މައުލޫމާތު ނުދީ ހިފެހެއްޓުމަކީ އޮތް އިހުތިޔާރެއް ނޫން: ރައީސް

މައުލޫމާތު ނުދީ ހިފެހެއްޓުމަކީ އިދާރާތަކަށް އޮތް އިހްތިޔާރެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ. މިއަދު ފާހަގަ ކުރަމުންދާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދުވަހާ...

28 Sep 2020 | 08:36

މައުލޫމާތު ނުދީ ހިފެހެއްޓުމަކީ އިދާރާތަކަށް އޮތް އިހްތިޔާރެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަ ކުރަމުންދާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދުވަހާ ގުޅިގެން ރައީސް ވިދާޅުވީ ދައުލަތުގެ އިދާރާތަކުގައި ހިނގާ ކޮރަޕްޝަނާއި ހިޔާނާތާއި މަކަރާއި ހީލަތުގެ އަމަލުތައް ހުއްޓުވުމަށް އެންމެ މުހިއްމު ކަމަކީ ރައްޔިތުންނަށް އެނގެން ޖެހޭ މައުލޫމާތުތައް އެ އިދާރާތަކުން ހާމަކުރުން ކަމަށެވެ. މައުލޫމާތު ނުދީ ހިފެހެއްޓުމަކީ އެ އިދާރާތަކުގެ މުވައްޒަފުންނަށް އޮތް އަމިއްލަ އިހްތިޔާރެއް ނޫން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މައުލޫމާތު ހޯދުމުގެ ހައްގަށް ހުރުމަތްތެރިކޮށް ހިތުމަކީ ދައުލަތުގެ ކޮންމެ މުވައްޒަފެއްގެ ޒިންމާއެއް ކަމަށާއި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނަމުގައި، މިނިވަން މުއައްސަސާއެއް ގާއިމުކުރުމުގެ މަގްސަދަކީވެސް އެއީ ކަމަށެވެ. އަދި އެ ހައްގު ހޯދައިދިނުމަށް އެ އޮފީހުން ކުރަމުންދާ މަސައްކަތުގައި ދައުލަތުގެ ހުރިހާ އިދާރާތަކުން ފުރިހަމައަށް އެއްބާރުލުން ދޭންޖެ ހޭކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ރައީސްގެ ހިތާބުގައި ވިދާޅުވެފައިވަނީ މައުލޫމާތު ދިނުމަށް ފަސްޖެހޭ ވަރަކަށް ފަސާދައިގެ އަމަލުތަކަށް ޖާގަދެވޭނެކަމަށެވެ. އަދި މައުލޫމާތު ހާމަކުރުމަށް އިސްކަން ދޭވަރަކުން އެބައެއްގެ ނަޒާހަތްތެރިކަން އިތުރުވެގެންދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށެވެ. ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކުގެ ތެރޭގައި ހިމެނޭ މައުލޫމާތު ލިބިގަތުމުގެ ހައްގުު ވެސް ހަގީގީ މާނައިގައި ރައްޔިތުންނަށް ދޭން ކުރާ މަސައްކަތް ކާމިޔާބުވާނެ ކަމުގެ އުއްމީދު އޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މައުލޫމާތު ލިބިދިނުމާއި އާއްމުކުރުމުގެ ނިޒާމްގެ މުހިއްމު ހައްގު ކަށަވަރުވެގެން ދަނީ ގާނޫނުއަސާސީގެ 27، 28،29 ވަނަ މާއްދާ އެކުގައި މާނަކުރުމުން ކަމަށެވެ.

އެގޮތުން އެ ތިން މާއްދާއިން ކަށަވަރުކޮށްދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަމަކީ، ދައުލަތުގެ އެންމެހައި އިދާރާތަކާއި ވެރީންނާއި މުވައްޒަފުން ޒިންމާދާރުކުރުމަށް، ރައްޔިތުންނަށް ލިބިދީފައިވާ ދުސްތޫރީ ހައްގުތަކުން ގެތިފައިވާ ސިލްސިލާގެ، ވަކި ނުކުރެވޭ ވަރަށް ލާމެހިފައިވާ ތިން ބޮޅެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް