13 ރަށެއްގެ ދަނޑުގައި ޓާރފް އެޅުމަށް ސޮއިކޮށްފި

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރުމަށް ނިންމާފައިވާ ޓާރފް ދަނޑުގެ ތެރެއިން 13 ރަށެއްގެ ދަނޑުގައި ޓާރފް އެޅުމަށް މިއަދ...

28 Sep 2020 | 09:05

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރުމަށް ނިންމާފައިވާ ޓާރފް ދަނޑުގެ ތެރެއިން 13 ރަށެއްގެ ދަނޑުގައި ޓާރފް އެޅުމަށް މިއަދު ސޮއިކޮށްފިއެވެ.

މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ވީ.އޭ.އެމް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ވީއޭއެމްކޯ) އާއެވެ.

މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މިނިސްޓަރ އަޙްމަދު މަޙްލޫފްއެވެ. އަދި ވީއޭއެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޒުބައިރުއެވެ.

މި 13 ރަށުގެ ތެރެއިން ފުރަތަމަ ލޮޓްގައި ހިމެނެނީ ށ. ފުނަދޫ، ށ. ފޯކައިދޫ އަދި ށ. މިލަންދޫއެވެ. ދެވަނަ ލޮޓްގައި ހިމެނެނީ ނ. ކުޑަފަރި އަދި ނ. ވެލިދޫއެވެ. ތިންވަނަ ލޮޓްގައި ހިމެނެނީ ޅ. އޮޅުވެލިފުށި، ރ. ދުވާފަރު އަދި ރ. މާކުރަތެވެ.

ހަތަރުވަނަ ލޮޓްގައި ކ. މާފުށި، ކ. ގުޅި އަދި ކ. ގުރައިދޫ ހިމެނޭއިރު ފަސްވަނަ ލޮޓްގައި ހިމެނެނީ އއ. ރަސްދޫ އަދި ވ. ކެޔޮދޫއެވެ.

މި ލޮޓްތަކުގައި ހިމެނޭ ރަށްތަކުގެ ދަނޑުތަކުގައި ޓާރފް އެޅުމަށް ވީއޭއެމްކޯއަށް އެވޯޑްކޮށްފައިވަނީ ނޭޝަނަލް ޓެންޑަރ ބޯޑުންނެވެ.

މި 13 ރަށުގެ ދަނޑުގައި ޓާރފް އެޅުމަށް އެވޯޑް ކުރެވިފައިވަނީ 38,214,943.03 މިލިއަން ރުފިޔާއަށެވެ.

ކޮންމެ ލޮޓެއްގެ މަސައްކަތް ވެސް 120 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް ކޮންޓްރެކްޓްގައި ވަނީ ބަޔާންކުރެވިފައެވެ.

މިހާތަނަށް އައިއިރު މިނިސްޓްރީއިން ވަނީ ފަސް ރަށެއްގެ ދަނޑުގެ މަސައްކަތް ނިންމާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް