ޗެމްޕިއަންސް ލީގް: ރެއާލް މެޑްރިޑް ކުޅުނު ދެވަނަ މެޗުން ވެސް މޮޅެއް ނުހޯދުނު

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ބީގައި ރޭ ޖަރުމަނުގެ ބޮރޫޝިއާ މޮންޗެންގްލަޑްބަކާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު އެއްވަރުވެއްޖެއެވެ. ބޮރޫޝިއާ މޮންޗެންގްލަޑްބަކުގެ ބޮރޫޝިއާގެ ދަނޑުގައި ކުޅުނު މި...

28 Oct 2020 | 03:57

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ބީގައި ރޭ ޖަރުމަނުގެ ބޮރޫޝިއާ މޮންޗެންގްލަޑްބަކާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު އެއްވަރުވެއްޖެއެވެ.

ބޮރޫޝިއާ މޮންޗެންގްލަޑްބަކުގެ ބޮރޫޝިއާގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއިންނެވެ.

ރޭ ކުޅުނު މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައި، ރަނގަޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދީ ރެއާލް މެޑްރިޑުންނެވެ. ނަމަވެސް އެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް އެދެވޭ ގޮތެއްގައި ނުހިފެއެވެ. މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް މޮންޗެންގްލަޑްބަކެވެ. މި ލަނޑު މެޗުގެ 33 ވަނަ މިނެޓުގައި އަލެސޭން ޕްލީ ތަނަވަސްކޮށްދިން  ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ މާކަސް ތުރަމްއެވެ.

މެޗުގެ ފުރަތަމަ ހާފު މޮންޗެންގްލަޑްބަކުން ކުރީގައި އޮވެ ނިމުނު އިރު، މެޗުގައި މޮންޗެންގްލަޑްބަކުން ޖެހި ދެ ވަނަ ލަނޑު މެޗުގެ 58 ވަނަ މިނެޓުގައި ކާމިޔާބު ކޮށް ލީޑު ފުޅާކޮށް ދިނީވެސް ފުރަތަމަ ލަނޑުވެސް ކާމިޔާބު ކޮށްދިން ތުރަމްއެވެ. މޮންޗެންގްލަޑްބަކުގެ މި ލަނޑާއި އެކު ރެއާލް އިން މެޗުގެ ނަތީޖާ ބަދަލުކޮށްލުމަށް ގިނަ މަސައްކަތް ތަކެއް ކޮށްފައިވެއެވެ. އެގޮތުން ފުރަތަމަ ލަނޑު 87 ވަނަ މިނެޓުގައި ބެންޒެމާ ކާމިޔާބު ކޮށް ނަތީޖާގެ ފަރަގު ކުޑަކުރި އިރު، ރެއާލުން މެޗުގެ ނަތީޖާ ހަމަހަމަކުރި ލަނޑު ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޮސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކަސެމީރޯއެވެ.

މި ގްރޫޕުގައި ރޭ ކުޅުނު ދެވަނަ މެޗުގައި ޔޫކްރެއިންގެ ޝަކްތަރު ޑޮނެޓްސްކް އާއި އިޓަލީގެ އިންޓަ މިލާން ބައްދަލުކުރި މެޗު ނިމުނީ 0-0 ގެ ނަތީޖާއިން އެއްވަރުވެގެންްނެވެ.

މި ނަތީޖާތަކާއެކު ގްރޫޕް ބީގެ އެއްވަނަ ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއި އެކު ލިބެނީ ޝަހްތަރު ޑޮނެސްކް އަށެވެ. ދެވަނައިގައި މޮންޗެންގްލަޑްބަކް ދެ ޕޮއިންޓާއެކު އޮތްއިރު ތިންވަނައިގައި އިންޓަ މިލާންވެސް އޮތީ ދެ ޕޮއިންޓާއެކުގައެވެ. މޮންޗެންގްލަޑްބަކް އަށް ކުރިލިބެނީ ގޯލްގެ ތަފާތުންނެވެ. ފުލުގައި ރެއާލް އޮތީ އެންމެ ޕޮއިންޓަކާއެކު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް