ދެ ކޯޓަކަށް އިސް ފަނޑިޔާރުން ހޯދުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އިޢުލާން ކޮށްފިއެވެ.
ޖޭއެސްސީ އިން ބުނީ ކްރިމިނަލް ކޯޓާއި ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ ދެ މަގާމަކީ މިވަގުތު ކްރިމިނަލް ކޯޓާއި ހައިކޯޓުގައި ތިއްބެވި ފަނޑިޔާރުންނަށް ހުޅުވާލާފައިވާ ފުރުސަތެއް ކަމަށެވެ.
މި މަގާމުތަކަށް އައްޔަން ކުރެވޭ ފަނޑިޔާރުންނަށް ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުގެމަތީން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތީން މެޑިކަލް އެލަވަންސް އާ ފޯނު އެލަވަންސް ލިބޭނެ އެވެ.
ޖޭއެސްސީ އިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މި މަގާމަށް ކުރިމަތިލާ ފަރާތަކީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު އަދާކުރަމުން ގެންދާ ފަރާތަކަށް ވާންވާނެ ކަމަށެވެ.
މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑި އަންނަ މަހުގެ 6 ވަނަ ދުވަހުގެ 13:00 އަށް ހަމަވާ އިރު، ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލާ ފަރާތްތައް ނެގުމުގައި އަމަލުކުރާނީ "ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަނުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ކަމަށް ޖޭއެސްސީ ގެ އިޢުލާނުގައި ބުނެފައި ވެއެވެ.
ކްރިމިނަލް ކޯޓްގެ އިސް ގާޒީގެ މަގާމަށް އައްޔަނުކުރާ ފަރާތަކަށް އަސާސީ މުސާރައާ ރިސްކް އެލަވެންސާއި ލިވިންގ އެލަވެންސްއާއި އެކު 49،300 ރުފިޔާ ލިބޭ އިރު، ހައިކޯޓްގެ އިސް ފަނޑިޔާރު ކަމަށް އައްޔަނުކުރާ ފަރާތަކަށް އަސާސީ މުސާރައާ ރިސްކް އެލަވެންސާއި ލިވިން އެލަވެންސްއާއި އެކު 56،300 ރުފިޔާ ލިބޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް