ޗެމްޕިއަންސް ލީގް: ސިޓީން ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބު ކޮށް އެއްވަނައިގައި ހަމަޖެހިލައިފި

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގައި ރޭ ފްރާންސްގެ މާސެއި އަތުން އިނގިރޭސި ވިލާތުގެ މެންޗަސްޓަ ސިޓީ މޮޅުވެ ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ. މާސެއިގެ ދަނޑުގައި ކުޅުނު މިމެޗުން ސިޓީން ކާމިޔާބު ކ...

28 Oct 2020 | 04:09

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގައި ރޭ ފްރާންސްގެ މާސެއި އަތުން އިނގިރޭސި ވިލާތުގެ މެންޗަސްޓަ ސިޓީ މޮޅުވެ ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.

މާސެއިގެ ދަނޑުގައި ކުޅުނު މިމެޗުން ސިޓީން ކާމިޔާބު ކުރީ 0-3 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށިގެން ރަނގަޅަށް ކުޅެ ގިނަ ހަމަލާތައް އުފައްދަމުން އައީ ސިޓީންނެވެ. އެގޮތުން އެޓީމުން ވަނީ މެޗުގެ 18 ވަނަ މިނެޓުގައި ލަނަޑިޖަހާ ލީޑު ނަގާފައެވެ. ކެވިން ޑި ބްރޭނާގެ އެހީތެރިކަމާއިއެކު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފެރާން ޓޮރޭޒްއެވެ.

މެޗުގެ ފުރަތަަމަ ހާފު ސިޓީން ލީޑުގައި އޮވެ ނިންމާލިއިރު، މެޗުގައި އިތުރު ލަނޑެއް ޖަހާ ސިޓީން ލީޑު ފުޅާކުރީ ދެވަނަ ހާފުގެ 76 ވަނަ މިނެޓުގައި ގުންޑަގާން ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

އޭގެ ފަސް މިނެޓު ފަހުން ރަހީމް ސްޓާލިންގްވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 0-3 އަށް ބަދަލުކޮށްލާފައެވެ. މިއީ ޑި ބްރޭނާ މުޅިިން ހުސްކޮށްލާފައި ދިނުމުން ހުސްގޯލެއްގެ ތެރެއަށް ބޯޅަ ވައްދާލައިގެން ސްޓާލިންގް ކާމިޔާބުކުރި ލަނޑެކެވެ.

ގްރޫޕް ސީގައި ރޭ ކުޅުނު އިތުރު މެޗަކަށް ބަލާއިރު، ޕޯޗުގަލްގެ އެފްސީ ޕޯޓޯއިން އޮލިމްޕިއާކޯސްގެ މައްޗަށް ކުރިހޯދީ 0-2ގެ ނަތީޖާއަކުންނެވެ.

ރޭގެ މޮޅާއެކު ކުޅުނު ދެ މެޗުން ހަ ޕޮއިންޓު ހޯދައިގެން ސިޓީ އޮތީ ގްރޫޕް ސީގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި ޕޯޓޯ އޮތީ ތިން ޕޮއިންޓާއެކު ގޯލްގެ ތަފާތުން ކުރި ހޯދައިގެންނެވެ. ތިންވަނައިގައި އޮލިމްޕިއާކޯސް ވެސް ތިން ޕޮއިންޓާއެކު އޮތްއިރު ޕޮއިންޓެއް ނުލިބި ތާވަލުގެ ފުލުގައި އޮތީ މާސޭއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް