ގދ. ތިނަދޫ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ކޯވިޑް މެނޭޖްމެންޓު ފެސިލިޓީއެއް އެޅުމުގެ މަސައްކަތް ފަށައިފި އެވެ.
މި މަސައްކަތް ކުރަމުން ދަނީ އެމްޓީސީސީންނެވެ. މި މަޝްރޫއުގެ 15 ޕަސެންޓު މަސައްކަތް މިހާރު ނިންމައިފި އެވެ.
އެ ކުންފުނިން ބުނީ އެ ފެސިލިޓީގެ އަމަލީ މަސައްކަތް މިމަހުގެ 25 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ. މަސައްކަތް ނިމޭނެ ކަމަށް ލަފާ ކުރެވެނީ އަންނަ މަހުގެ 14 ވަނަ ދުވަހު ކަމަށެވެ.
މި ފެސިލިޓީއަކީ 22 އެނދުގެ ޖާގައިގެ ތަނެކެވެ. ފެސިލިޓީ ހަދާ ނިމޭއިރު އައިސީޔޫއެއްވެސް ހަދާނެ އެވެ.
ގދ. ތިނަދޫގައި ކޯވިޑް މެނޭޖްމެންޓު ފެސިލިޓީއެއް ހަދަން ފަށާފައި މިވަނީ އެ ރަށުން ކޯވިޑަށް ޕޮސިޓިވްވި އުމުރުން ދުވަސްވީ މީހަކަށް އިތުރު ފަރުވާ ދިނުމަށް އެ ސަރަހައްދަށް ހާއްސަކޮށް، ގއ. ވިލިނގިލީގައި ހަދާފައިވާ ފެސިލިޓީއަށް ގެންދިއުމުން އެ ރަށަށް ނޭރުވުމުގެ މައްސަލައެއް ކުރިމަތިވެފައި ވަނިކޮށެވެ.
މިވަގުތު ކޯވިޑް މެނޭޖްމެންޓު ފެސިލިޓީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ހަދާފައިވެ އެވެ. އެއީ ށ. ފުނަދޫ، ބ. އޭދަފުށި، ލ. ގަން، ގއ. ވިލިނގިލި އަދި އައްޑޫ ސިޓީގައި އެވެ.
މީގެ އިތުރުން އެމަޖެންސީ ކޯވިޑް ފެސިލިޓީގެ ގޮތުގައި ހއ. އިހަވަންދޫ އާއި ފުވައްމުލަކު ސިޓީގައި ދެ ފެސިލިޓީ ހަދާފައިވެ އެވެ. ޕޮސިޓިވްވާ މީހަކަށް އެ ތަންތަނުގައި މީހުންނަށް ފަރުވާދޭނީ އެހެން ފެސިލިޓީއަކަށް ގެންދެވެންދެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް