ޖެހިޖެހިގެން ހޯދި 13 ވަނަ މޮޅުކަން ފާހަގަކޮށްލެވެއެވެ.
ލޮކޮމޮޓިވް މޮސްކޯ ދަނޑުގައި ކުޅުނު މި މެޗުން ބަޔާން މޮޅުވީ 1-2 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ވަރަށް ކުރީކޮޅު ބަޔާންއިން ވަނީ ލަނޑެއް ޖަހާ ލީޑުނަގާފައެވެ. ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި ބެންޖަމިން ޕަވާޑް ދިން ޕާހަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިއޯން ގޮރެޓްޒްކާއެވެ.
ބަޔާންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި އެޓީމުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުނީ އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި އޮވެއެވެ.
މޮސްކޯއިން މެޗުގެ ދެވަނަ ހާފު ފެށީ ކުރީ ހާފާއި ޚިލާފަށް ވަރުގަދަ ކޮންނެވެ. އެގޮތުން މޮސްކޯއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ 70 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒީ ލުއިސް އޭރިއާ ތެރެއަށް ނަގައިދިން ހުރަހެއް ގޯލްގެ ތެރެއަށް ފޮނުވާލައިގެން އެންޓޮން މިރަންޗުކްއެވެ.
އެހެންނަމަވެސް އޭގެ ނުވަ މިނެޓުފަހުން މެޗުގެ 79 ވަނަ މިނެޓުގައި ޖޯޝުއާ ކިމިޗް ވަނީ ލަނޑެއް ޖަހާ ބަޔާން އަށް މެޗުގެ ލީޑު ދެވަނަ ފަހަރަށް ނަގައިދީފައެވެ.
ރޭ ބަޔާންއިން ހޯދި މޮޅާއި އެކު މިވަގުތު ގްރޫޕް އޭގެ އެއްވަނައިގައި ކުޅުމު ދެ މެޗުން ހަ ޕޮއިންޓު ހޯދައިގެން އޮތީ ބަޔާން މިއުނިކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް