އީރާނު ވެއްޓޭ މަންޒަރު އެމެރިކާއަށް ފެންނާނީ ހުވަފެނުގައި: ރައީސް ޕެޒެޝްކިއާން

ބޭރުގެ ފިއްތުންތަކާ ކުރިމަތިލުމުގައި ޤައުމީ އެއްބައިވަންތަކަމުގެ މުހިންމުކަން ފާހަގަކޮށް އީރާނު ވައްޓައިލުމުގައި އެމެރިކާ ކާމިޔާބު ނުވާނެ ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން މިއަދު ވިދާޅުވެއް...

28 Sep 2026 | 11:35
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން --

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން --

ބޭރުގެ ފިއްތުންތަކާ ކުރިމަތިލުމުގައި ޤައުމީ އެއްބައިވަންތަކަމުގެ މުހިންމުކަން ފާހަގަކޮށް އީރާނު ވައްޓައިލުމުގައި އެމެރިކާ ކާމިޔާބު ނުވާނެ ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން މިއަދު ވިދާޅުވެއްޖެ އެވެ.

އީރާނުގެ މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި ވޮޝިންޓަނާއި އިސްތިއުމާރީ އިޒްރޭލުން އީރާނުގެ ރައްޔިތުންގެ ކެތްތެރިކަމާއި ވަރުގަދަކަން އަންދާޒާކޮށްފައިވަނީ ނުބައިކޮށް ކަމަށް ޕެޒެޝްކިއާން ވިދާޅުވި އެވެ. ބޭރުން ކުރިމަތިކުރުވާ ޕްރެޝަރުގެ ސަބަބުން ޤައުމުގެ އެތެރޭގައި ހަމަނުޖެހުން އުފެދޭނެ ކަމަށް ދެ ފަރާތުން ލަފާކޮށްގެން ތިބި ނަމަވެސް އެކަން އެ ގޮތަށް ނުހިނގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އީރާން ރައީސް ވިދާޅުވީ އެމެރިކާއަށް އީރާނު ވެއްޓޭ މަންޒަރު ފެންނާނީ ހަމައެކަނި ހުވަފެނުގައި ކަމަށެވެ.

ސިޔާސީ އިޤުތިޞާދީ އަދި ޢަސްކަރީ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ޕެޒެޝްކިއާން ފާހަގަ ކުރެއްވި އެވެ. ހަމައެއާއެކު ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އިންސާނީ ޙައްޤުތަކަށް ފަރުވާލެއް ނެތި ޢަމަލުކުރަމުންދާ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވެސް ޕެޒެޝްކިއާން ފާޑުވިދާޅުވި އެވެ.

ޓްރަމްޕް އީރާނުގެ ރައްޔިތުންނަށް "ގަތުލުޢާންމު" ގެ ބިރު ދައްކަމުންދާ ކަމަށް ވެސް ޕެޒެޝްކިއާން ތުހުމަތުކޮށްފައިވެއެވެ.

އީރާނާއި އެމެރިކާގެ ގުޅުން ހީނަރުވެފައި އޮތް މި ދަނޑިވަޅުގައި ޕެޒެޝްކިއާންގެ މި ބަސްތައް އައީ ދެ ޤައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް ނުތަނަވަސްކަން އިތުރުވެފައިވާ ފައްތަރެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް